ކުުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމަށް އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށާއި އެހެންކަމުން ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ ދެ ދުވަހުގެ ޖަލްސާއިން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެދިލައްވާފައިވާ ކަންތައްތައް ނިންމަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި މަހުގެ 29ވަނަ ދުވަހުގެ ކުރިން ސަރުކާރަށް 800 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ. އަދި އެފައިސާއަކީ އެއްވެސް ހާލަތެއްގައި ޑޮލަރަށް ބަދަލުވެގެން ދާނެ ފައިސާއެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ބުނާ ގޮތުން ގުދުރަތީ ކާރިސާއެއް ނުވަތަ ބަލިމަޑުކަމުގެ ހާލަތެއް ދިމާވެއްޖެނަމަ މަޖިލީހުން ކަނޑައަޅާ މުއްދަތަކަށް ފިނޭންސް މިނިސްޓްރީން އެ ގާނޫނުގައި އަމަލު ކުރަން ލާޒިމުކުރާ ފިޒިކަލް އުސޫލުތައް ބަޔާން ކުރާ މާއްދާތަކުން އިސްތިސްނާ ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މިނިސްޓަރު އަމީރު ވަނީ އެ ސިޓީއާ އެކުގައި ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ އަދި މާލީ ލޮޅުމާއި އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމަށް މަޖިލީހަށް ލިޔުމެއް ފޮނުވާފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ތިން ސިނާރިއޯ އެއް އެކުލަވާލައިފައެވެ. އޭގެތެރެއިން މިނިސްޓަރު އަމީރު ވިދާޅުވަނީ މިހާރު ކުރިމަތިވާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ސިނާރިއޯއަކީ ސިނާރިއޯ ތިނެއް ކަމަށެވެ.

ސިނާރިއޯ ތިނެއްގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 50 އިންސައްތަ ދަށްވެ، ބެޑްނައިޓްސް 39 އިންސައްތަ ދަށްވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ރިއަލް އިކޮނޮމީގެ އެހެން ސެކްޓަރތަކަށް ވެސް މީގެ އަސަރުކޮށް، އިގްތިސާދުގެ ޖުމުލަ ޑިމާންޑް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއާއެކު، ރާއްޖޭގެ އިގްތިސާދު 2020 ވަނަ އަހަރު 5.11 އިންސައްތައިން ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ފަތުރުވެރިކަމަށް އަންނަ ބޮޑު ހީނަރުކަމާއެކު، ދައުލަތުގެ އާމްދަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރާ އަޅައި ބަލާއިރު 49 އިންސައްތަ ދަށްވާނެ ކަމަށް ސިނާރިއޯ ތިނެއްގައި ވަނީ ލަފާކޮށްފައެވެ. އެ ސިނާރިއޯގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 2.15 ބިލިއަން ރުފިޔާއެވެ. މި އަހަރު މިހާތަނަށް ލިބިފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އާމްދަނީ އަށް އަންނަ ހީނަރުކަމާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުން ލެވެލްއިން ފެށިގެން މަތީ ފަންތީގެ މުވައްޒަފުންގެ މުސާރަތައް 20 އިންސައްތަ ކުޑަކުރުމާއި، ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަ ކުރުމާއި، މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑުޖައްސާލުމާއި، އެހެނިހެން ރިކަރަންޓް ޚަރަދުތައް ވެސް ކުޑަކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލެޔާ ގައުމެއްނެތް މިމަހު މުސާރަދެވޭވަރުވެސް ނެތީ ސުއްބަނާ ގައުމު ދަވާލައިފި ދަރިންގެ ދަރިންނަށް ދާންދެން ދަރާ ވިކިއްޖެ މިއޮތީވާ ހެޔޮވެރިކަމެއްތާދޯ ކޮބާ ދުފާ ގަފޫރު ހީވޭ ކަމެއްހެން