ދުނިޔޭގެ ގިނަ ގައުމުތަކުން ފެނިފައިވާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާތީ ޝައްކުވާ މީހުންގެ ޓެސްޓް ހެދުމަށް މިހާތަނަށް 16 މީހަކު އައިޖީއެމްއެޗުން ތަމްރީނު ކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގެ ލެބޯޓްރީން، ކޮވިޑް-19ގެ ފުރަތަމަ ކޭސް ދެނެގަނެވުނުއިރު، އެބަލި ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓް ހެދުމުގެ ގާބިލުކަމާއި ތަމްރީނު ލިބިފައި ވަނީ އެ ހޮސްޕިޓަލްގެ އެންމެ ތިން މީހަކަށް ކަމަށެވެ.

އެހެން ނަމަވެސް އެ ވަގުތުން ފެށިގެން ހޮސްޕިޓަލުގެ ލެބޯޓްރީގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް އެކަމަށް ހާއްސަ ޓެކްނީޝަނުން ތަމްރީނު ކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މިގޮތުން އެ ހޮސްޕިޓަލްގެ ލެބޯރެޓަރީގެ 13 މީހުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ލެބޯރެޓަރީގެ އެކެއްގެ އިތުރުން "ޝީ" ގެ ލެބޯޓްރީގެ ދެ މީހުންނާ އެކު ޖުމުލަ 16 ޕްރޮފެޝަނަލުން މިހާރު ކޮވިޑް ޕީސީއާރަށް ތަމްރީން ކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ، މިވަގުތު 24 ގަޑިއިރު ތެރޭގައި ގާތްގަނޑަކަށް 300 ސާމްޕަލް ޕްރެސެސް ކުރެވި ނަތީޖާ ލިބޭނެ ކަމަށެވެ. އެހެން ނަަމވެސް މިހާރުގެ ހާލަތަށް ބަލައި، ޕީސީއާރު ލެބްގެ ކެޕޭސިޓީ ބިލްޑް ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު، އެތަނުގެ ލެބޯރެޓަރީން އެންމެ ބޮޑު އިސްކަމެއް ދީގެން އެހެން ބައެއް ޓެކްނީޝަނުންގެ އެހީތެރިކަމާއެކު ޓެސްޓު ސާމްޕަލެއް ލިބުމުން އެ ކެރީ ކުރާ ކޮންޓެއިނާ ޑިސްއިންފެކްޓް ކުރުމުން ފެށިގެން ގޮސް ސާމްޕަލް ޕްރޮސެސްކޮށް ނަތީޖާ ދޫކުރުމާ ހަމައަށް ވެސް ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔާލު

    ދިވެހިރާޖެ ހުރިހާ މީހުން ޓެސްޓު ކުރައްވީނު.އޭރުން ނަތިޖާލިބެނީ