ވިޔަފާރި ކުރާ ތަންތަނުން ކަސްޓަމަރުންގެ މެދުގައި ތަފާތު ކުރުންގެންގުޅޭނަމަ އެ ވިޔަފާރިއެއް ޖޫރިމަނާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ވިޔަފާރިކުރާ ތަނަކުން އެތަނަކުން ވިއްކާ މުދަލެއް ވިއްކުމުގައި، ނުވަތަ ޚިދުމަތް ދޭ ފަރާތަކުން އެފަރާތަކުންދޭ ޚިދުމަތެއް ދިނުމުގައި، ނަހަމަގޮތެއްގައި ވަކި ފަރާތެއް ތަފާތު ކުރުމާއި، އެފަދަ ގޮތެއްގައި، މުދަލެއް ވަކި ފަރާތަކަށް ނުވިއްކުމާއި ޚިދުމަތް ވަކި ފަރާތަކަށް ނުދިނުމަކީ ކުށެެއް ކަމަށެެވެ.

އަދި މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އޮންލައިން ޒަރީޢާއިން މުދާ ވިއްކުމާއި މުދާ ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުންދާއިރު، ވިޔަފާރިއަކުން ފޯރުކޮށްދޭ ޚިދުމަތަކީ، ވަކި ފެންވަރެއްގެ ޚިދުމަތެއްކަމަށް ޙަޤީޤަތާ ޚިލާފަށް ބަޔާންކުރުމަކީވެސް މަނާކަމެއް ކަަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މުދަލާ ނުބައްދަލު އަގެއްގައި މުދާ ވިއްކަމުންދާނަމަ، ރާއްޖޭގައި ވަކި ބާވަތެއްގެ ވިޔަފާރި މުދަލެއް އެއިރަކު ލިބެންހުރި ގޮތަކުން، ނުވަތަ ރާއްޖޭގެ އެއިރެއްގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، މުދަލުގެ އަގު ކޮންޓްރޯލްކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

އެ މިނިސްޓްރީން ވަނީ ޚިލާފުވާ ފަރާތްތަކާބެހޭ ޝަކުވާ [email protected] އަށް ހުށަހެޅުމަށް އެދިފައެެވެ.

އަދި މިޤާނޫނާ ޚިލާފުވާ ކޮންމެ ފަރާތަކަށްވެސް، ކޮވިޑް-19 އާ ގުޅިގެން މާލެސިޓީ ފުރަބަންދު ކުރެވިފައިވާ މުއްދަތުގައި ވިޔަފާރިކުރުމަށް ނުވަތަ މުދާ ޑެލިވަރކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރެވޭނެ ކަމަށެވެ.

އަދި، މިކަމާއި ޚިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި، އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އެންމެ ގިނަވެގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަރާބީ

    ބިދޭސީން ޑެލިވަރީގައި އުޅޭ ބައެއްްތަންތަނުގެ ސާވިސް ފުރަތަމަ ލިބެނީ އަދި އަވަހަށް ލިބެނީ ބިދޭސީންނަށޭ އަހަރުމެން ނުބުނާނަމެވެ. އެކަމަކު.....

    4
    1
  2. ދިވެހިން

    ކަންމަތީފިހާރަތަކެއްނުހުޅުވާ. ދެންކިހިނެއްތޯ ފިޔަވަޅުއަޅާނީ؟ ތިޢީ ފެންނެއް ކާށިބިނުންތޯ؟

  3. ވަލްޗާ

    ބަންގާޅީން ދިވެހިންގެ ނަމުގައި ހިންގާ ފިހާރަތަކުުން ހަމައެކަނި ސާވްކުރަނީ ބަންގާޅީންނަށް މިހާރު. ސަރުކާރުން އެކަހަލަ ތަންތަން ބަންދުކޮށްދީ. ބުނާނެ ކިހިނެއްހޭ ހޯދާނީ. .މިބުނަނީ ހޯދާނެ ގޮތް. ބަންގާޅީ ސޭޓެއް އިންނާނީ ބަންގާޅީން ގަވައިދާ ހިލާފަށް ހިންގާ ތަނެއްގައި!!!!!