ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށައި، މަސައްކަތް ނިމެން ކައިރިވެފައި ހުރި ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ 24 ކޮޓަރި ވަގުތީ ބޯހިޔާވަހިކަމަށް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވަމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ފުޓްބޯލް ސްކޫލްގެ 24 ކޮޓަރީގެ މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފަށާފައިވާކަމަށެވެ. އެކިގޮތްގޮތުން ބޯހިޔާވަހިކަމުގެ އެހީތެރިކަން ބޭނުންވާ މީހުން މިހާރު އެތަނަށް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

އެތަނުގެ ކޮންމެ ކޮޓަރިއެއްގައިވަނީ ބަންކުބެޑު ބަހައްޓައި ހަތަރު މީހުންނަށް ނިދޭގޮތަށް ހަމަޖައްސާފައެވެ.

މިނިސްޓަރ މަޙްލޫފް ވިދާޅުވީ މި މަސައްކަތަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއާއި އަދި ނައިބުރައީށް ފައިސަލް ނަސީމްގެ އިތުރުން މިިނިސްޓްރީގެ ޓީމުން ޚާއްސަ އިސްކަމެއްދީގެން ކުރެއްވި މަސައްކަތެއްކަމަށެވެ.

ޖެންޑަރ މިނިސްޓްރީއާއި ކަމާއި ގުޅުންހުރި މުޢައްސަސާތައް ގުޅިގެންދަނީ މަލޭގައި މަގުމަތިވެފައި ތިބި މީހުންނާއި، އަދި ގެއިން ނެރެލާފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދެމުންނެވެ. މިހާތަނަށް 124 އަށް ވުރެ ގިނަ މީހުންނަށް ސަރުކާރުން ވަނީ އެހީތެރިވެދީފައެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމެއް ދިމާވެއްޖެނަމަ ޖެންޑަރ މިނިސްޓްރީގެ ހޮޓްލައިން 1412 އަށް ގުޅުމަށް ވެސް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން (ފުރަބަންދު) ކުރުމުން ބައެއް މީހުންނަށް ވަނީ ރަށަށް ނުދެވި، އަދި މާލޭގައި ދިރިއުޅޭނެތަނަށް ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވެފައެވެ. އަދި މިދުވަސްވަރު ބައެއް މީހުންނަށް ގޭގެ ކުލި ނުދެއްކިގެން ވެސް ގެއިން ނެރެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑައެލޯގް

    މުޅިންދޮގު ހަދަނީ މިސަރުކާރުން ޔާމީނު ތިތަނަށް ބަޖެޓް ހަމަޖައްސައި ނިމެންގާތްވެފައި އޮއްވާ ދައުރުބަދަލްވީމަ، މިސަރުކާރުން ފައިނަލްޓަޗް ހެދީ އެވެސް ޔާމީނު ހަމަޖައްސާފައިވާ ބަޖެޓުގެ ބައެއްކާލައިގެން

    29
    2
  2. މާމީ

    ޙަޖަމު ކުރަންވީ މީހަކު ކޮއްްދިން މަސައްކަތް އިނާމަކީ ޖަލުގޮޅި؟؟؟؟

    11
  3. Anonymous

    ޝުކުރިއްޔާ ރ.ޔާމީން. ޖަލުގައި ހުންނެވިއަސް މިޤައުމަކުން މަނިކުފާނު ރައްޔިތުންނަށްޓަކައި ކޮށްދެއްވި މަސައްކަތަށް ޕުޅުގެ ސަބަބުން މިއަދު މިޙާލަތުގައިވެސް ﷲގެ ރަޙްމަތްފުޅާއި އެކު މިތިބެނީ. ކޮންމެ ބޮޑު ކަމެއްގައި މަނުފާނުގެ ޙިއްޞާ ނެތް އެއްވެސް ކަމެއް މިރާއްޖެއަކުނެތް. އަވަސްގޮތަކުން ޖަލުން ސަލާމަތްވެ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އުޅުއްވާތަން ދެކޭހިތްވޭ

    20