ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19، މާލޭގެ މުޖުތަމަޢުގައި ފެތުރެން ފެށުމާއި އެކު، ދަޢުލަތުގެ ޚަރަދުތައް ބޮޑުވެފައިވާ ކަމަށް، ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން މާލީގޮތުން ދަޢުލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން، މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދައުލަތުން އަންނަނީ ކޮވިޑް -19 އާއި ގުޅިގެން ބޮޑެތި ހޭދަތަކެއް ކުރަމުން. އެގޮތުން ޞިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އެ ޚިދުމަތްދޭ ތަންތަން ތައްޔާރު ކުރުމަށާއި، ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ރައްކާތެރިވުމަށް ބޭނުންވާނެ ތަކެތި ހޯދުން އަދި އޭގެ އިތުރުން ކާރިޘާއިން ރައްކާތެރިވުމަށާއި، އިޤްތިޞާދީ ލުއިކަމެއް ހޯދައި ދިނުމަށް އަޅުގަނޑުމެން އެބަ ޙަރަދު ތަކެއް ކުރަން ޖެހޭ. މިހާތަނަށް ބަޖެޓަށް އިތުރުކޮށްދީފައިވާނީ ޕަބްލިކް ހެލްތްގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަދި މިނިސްޓަރ އޮފް ހެލްތް އެދުނު މިންވަރާއި ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކޮވިޑް-19 އާއި ގުޅުންހުރި ޚަރަދު ތަކަށް، މިހާތަނަށް ދޫކޮށްފައިވާނީ 223 މިލިއަން ރުފިޔާ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، މުޖުތަމަޢުގައި މި ބަލި ފެތުރެން ފެށުމާއި އެކު، ކުރިން އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް ޚަރަދުތައް ހިނގާނެ ކަމަށާއި، އަދި ހާލަތު ބަދަލުވެގެންދާ ގޮތަކުން މި އަދަދު ބޮޑުވުންވެސް އެކަށީގެންވާ ކަމަށެވެ.

"ކޮމިއުނިޓީ ސްޕްރެޑް ފެނުމާއި އެކު، ޚަރަދުވެސް ވަނީ ބޮޑުވެފަ. މިހާރު ކޮވިޑް-19 އާއި ގުޅިގެން އަޅުގަނޑުމެން މިހާރު އަންދާޒާ މި ކުރަނީ، ކުރިން ކޮމިއުނިޓީ ސްޕްރެޑެއް ނެތް އިރު، ކުރެވުނު އަންދާޒާތަކާއި ޚިލާފަށް މިހާރު އަޅުގަނޑުމެން އަންދާޒާ މި ކުރަނީ 1.6 ބިލިއަން ރުފިޔާގެ ޚަރަދު ހިނގާނެ ކަމަށް. އަދި ހާލަތު ދިގުދެމިގެންދާ ގޮތަކުން މި މިންވަރު އިތުރުވާނެ ކަމަށްވެސް އަޅުގަނޑުމެން އަންދާޒާ ކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖެއިން މިއަދުވެސް މި ވަނީ އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 116 އަށް އަރާފައެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް ކޮވިޑް-19ގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އަދި އެ މީހުންނާއި ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް ސިއްހީ ދާއިރާގެ ކަމާއި ބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން އެޅުނު ބޮޑެތި ފިޔަވަޅުތަކަށް ބަލާއިރު، މާލެ ސިޓީ ވަނީ ފުރަބަންދު ކޮށްފައެވެ. އަދި ރާއްޖޭގެ އެއް ރަށުން އަނެއް ރަަށަށް ދަތުރު ކުރުން މަނާކޮށްފައިވާއިރު، ބައެއް ރަށްތައް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހުސޭނުބޭ

  މުޖުތަމަޢުގައި ބަލިމަޑުކަން ފެތުރުމުގެ ކުރިން ދައުލަތުގެ ޚަރަދު ބޮޑުވެ ބަޖެޓަށް 1.3 ބިލިއަން ރުފިޔާ އިތުރުކުރީ ކޮން ކަހަލަ ބަލިމަޑުކަމަކާހުރެތޯ!

 2. އަސީ

  ތީމުޅިއަކުން ތެދުވާހައެއްކަމަކައް ގަބޫލެއްނުކުރެވޭ ފެބްރުވަރީމަހުގަ ދައުލަތުންތެޅެންފަށައި ބަޖެޓްހުސްވެދާނެތީ ފޮރިންމިނިސްޓަރައްހުންނެވީ ރާއްޖެއިން ބޭރައްހިންގުންޖެގިގަ ދައުލަތުގެ ބަޖެޓުގެ 20ޕަސަންޓް އޭނަގެއެކަނި ދަތުރުތަކައް ލިބުނު އެހީއެއްލޮލަކައް ފެންނާކައްނެއް ފަހުން މިއެންގުނީ ޔޫއެންގެ ރިޔާސަތު ހޯދުމައް މީނާކުރިދަތުރުތަކަކީ އަމިއްލަ.ކޭންޕެއިންއެއްކަން.

 3. ޖޫންޖުލައި

  ކޮޅިގަޑު ނަގާފައި ހުއްޓާފެނުމުން ފަރުމަތިން ދިމާކޮށް އެތެރެވުމަށް ފަޅުވެރިން ގޮވި! ކެޔޮޅުބެލީ ދެންވެސް އައިނަކަށް އެރުވޭތޯ ނޫންތަޅޭ! މިޔޮތީ ވާ ކެޔޮޅާ ކޮޅިގަޑު ލައިގެންފާ! ޢެމީހަކާއި އެމީހަކު!އެންމެންވެސް ބަލާނީ އެމީހެއްގެ ފުރާނަ ސަލާމަތް ކުރެވޭތޯ!

 4. އަނިޔާ

  މިފަހަރު މިރޯގާ ފެތުރުނީ އެގިރޭސި ވިލާތުން މީހުން ސިއްރުން ރޭވިގެން ރާއްޖެއަށް އެތެރެ ކުރުމުން .ދެން ކީރިތި ކުރައްވާނެ ކަމެއް ނެތް މިކަން އެގިހުރެ ރައްޔިތުންނަށް ދެއްވި އަނިޔާއެއް. ހިތާމާގެ ކޮޅެއް ނެތް މާތް ﷲ މިބަލިމަޑުކަމުން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރައްވަވާ ފާދޭވެ. އަދި ބަލިމަޑުކަން ޖެހިފަ ވާމީހުންނަށް އަވަސް ޝިފާދެއްވަވާ ފާދޭވެ.

 5. އާންމު ރައްޔިތުމީހާ

  އެހެންވެގެންބާ އަދިވެސް އެޗް.ޑީ.އެފް.ސީ ގެ ލޯނުގެ ލުއިވެސް 6 މަސް ދުވަހަށް ދޭނަމޭ ކިޔާފަ ނުދެވިގެން މި އުޅެނީ. މިަކަމަކާހުރެ ގޭގަ ކުއްޔަށް އުޅޭ މީހުންނަށް ލުއިނުދެވިފަ ކިތައް ގޭގެ ވެރިން ތިބީ