ކޮވިޑް-19 ގެސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ގުޅިގެން، ދަޢުލަތުގެ ޚަރަދު، 30 ބިލިއަން ރުފިޔާ އާއި ހަމައަށް ކުޑަކުރަން ނިންމާފައި ކަމަށް، ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

މާލީގޮތުން ދަޢުލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން، މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، މި އަހަރުގެ މާރޗް މަހުގެ ތެރޭގައި ސަރުކާރުގެ ޚަރަދު ކުޑަކުރަން ނިންމާފައިވާތީ، އޮފީސްތަކުގެ ބަޖެޓުތަކުން މިހާރުވެސް 825 މިލިއަން ރުފިޔާ ވަނީ އުނިކޮށްފައިވާ ކަމަށާއި، އަދި ޑެޕިއުޓީ މިނިސްޓަރ ލެވެލް، އެއަށްވުރެ މަތީ މަޤާމުގެ މުސާރަ، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނިކޮށްފައިވާ ކަމަށެވެ. އަދި އައު މުވައްޒަފުން ނެގުން މަޑުޖައްސާލާފައިވާތީ، އެއް ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ޚަރަދު ކުޑަ ކުރެވޭނެ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ރައްޔިިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި 37.8 ބިލިއަން ރުފިޔާ ޚަރަދު ކުރަން ހިމަނާފައިވޭ. އަދި ޚަރަދު ކުޑަކުރަން އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅު ތަކާއި، އަހަރުގެ މިހާތަނަށް އައިއިރު ޚަރަދުތައް ހިނގާފައި ހުރިގޮތަށް ބަލާއިރު، އިތުރު ފިޔަވަޅެއް ނާޅާނަމަ، މި އަހަރު ތެރޭގައި ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާ އަޅުގަނޑުމެން ޚަރަދު ކުރަން ޖެހޭނެ. ނަމަވެސް އާމްދަނީ އަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރުތަކުގެ ސަބަބުން އިތުރު ފިޔަވަޅުތަކެއް އަޅުގަނޑުމެން އަޅަން އެބަޖެހޭ. އޭގެ ތެރޭގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް." އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، ނުފަށާ ހުރި ތަރައްޤީގެ މަޝްރޫޢުތައް ޓެންޑަ ކުރުން މަޑުޖައްސާލާފައިވާ ކަމަށާއި، އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކަށްވެސް މަޑުޖެހުމެއް އަންނާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

"ދަތުރުފަތުރަށް ކުރާ ޚަރަދު 33 އިންސައްތަ ކުޑަކުރުން. އެއްގަމުގައި ދުއްވާ އުޅަނޑުފަހަރު ގަތުން ހުއްޓާލުން. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފައިވާތީ، ސަރުކާރަށް ތެލުން އަގުހެޔޮވާ މިންވަރު ޕާސްތްރޫކޮށް، ކަރަންޓު އަގުހެޔޮކުރުމަށް ކުރާ ޙަރަދު 40 އިންސައްތަ ކުޑަކުރުން، ޓްރެއިނިން އަށް ކުރާ ޚަރަދު 30 އިންސައްތަ ކުޑަކުރުން. މަރާމާތަށް ކުރާ ޚަރަދު 59 އިންސައްތަ ކުޑަކުރުން. ހަރުމުދާ ހޯދުމަށް ކުރާ ޚަރަދު 70 އިންސައްތަ ކުޑަކުރުން. މި އަހަރަށް ބަޖެޓުކޮށްފައިވާ ޕީއެސްއައިޕީގެ ތެރެއިން ނުފަށާ ހުރި ޕްރޮޖެކްޓްތައް ޓެންޑަރ ކުރުން މަޑުޖައްސާލުން، އަދި ސަޕްލައި ޗެއިން ތަކާއި ގުޅިގެން، ކުރިއަށްދާ މަޝްރޫޢުތައްވެސް މަޑުޖެހޭނެ ކަމަށް ބެލެވޭ. ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާ ދޫކުރާ މިންވަރުވެސް އަޅުގަނޑުމެން މިހާރު ވަނީ މަޑުޖައްސާލާފަ. މި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅު ތަކާއި އެކު، އަޅުގަނޑުމެން މިހާރު މި ބަލަނީ، ރިކަރަންޓް އައި ޕީއެސްއައިޕީ ޚަރަދު ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ އާއި ހަމައަށް ކުޑަކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކަންމިހެން ހުރުމާއި އެކު، އެހީގެ ގޮތުގައި 233 މިލިއަން ޑޮލަރު، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކުން 25.29 މިލިއަން ޑޮލަރު، ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެއީ 100 ޕަސެންޓް ކޮންސެޝަނަލް ލޯނު ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުއްޅަބޭ

    ބަނޑަށްނުޖެހޭނެ، ސިޓިންރޫމް ސްޓޯރަކަށް ހަދާނެކަމެއްނެތް، ކާބޯތަކެތިލިބޭނެ، ރައްޔަތުން ހައްދާ ތަކެތި ސަރުކާރުން ގަންނާނެ ( ހަނޑޫ ހަކުރު ފުށް އެކަނި) ފަލަމަޑީގެ ބާވަތްތަކާއި ފުރުޓް އަދި ވެޖެޓަބްލް ނުގަންނާނެ! ހެލްތުސެންޓަރުތަކުން މިރޯގާ ހައްލުކުރެވޭނެ! މަޖިލިސްވެސް އެއްމެން އެކުވެގެން ކުރިޔަށް ގެންދާނެ!

  2. ސަންތިމަރިޔަބު

    ލޯނު ނުނަގާން ބުނި މީހުން ލޯނާލާމެހި ލޯނުން ފެންވަރާ ހިނާ ތާހިރު ވުންވެސް
    ހަމަހިނިއަންނަނީ

  3. ހުސޭނުބޭ

    ދައުލަތުގެ ޚަރަދު ކުޑަކުރުމަށް 30 މެމްބަރުންގެ ކޮމިޝަނެއް ހައްދަވާ އެއިން ކޮންމެ މެމްބަރަކަށް މަހަކު 60000 ދެއްވާ! ލޮލް

    10