މި އަހަރު ވެސް ރޯދަމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރު 2:00 އަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

އެކަން ހާމަކޮށް ރައީސް އޮފީހުން ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށް ކަމަށެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށްވުމުން ރަމަޟާން މަހުގެ ދުވަސްތަކުގައި އާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމާބެހޭ ގޮތުން ނެރުނު އެންގުމަށް އަމަލުކުރުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ މި މަހުގެ 30 ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރަން ނިންމާފައެވެ.

ރާއްޖެއިން ކޮވިޑް-19 116 ކޭސް ވަނީ ފެނިފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު ފެނިފައި ވަނީ މާލެ އިންނެވެ.