ކޮވިޑް-19 އާއި ގުޅިގެން، ސަރުކާރުގެ އިޤްތިޞާދަށް ކުރިމަތި ވެފައިވާ ގޮންޖެހުން ބޮޑު ކަމުގައި ވީ ނަމަވެސް، މި ވަގުތު ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުން މަދުކޮށްފިނަމަ، އިޤްތިޞާދު އިތުރަށް ގޯސްވެގެންދާނެ ކަމަށް، ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން ދަޢުލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން، މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިޤްތިޞާދީ ކޮންމެވެސް ވަރެއްގެ ހަރަކާތްތަކެއް އެބަ ހިންގެންޖެހޭ. އަޅުގަނޑުމެންގެ މަނީ ސާރކިއުލޭޓް އެބަ ވާން ޖެހޭ. އެކަންތައްތައް މިހާރު އަޅުގަނޑުމެންނަށް ކުރެވޭނެ ހަމަ އެކަނި ގޮތްކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރު. އެހެންވީމަ، ސަރުކާރުން އަޅުގަނޑުމެން ކުރަން ޖެހޭ ޚަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފަ، އަޅުގަނޑުމެންގެ މުސާރަތައް ކުޑަކޮށް، ސަރުކާރުގެ މުވައްޒަފުން މަދުކޮށްފަ، އޮންގޮއިންގ ޕްރޮޖެކްޓްސް ތަކަށް ދޭ ފައިސާ މަދުކޮށް، އެ ގޮތަށް އަޅުގަނޑުމެންގެ ޕޮލިސީތައް ރާވާނަމަ، އިތުރަށް އިޤްތިޞާދީ ކާރިޘާ ގޯސް ވަމުން ދާނެ. އެހެންވީމަ އަޅުގަނޑުމެން ހަޤީޤަތުގަ ބޭނުމެއް ނުވޭ އެގޮތަށް އެކަންތައްތައް ކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، ސަރުކާރުން ހަމައެކަނި އިސްކަން ދެނީ ސިވިލް ސާރވިސް މުވައްޒަފުންނަށް އެކަނި ނޫން ކަމަށާއި، އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް، ވަޒީފާ ގެއްލޭ ޙާލަތުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"އޮންގޮއިން ޕްރޮޖެކްޓް ތަކަށް މިހާރުވެސް އަޅުގަނޑުމެން ފައިސާ ދޫކުރަމުން އެބަ ދަން. ޞިއްޙީ އެކި އެކި ކަންތައްތަކަށް މިހާރުވެސް ޚަރަދުތައް ކުރެވެމުން އެބަ ދޭ. އަޅުގަނޑުމެން ހަމައެކަނި ސިވިލް ސާރވަންޓުންނަށް މުސާރަ ޔަޤީން ކުރަނީ އެއް ނޫން. ފަތުރުވެރިކަމުގެ ސިނާއަތުގައި އަދި އެހެނިހެންވެސް ގޮތްގޮތުން މަސައްކަތް ކުރާ ފަރާތްތަކުގެ ވަޒީފާ ގެއްލިއްޖެ ކަމަށް ވަނީނަމަ، އަދި ނޯޕޭ އަށް ފޮނުވައިފިކަމަށް ވަނީނަމަ، ކުރިއަށް 3 މަސް ތެރޭގައި ޖޮބް ސެންޓަރގައި ރަޖިސްޓްރީވެގެނ،ް 5000 ރުފިޔާގެ އެލަވަންސެއް އަޅުގަނޑުމެން ދޭން ނިންމާފަ ވަނީ." އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، މުޖުތަމަޢުގައި މި ބަލި ފެތުރެން ފެށުމާއި އެކު، ކުރިން އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް ޚަރަދުތައް ހިނގާނެ ކަމަށާއި، އަދި ހާލަތު ބަދަލުވެގެންދާ ގޮތަކުން މި އަދަދު ބޮޑުވުންވެސް އެކަށީގެންވާ ކަމަށެވެ.

"ކޮމިއުނިޓީ ސްޕްރެޑް ފެނުމާއި އެކު، ޚަރަދުވެސް ވަނީ ބޮޑުވެފަ. މިހާރު ކޮވިޑް-19 އާއި ގުޅިގެން އަޅުގަނޑުމެން މިހާރު އަންދާޒާ މި ކުރަނީ، ކުރިން ކޮމިއުނިޓީ ސްޕްރެޑެއް ނެތް އިރު، ކުރެވުނު އަންދާޒާތަކާއި ޚިލާފަށް މިހާރު އަޅުގަނޑުމެން އަންދާޒާ މި ކުރަނީ 1.6 ބިލިއަން ރުފިޔާގެ ޚަރަދު ހިނގާނެ ކަމަށް. އަދި ހާލަތު ދިގުދެމިގެންދާ ގޮތަކުން މި މިންވަރު އިތުރުވާނެ ކަމަށްވެސް އަޅުގަނޑުމެން އަންދާޒާ ކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖެއިން މިއަދުވެސް މި ވަނީ އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 116 އަށް އަރާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ??

    ކޫ ރީސަ ރުކާ ރަށް ފާޑުކީމީހުން ގޮތްހުސްވެ ކުޑަކަކުލައް ތި ރިވެއްޖެ އިބް ރަތަކަށް ނުވޭތޯ

  2. ޑަބިޔާ

    ކައުންސިލް އިންތިހާބު ނިންމާލެވުނު ނަމަ ވަރައްރަނގަވީސް މުސާރަ ބޮޑުކޮއް އިތުރު ސިޔާސީ މަގާމުތަކެއް އައީމަ އިގްތިސޯދު ވަރައް ރަނގަޅުވާނެ. ނޭންގޭ އެއްވެސް އެއްޗެއްނެތް. ކަލޭމެންގެ މަޖިލީސް މެންބަރުން މުސާރަ ކުޑަކުރީމަ ވަރައްބޮޑު އެއްލިބޭނެ

  3. ރައްޔަތު މީހާ

    ދިވެހި ރާއްޖޭގެ ސަ ރުކާ ރުގެ މަހެއްގެ މައްޗައް މުސާ ރަ ބަޖެޓަކީ 8މިލިޔަން. މިގެން 3 މިލިޔަން ހަރަދު ވަނީ. ބަހަނީ . ސިޔާސި ހުސް ކަމެއް ނުވާ މަގާމުތަކަށް . މި ހަރަދު ކުޑަކު ރާކައް ނުފެނޭތޯ. ގައުމު މިއޮތީ ވެންޓިކޭޓަ ރުގަ