ކޮވިޑް-19 އަށް މިއަދު ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ ތެރޭގައި ހަތަރު އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ. އެއީ ސްރީލަންކާގެ އަންހެން ކުއްޖެކެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ހަތަރު އަހަރުގެ ކުއްޖާ އަކީ ކުރިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކުގެ ދަރިއެއް ކަމަށެވެ.

ޑރ.އަފްޒަލް ވިދާޅުވީ މިއަދު ފައްސި ވެފައިވާ މީހުންގެ ތެރޭގައި 12 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

ރާއްޖެ އިން މީގެ ކުރިން ފައްސި ވެފައިވާ މީހުންގެ ތެރޭގައި އެއްއަހަރުގެ ކުއްޖަކާއި އަށް އަހަރުގެ ކުއްޖަކު ވެސް ހިމެނެއެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހޭ ކުޑަކުދިންގެ ތެރެއިން ގިނަ ކުދިންގެ ހާލަތު މާބޮޑަށް ދަށަކަށް ނުދެއެވެ. ނަމަވެސް ބައެއް ކުދިންގެ ހާލު ދެރަވެ، ވެންޓިލޭޓަރަށް ވެސް ލާން ޖެހިފައި ވެއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 128 އަށް އަރާފައެވެ. އޭގެތެރޭގައި ދިވެހިންގެ އިތުރުން ދެން އެންމެ ގިނައިން ހިމެނެނީ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝް މީހުންގެ އިތުރުން އިންޑިއާ މީހުންނާއި ލަންކާ މީހުން ވެސް ވަނީ ރާއްޖެ އިން ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު