އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުތެރެއިން ދެ ދައުވާއެއްގެ ދެ ޝަރީޢަތް މިއަދު ބާއްވަން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މިއަދު ބާއްވާ އަބްދުﷲ ސައީދުގެ ފުރަތަމަ އަޑު އެހުން ތާވަލް ކޮށްފައި ވަނީ މިއަދު ހެދުނު 10:00 އަށެވެ. އެ އަޑު އެހުމަކީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާގެ އަޑު އެހުމެކެވެ.

ދެވަނަ އަޑު އެހުން ތާވަލް ކޮއްފައިވަނީ ހަވީރު 17:00 އަށެވެ. އެ އަޑު އެހުމަކީ ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ އަޑުއެހުމެކެވެ.

މިއަދު އަލީ ހަމީދުގެ ފުރަތަމަ ޝަރީޢަތް ވެސް އޮތީ 10:00 ގައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ އަޑުއެހުމެކެވެ. އަލީ ހަމީދުގެ ދެވަނަ އަޑުއެހުން ތާވަލް ކޮށްފައި ވަނީ 11:00 އަށެވެ. އެއީ ވެސް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ އަޑުއެހުމެކެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ވަނީ ގިނަ ދައުވާތަކެއް އުފުލާފައެވެ. އޭގެތެރޭގައި ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލް އިންސާފު ގާއިމް ކުރަން ހުރަސްއެޅުމާއި، ރިޝްވަތު ހިފުމުގެ ދައުވާތައް ހިމެނެއެވެ.

ދެބޭފުޅުންގެ މައްޗަށް ވެސް ހިންގާ ޝަރީޢަތް ނިމެންދެން އެބޭފުޅުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ކުރިން ވަނީ އަމުރު ކުރައްވާފައެވެ.