މިރޭ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 12 ދިވެހިން ހިމެނޭ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިރޭ ރާއްޖެއިން 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝް މީހެއް ކަމަށެވެ.

މިއީ ރާއްޖެއިން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ދިވެހިން މި ވައިރަސް އަށް ފައްސިވި ފަހަރެވެ.

މިރޭ އިތުރު 13 މީހަކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވުމުން ރާއްޖެއިން މިދިޔަ 24 ގަޑިއިރު ތެރޭ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 21 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 129 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން ގިނަ މީހުން ވައިރަސް އަށް ފައްސިވެފައި ވަނީ މާލެ އިންނެވެ. އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މި ބަލި ޖެހުނީ ދިވެހިންނާއި ބަންގްލަދޭޝް މީހުންނަށެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެއަށްފަހު އިދާރާތަކުން އޭނާ އާއި ބައްދަލުވި މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ވައިރަސް މިހާރު ފެތުރެމުން ދަނީ މުޖުތަމަޢުގެ ތެރެއިން ކަން ވަނީ ޔަޤީން ކުރެވިފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ 20 މީހުން މި ވައިރަސް އަށް ފައްސިވެފައި ވަނީ ރިސޯޓުތަކުންނެވެ. ނަމަވެސް އޭގެ ފަހުން މުޖުތަމަޢު ތެރެއިން ވައިރަސް ފެންނަމުން ދާތީ، މި ބަލިމަޑުކަމުގައި މިހާރު ރާއްޖެ އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.

މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް، އަރައިފޭބުން މަނާކޮށް މިވަގުތު ވަނީ ފުރަބަންދުގެ ހާލަތަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަގުލު ފިއްތި

    އަދަދު ބޮޑުވި ވަރަކަށް ގައުމުތަކު ދޭ އަދަދުތަށް ބޮޑުވާނެ. އެހެންވީމަ ރިސޯޓް ތަކުން އައި މީހުންނާއި ބޭސް ފަރުވާޔަށް މާލެ ގޮސް ތިބި މީހުންނާއި އެވަރުން ނުވީޔާ މާލޭގަ ހާލުގަ ޖެހިފަ ތިބި ބަނގްލަދޭޝް މީހުންނާއި ހުރިހާ އެންމެން މަސްހުނި ކޮށްފަ ބަރިބަރިޔަށް ޖަހާފަ ހުރިހާ މާލޭގަ ތިބި ހުރިހާ ސުކޫލެއްގަ ބޭތިއްބީމަ ރަނގަޅުވާނެ. އޭރުން ގިނަމީހުންނަށް ބަލި ޖެހޭނީ.

  2. މވމ

    12 ދިވެހީން ޕޮސިޓިވްވީ މާލެ ސަރަހައްދުންތޯ..؟

  3. ނިކަމެތި ދިވެހި ރައްޔިތުމީހާ

    ޤައުމުގެ ވަލިއްޔުލް އަމްރު އަށް ރައްޔިތުން ޢައްޔަން ކޮށްފައިވާ ފަރާތުން ޤައުމީ ދޮރާށިތައް ބަންދު ނުކުރުމުގެ ނަތީޖާ މިއޮތީ ފެންނާށެވެ. މިއަދު ޤައުމުގެ ޙާލަތު ވަޒަން ކުރެއްވޭތޯއެވެ؟ ތިޔަބޭފުޅުން ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ދުވަސް އެބައާދެއެވެ. މިވަރު ހަލުވި ސްޕީޑެއްގައި ވައިރަސް ފެތުރޭނަމަ، ދެން މިކަމުން ޢާންމު ރައްޔިތުން ސަލާމަތްތެރިކަން ހޯދާނީ ފަހެ ކިހިނެއް ހެއްޔެވެ؟ ސަރުކާރުގެ ފަރާތުން މީގެކުރިން ވާހަކަ ދެއްކެވި ޑރ. ޝީނާ ވިދާޅުވެފަައިވަނީ މިވަރުންދާނަމަ ދެންޖެހޭނީ ދޫކޮށްލާށެވެ. ސަރުކާރަށް ކުރެވޭނެ ކަމެއް ނެތްކަމުގައި ނޫސްކޮންފަރެންސްގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

    * ކުދިކުދި ތަންތަން ކޮޅުގައި ޒަރޫރީ ބޭނުންތަކުގައި މާލޭގައި އުޅެން މަޖްބޫރުވެފައިވާ ރަށްރަށުގެ އެތައް ޢާއިލާތަކެއް ބިކަވެ ބަނޑަށްޖެހިގެން މަރުގެ ތުންފަތްމަތީގައި މިތިބީއެވެ. ޓޫރިޒަމް މިނިސްޓަރ އޮނަރަބަލް ޢަލީ ވަޙީދު ކޮބައިތޯއެވެ؟ ޢިއްޒަތްތެރި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ކޮބައިތޯއެވެ؟ ތިޔަ ދެބޭފުޅުން ނޫސްތަކަށް ވައިރަސް ވަންގޮތަކާއި މެދު ބަސްދީގަތުމެއް ނުދެއްވާނަންތޯއެވެ؟ ޤައުމުގެ ދޮރޯށިތައް ބަންދު ނުކުރަން ނިންމުމުގެ ހިތި ނަތީޖާގެ ރަހަ މިއަދު މިއޮތީ ކަރުބުޑުގައި ލާފައެވެ. ތިޔަ އެންމެހާ ބޭފުޅުންވެސް ތިޔަ ތިއްބެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި ކަނޑައެޅިގެން ޚިލާފްވެ ވަޑައިގެން ރައްޔިތުންނަށް ޚިޔާނާތްތެރިވެ ވަޑައިގެންފައިކަން މިއަދު ނިކަމެތި ދިވެހިރައްޔިތުން ޤަބޫލު ކޮށްފިއެވެ. ވަލްޙަމްދުލިﷲ