ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ކޮލެޖްގެ ތެރޭގައި ހިމެނޭ ކްލީކް ކޮލެޖުން، މަތީ ތައުލީމުގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ސްކޯލަރޝިޕްގެ ފުރުސަތުތަކާއި، ލޯން ސްކީމެއް ތައާރަފްކޮށްފިއެވެ.

ސްކޯލަރޝިޕްގެ ފުރުސަތުތަކާއި، ލޯން ސްކީމް ތައާރަފް ކުރިކަން އިއުލާނުކޮށް މިއަދު އެ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްްގައި އެ ކޮލެޖްގެ ޕްރެޒިޑެންޓް ނައުޝާދު މުހައްމަދު ވިދާޅުވީ، ކްލީކް ކޮލެޖްގެ ސްކޯލަރޝިޕްގެ ފުރުސަތުތަކާއި، ލޯން ސްކީމްތަކަކީ ކްލީކް ކޮލެޖުން ހިންގާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޯސްތަކަށް ކުރިމަތިލާ ކުދިންނަށް ކޯސް ފީ ދެއްކުމުގައި ފަސޭހަ ގޮތް ހޯދައިދިނުމުގެ ގޮތުން ތައާރަފްކުރެވުނު ސްކޯލަރޝިޕްތަކާއި ލޯން ސްކީމެއް ކަމަށެވެ.

ކްލީކް ކޮލެޖުން މި ވަނީ ދެ ސްކޯލޝިޕްގެ ފުރުސަތެއް ހުޅުވާލާފައެވެ. އެއީ ފުލް ސްކޯލަރޝިޕް އަދި ޕާޝަލް ސްކޯލަރޝިޕްއެވެ.

ނައުޝާދް ވިދާޅުވީ، ފުލް ސްކޯލަރޝިޕްގެ ތެރޭގައި ހިމެނެނީ އެ ކޮލެޖުން ހިންގާ ސެޓިފެކް ލެވެލްގެ ކޯސްތަކާއި، ޑިޕްލޮމާ އަދި އެޑްވާންސް ޑިޕްލޮމާ އަދި ޑިގްރީ ހުރިހާ ޕްރޮގްރާމްތަކުގެ ތެރެއިން ހުޅުވާލެވިފައިވާ ސްކީމެއް ކަމަށެވެ.

"މި ފުރުސަތު ލިބޭ ދަރިވަރުން އިހްތިޔާރު ކުރާ ކޯހުގެ މުޅި ކޯސް ފީ މަޢާފް ކޮށްދެވޭނެ. މި ސްކީމަަށް ޝަރުތުހަމަވުމަށްޓަކައި އެ ދަރިވަރަކީ ކްލީކް ކޮލެޖްގައި އަލަށް ކިޔަވަން ފަށާ ދަރިވަރަކަށްވުން މުހިންމު.". ނައުޝާދް ވިދާޅުވިއެެވެ.

ޖުމްލަ ފުލް ސްކޯލޝިޕްގައި އޮތީ އަހަރަކަށް 15 ޖާގައެވެ. މި ފުރުސަތުތައް ދޭނީ އެ އަހަރުގައި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ބަލާފައިކަމަށް ނައުޝާދް ވިދާޅުވިއެވެ.

ޕާޝަލް ސްކޯލަރޝިޕްގައި ޖާގަ އޮތީ އަހަރަކަށް 20 ޖާގައެވެ. މިއީ އެ ކޮލެޖުން ހިންގަ އިންޓާނޭޝަނަލް ކޯސްތަކަށް ހާއްސަކޮށް އުފައްދާފައިވާ ސްކޯލަރޝިޕް ފުރުސަތެއްކަމަށް ނައުޝާދް ވިދާޅުވިއެވެ. މި ސްކޯލަރޝިޕްގެ ދަށުން އޭބީއީ އޭސީސީއޭ އަދި ހެރިއޮޓް ވަޓް ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކަށް ކުރިމަތިލެވޭނެެެވެ.

"ޕާޝަލް ސްކޯލަރޝިޕްގައި ހަމަޖެހިފައި މި ވަނީ ފުރުސަތު ލިބޭ ދަރިވަރުންގެ ތެރެއިން ކޯސް ފީގެ 25 ޕަސެންޓް ދޭގޮތަށް". ނައުޝާދް ވިދާޅުވިއެވެ.

ކްލިކް ކޮލެޖުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ކްލިކް ކޮލެޖުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މި ސްކޯލަރޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި، މިންގަނޑުތައް ބަލާނީ މެރިޑްގެ އުސޫލުންކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ. އަދި ސްކޯލަރޝިޕަށް ކުރިމަތިލެވޭނީ ކޯސް ލިބުނުކަމުގެ ލިޔުން ލިބުނުހާ އަވަހަކަށް ކަމަށެވެ.

މި ލޯން ސްކީމްގެ ފުރުސަތު މި އޮތީ އަހަރަކަށް 50 ފުރުސަތެވެ. ކްލީކް ކޮލެޖް ލޯން ސްކީމާއި ގުޅޭގޮތުުން ވާހަކަދައްކަމުން ނައުޝާދް ވިދާޅުވީ، އެ ސްކީމްގައި ކޯސް ފީގެ 50 ޕަސެންޓް ދައްކަމުން ދާނީ އެ ކޮލެޖުން ކިޔެވުން ކުރިއަށް ދާއިރު ކަމަަށެވެ. އަދި އަނެއް 50 ޕަސެންޓް ދައްކާނީ އެ ކޮލެޖުން ކިޔަވާ ނިމުމަށް ފަހުގައި އެ ކަނޑައެޅިގައި އޮންނަ އުސޫލެއްގެ މަތިން ކަމަށެވެ. މިއީ އިންޓެރެސްޓް ފްރީ ލޯނެކެވެ.

"މި ކޯހުގައިވެް ހެރިއޮޓް ވަޓް ޔުނިވާސިޓީ އާއި އޭބީއީ އާއި ލޯކަލް ކޯސްތަކަށް ކުރިމަތިލާ ކުދިންނަށް ފުރުސަތު އެބައޮތް. މިއީ ކޮލެޖާއި އަލަށް ގުޅޭ ދަރިވަރުންނަށާއި، އަދި އަޅުގަނޑުމެންގެ މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެއް ލެވަލްއިން އަނެެއް ލެވެލްއަށް އާ ދަރިވަރުންނަށް". ނައުޝާދް ވިދާޅުވިއެވެ.

ކްލީކް ކޮލެޖްގެ ކޯސް ލީޑާ އައިޝަތު ސިނާއު ވިދާޅުވީ، މި ހުރިހާ ފުރުސަތުތަކެއް ބަހާލެވިފައި ވަނީ އެ ކޮލެޖުން އެ އަހަރު ތެރޭގައި ކުރިއަށްގެންދާ ހުރިހާ އިންޓޭކަށް ކަމަށެވެ.

އެ ކޮލެޖުން މައުލޫމާތުދޭގޮތުގައި، ކްލީކް ކޮލެޖުގައި މެއި އިންޓޭކްގައި ސްކޯލަރޝިޕްގެ ފުރުސަތުތަކާއި، ލޯން ސްކީމް ފުރުސަތު ބޭނުންވާ ފަރާތްތަކަށް ނުވައެއް މެއިގެ ކުރިން ކުރިމަތިލެވޭނެއެވެ.