ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ޤާނޫނީ ވަކީލަކު އައްޔަން ކުރަން ކްރިމިނަލް ކޯޓުން ދެދުވަސް ދެއްވައިފިއެވެ.

ވަކީލަކު އައްޔަން ކުރަން އަލީ ހަމީދަށް ކޯޓުން ދެދުވަސް ދެއްވީ މިމައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އިބްތިދާޢީ އަޑުއެހުމުގައެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ވަކީލަކު އައްޔަން ކުރަން ކިތައް ދުވަސް ބޭނުންވޭތޯ އަލީ ހަމީދާއި ސުވާލު ކުރައްވާފައެވެ. އަލީ ހަމީދު ވިދާޅުވީ ވަކީލަކު އައްޔަން ކުރަން 15 ދުވަސް ބޭނުންވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އޭނާގެ މައްޗަށް ހަތަރު ދައުވާއެއް ކުރިއަށް ދާތީ އެމައްސަލަަތަކަށް އައްޔަން ކޮށްފައިވާ ވަކީލުންނާއި މަޝްވަރާ ކޮށްލަން ބޭނުންވާތީ ކަމަށެވެ. އަދި އޭގެ ތެރެއިން މިމައްސަލަ އަށް ވަގުތު ދެވޭނީ ކޮން ވަކީލުންނަކަށްތޯ ބެލުމަށް ކަމަށެވެ.

އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އެހެން ދައުވާތަކާއި ގުޅިގެން ވަކީލުންނާއި ބަދަލު ކުރުމުގެ ފުރުސަތު ލިބޭތޯ އާއި އާއިލާ ބައްދަލުވުންތައް ލިބޭތޯ ގާޒީ ސުވާލު ކުރެއްވުމުން އަލީ ހަމީދު ވިދާޅުވީ އޮންނަ އުސޫލުގެ ތެެރެއިން އެކަން ހަމަޖެހޭ ކަމަށެވެ.

ގާޒީ ވިދާޅުވީ ވަކީލަކު އައްޔަން ކުރަން އަލީ ހަމީދު އެދުނު ވަރުގެ މުއްދަތެއް ދެވެން ނެތް ކަމަށެވެ. ވަކީލަކު އައްޔަން ކުރަން އެންމެ ގިނަވެގެން ވެސް ދެވޭނީ 10 ދުވަސް ކަމަށާއި އެހެން ނަމަވެސް އެ 10 ދުވަސް ހަމަ ކުރުން އެއީ ލާޒިމް ކަމެއް ނޫން ކަމަށް ގާޒީ ވިދާޅުވިއެވެ. މިމައްސަލަ އަށް ގޮތެއް ނިމެންދެން އަލީ ހަމީދު ބަންދުގައި ބަހައްޓަން އަމުރު ކުރި ދުވަހުން ފެށިގެން ވެސް އަލީ ހަމީދަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބެމުންދާ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން ވަކީލަކު އައްޔަން ކުރަން އަލީ ހަމީދަށް ދެއްވީ ދެދުވަހެވެ.

ދައުލަތުން އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން އިތުރު ބަޔަކާއި ބައިވެރިވެގެން ސަރުކާރު ވައްޓާލަން ރޭވުމާއި އަމިއްލަ މަންފާ އާއި ފައިދާ ހުރި ގޮތުގައި ކަންކަން ކުރުމަށް ރިޝްވަތު ހިފައިގެން އަލީ ހަމީދު މަސައްކަތް ކުރިކަމަށެވެ. އަލީ ހަމީދު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަރީފް އާއި ބައިވެރިވެގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށާއި އަރީފް މެދުވެރިކޮށް އެކަމުގެ ތެރެއަށް އެހެން މީހުން ވެއްދުމާއި ކޯޓު ތެރޭގައި ޤާނޫނާއި ހިލާފަށް އަލީ ހަމީދު އަމިއްލަ މަންފާ އަށް މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.

މިއަދުގެ އަޑުއެހުމުގައި އަލީ ހަމީދު ވަނީ އޭނާ ބަންދު ކުރި ދުވަހު ސުޕްރީމް ކޯޓުގެ ސިޑިން އަރާ ފޭބުމުގެ ތެރޭގައި ފަޔަށާއި އުނަގަނޑުން ތިރިއަށް އަނިޔާ ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ އަލީ ހަމީދު ހައްޔަރު ކުރަން ދިޔަ ވަގުތުން ފެށިގެން ބަންދު ކުރުމާއި ހަމައަށް ހިނގާ ދިޔަ ހުރިހާ ކަމެއް ފުލުހުން ވީޑިއޯ ކޮށްފައިވާ ކަމަށާއި އެވީޑިއޯ އަށް ބަލާއިރު އެފަދަ އެއްވެސް އަނިޔާއެއް ލިބުނު ކަން ފާހަގަ ކުރެވިފައި ނުވާކަމަށެވެ. އަދި ޝަރީޢަތުން ބޭނުންވެއްޖެ ނަމަ އެވީޑިއޯތައް ހުށަހެޅިދާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވެފައި ވަނީ އަލީ ހަމީދު ބަންދުކުރެވިފައި ވަނީ ޔުނިޓް 13 ގައި ކަމަށާއި އެތަނުގައި ބަންދު ކުރާ މީހުންނަށް އޮންނަ އުސޫލުގެ ދަށުން ދުވާލަކު އެއްފަހަރު ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ސްޕެޝިއަލިސްޓް ޑޮކްޓަރަކަށް ދައްކަން ޖެހޭ ހާލަތެއް ނަމަ އެކަން ފޯރުކޮށްދެމުންދާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އަލީ ހަމީދު ވަނީ ދައުލަތުގެ އެވާހަކަތަކަށް އެއްބަސްވެފައެވެ.

އަލީ ހަމީދު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރަނީ ކުރިން އޮތް ރޫލިން އަށް ބަދަލު ގެނައުމުން ސަރުކާރުން އޭނާ އާއި މެދު ހިތްހަމަނުޖެހިގެން ކުރާ ދައުވާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑެ

    އަލީ ހަމީދު އަކީ ކޯޗެއްތޯ؟
    ވަކީލެއްތޯ ޤާޒީ އެއްތޯ؟

  2. އައިމި

    ހެޔޮނުވާނެ، މިގައުމުގެ ގައްދާރު ކަލޭގެއާއެކު، އަހަރެމެންގެ ލޮބުވެރި ރައީސުލްޖުމްހޫރިއްޔާ ނުލައިބަލަ.