ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނ. ކެނދިކުޅުދޫ ކަރަންޓީން ކޮށްފިއެވެ.

އެރަށް ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވި އެންގުމެއްގައި ވިދާޅުވެފައި ވަނީ، އެރަށް މޮނިޓަރިންގ ހާލާތަށް ލެވިފައި ވަނީ ކޮވިޑު-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އަދި އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުމަށް ކައުންސިލަށް މިހާރު ވަނީ އަންގާފައެވެ.

އެޗްޕީއޭއިން ކެނދިކުޅުދޫ ކައުންސިލަށް ފޮނުވި އެ އެންގުމުގައި ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މަތީގައިވާ ސަބަބަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން ނ. ކެނދިކުޅުދޫ އަކީ މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"އަދި މޮނިޓަރކުރުމާ ގުޅިގެން މި އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ
ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ދެންނެވީމެވެ". އެޗްޕީއޭގެ އެންގުމުގައި ވެއެވެ.

ނ. ކެނދިކުޅުދޫގެ އިތުރުން އެ އަތޮޅު މާފަރާއި ހޮޅުދޫވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. މީގެ އިތުރުން މިއަދު ށ. ނަރުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވަށް އަދި ށ. މާއުނގޫދޫ ވެސްވަނީ ކަރަންޓީނުކޮށްފައެވެ.

މި ރަށްތައް ކަރަންޓީނުކޮށްފައި ވާއިރު، މިއަދު ށ. ނަރުދޫއިން ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކުން ކޮވިޑް-19 އަށް މީހަކު ފައްސިވި ދެވަނަ ފަހަރެވެ. މީގެ ކުރިން ހއ. އުލިގަމުން ދިވެއްސަކު މި ބައްޔަށް ފައްސިވެފައި ވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 137 އަށް އަރާފައެވެ. މީގެ ތެރޭގައި 66 ދިވެހިން ހިމެނޭހެން އެންމެ ގިނަ ބަޔަކަށް ވައިރަސް ޖެހިފައި ވަނީ ވެރިރަށް މާލެއިންނެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، މާލެ ސަރަޙައްދު ވަނީ ފުރަބަންދުކޮށްފައެވެ. މީގެ އިތުރުން އެރަށުން އަނެއްރަށަށް އަރައި ފޭބުން މަނާކޮށް މީގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް ވަނީ ފުރަބަންދުކޮށްފައެވެ.