ދ.މީދޫ ފަޅުތެރޭގައި ވެސް ދޯންޏެއް ކަރަންޓީނު ކޮށްފިއެވެ.

މި ދޯނި ކަރަންޓީނުކޮށްފައިވާނީ މާލެއިން އެރަށަށް ބޭނުންވާ ކާޑު ބަލާ އައުމަށްފަހު، އެނބުރި ރަށަށް ދިޔުމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީދޫ ފަޅުތެރޭގައި ކަރަންޓީނުކޮށްފައި ވަނީ ރިސޯޓެއްގެ ސަޕްލައި ދޯންޏެކެވެ. މި ދޯނި ކަރަންޓީނު ކުރިއިރު އޭގައި ތިން ބިދޭސީންނާއި ދިވެއްސަކު ހުރި ކަމަށް މަޢުލޫމާތު ލިބެއެވެ.

މީދޫ އަށް ދިޔަ ދޯންޏެއް ކަރަންޓީނުކޮށްފައި ވާއިރު، އެރަށަށް ދަތުރުކުރި ލޯންޗެއްވެސް ފަޅު ތެރޭގައި ކަރަންޓީނުކޮށްފައި ވެއެވެ. އެމީހުން ކަރަންޓީން ކުރީ ކަޑިންމަ ރިސޯޓްގައި ތިބި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސް ދިނުމަށް ފަހު އެނބުރި ރަށަށް ދިއުމުން ރަށު ކައުންސިލުންނާއި، ރަށުގެ ޓާސްކްފޯހުންނެވެ. އެ ލޯންޗު ކަރަންޓީނު ކުރިއިރު އޭގައި ދެ ދިވެހިންނާއި ބިދޭސީއަކު ހުއްޓެވެ.

މީގެ އިތުރުން މީދޫ ވިލުތެރޭގައި ވެސް އިތުރު ދޯންޏެއް ކަރަންޓީނުކޮށްފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެ ދޯނި މީދޫ ފަޅަށް ވެސް ވަނުން މަނާކޮށް ވިލުތެރޭގައި ކަރަންޓީން ކޮށްފައި އޮންނަތާ މިހާރު ހަތަރު ދުވަސް ވެއްޖެއެވެ. އެ ދޯނީގައި 12 ވަރަކަށް މީހުން ތިބި ކަމަށް މަޢުލޫމާތު ލިބިފައި ވާއިރު، ދޯނީގައި ތިބި މީހުން މީދުއަށް އެރުން މަނާކޮށްފައި ވަނީ ދޯނީގައި ހުރި މީހަކު މާލޭ ލިލީ ސްޓޯރު ފިހާރައަށް ގޮސްފައި ވާތީއެވެ. އެ ފިހާރައިގެ މުވައްޒަފަކު ކޮވިޑް-19 އަށް މީގެ ކުރިން ފައްސިވެފައި ވެއެވެ.

ކޮވިޑް-19 މާލެ އިން ފެނުނު ފަހުން އެކި ރަށްރަށުގެ ކައުންސިލްތަކުން މިފަދަ ގިނަ ނިންމުންތައް ނިންމަމުން ދެއެވެ. އެގޮތުން ރަށްރަށަށް ދަތުރުކުރާ މީހުންނާއި ދޯނި ފަހަރު ރަށަށް ވަނުން މީގެ ކުރިންވެސް ބައެއް ރަށްރަށުގައި މަނާކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން އެކި ރަށްރަށުގެ ފަޅުތެރޭގައި އެތައް ބަޔަކު ރަށަށް ނޭރި ތާށިވެފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ހިންގަންނޭގޭ ބަޔަކު ވެރިކަމަށް އައިމާ ވާނެގޮތްމިވަނީ. ދުނިޔޭގެ ގިނަ ޖަޒީރާ ގައުމުތައްވަނީ މިބަލިން ސަލާމަތްވެފައެވެ. ޖަޒީރާކޮށް އޮތުމީ މިބަލިން ފަސޭހައިން ސަލާމަތްވެވޭނެކަމެކެވެ. ނަމަވެސް ރާއްޖޭގެވެރިންނަކީ ނަމުން ޖަޒީރާ ކަމުން ފަކީރާއެވެ. ބަލަ ކިރިބަތީ، މާޝަލް އައިލޭންޑް މިހެންގޮސް ބައިވަރު ޖަޒީރާ ގައުމުތައް ސަލާމަތްވިއެވެ.