މަސްކިރުވުމަށް ފަހު މަސްވެރިންނަށް ނުދީ މިފްކޯއިން ދަރާ އޮތް 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާރު ދީފައިވާ ކަމަށް މިފްކޯ އިން ވިދާޅުވެއްޖެއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާއި ހަމަޔަށް 70 މިލިއަނަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ޖުމްލަ މަސްވެރިންނަށް ދޭން ޖެހިފައި ހުރީ 80 މިލިއަން ރުފިޔާ ކަމަށާއި، މިހާރު ނުދީ ހުރި ބައިވެސް ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މަސްވެރިންނަށް ނުދީ ބާކީ ހުރި ފައިސާވެސް ފްލައިޓު އޮތް ގޮތެއް ބަލާފައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފައުޒީ ވަނީ މަސްވެރިކަން ރަނގަޅު ނަމަވެސް މިހާރު ހަލުވިކަމާއި އެކު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން މަސްކިރުވުމަށް ދަތި ކަމެއް ހުރިކަން މީގެ ކުރިން ފާހަގަކުރައްވައިފައެވެ.

އަދި މިހާރު ދުވާލެއްގެ މައްޗަށް 300 ޓަނުގެ މަސް ދިވެހި މަސްވެރިން ބާނަމުން އަންނަ ކަމަށާއި، ނަމަވެސް މަސް ގަތުމަށް "ލޯޑު ބޮޑު ވަނީ" މަސް ގަންނަނީ ހަމައެކަނި މިފްކޯ އިން ކަމަށް ވާތީ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވިއެވެ.

ކިރުވާ މަހަށް ދުވަހުން ދުވަހަށް ފައިސާ ނުލިބުމަކީ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. މިފްކޯ އިން ބުނީ މިހާރު ނުދެވި ހުރި ފައިސާއަކީ ގާތްގަނޑަކަށް 17 ވަރަކަށް ދުވަހުގެ ތެރޭގައި ކިރުވާފައި ހުރި މަހަށްވާ ފައިސާ ކަމަށެވެ،