ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ވެކްސިން ދިނުން މެދުކަނޑާލާފައިވާ މި ދުވަސްތަކުގައިވެސް، 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ވެކްސިންތަކުގެ ތެރެއިން ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިންތައް ދިނުމަށް އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ދަމަނަ ވެށި ހުޅުވަން ނިންމައިފިއެވެ.

ދަމަނަވެށިން ބުނީ، ވެކްސިން ޖެހުމުގެ ޚިދުމަތް އެ ދުވަހުން ފެށިގެން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.

އެޕޮއިންޓްމަންޓް ހެދުމަށް ގުަޅަން ޖެހޭ ދުވަސްތަކާއި ގަޑިތަކަކީ ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ. އަދި އެޕޮއިންޓްމަންޓް ހެދުމަށް ގުޅަން ޖެހޭނީ 3322403 އަށެވެ.

މީގެ އިތުރުން އެމް.އާރް ވެކްސިން ޖަހަން ބޭނުންވާ 40 އަހަރުން ދަށުގެ ފަރާތްތަކާއި، އިންފްލުއެންޒާ ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުންވެސް އެޕޮއިންޓްމަންޓް ހެދުމަށް ގުޅުމަށް ދަމަނަވެށިން ވަނީ އެދިފައެވެ.

• އެޕޮއިންޓްމަންޓް ނޯޓްކުރުމަށް
1. ކުއްޖާގެ ނަން (އަދި ނަން ނުކިޔާ ކުއްޖެއްނަމަ، ކުއްޖާގެ މަންމަގެ ނަން).
2. ކުއްޖާގެ އުފަން ތާރީޚް
3. އެންމެ ފަހުން ވެކްސިން ޖެހި ތާރީޚް، އަދި ޖެހި ވެކްސިންގެ ނަން
4. ކުއްޖާ މިވަގުތު ދިރިއުޅޭ އެޑްރެސް
5. ކުއްޖާ މިވަގުތު ދިރިއުޅޭ ގެއަކީ މޮނީޓަރިންގެ ހާލަތުގައި ހުރި ގެއެއްތޯ ނުވަތަ ނޫންތޯ.

ދަމަނަވެށިން ބުނީ، ހަމައެކަނި ފަނިބޭސް އަދި ވިޓަމިން-އޭ ދޭން ޖެހޭ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ބޭސް އަދި ވިޓަމިން ދޫކުރުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 1:00 އަށް އެތަނުން ކަމަށެވެ. އަދި ފަނިބޭސް އަދި ވިޓަމިން-އޭ ދޫކުރުމަށް ހަމަޖެހިފައިވަނީ ކުއްޖާގެ ވެކްސިން ފޮތް ހިފައިގެން ހަމައެކަނި ބެލެނިވެރިޔާ އައުމުން ކަމަށްވެސް ބުނެފައި ވެއެވެ.

މާލެ އިން ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު (ފުރަބަންދު) ލޮކްޑައުން ހާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވެކްސިން ދިނުމަށް މަރުކަޒުތަކަށް ނުދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަައީމް

    ތިޔަވެކްސިން ދީބަލަ އައްނިއާ އިބޫއަށް މިސަރުކާރު ކޮޅަށްތެދުވޭތޯ ހަވާލުވީންސުރެ ބޯވަތަށްޖެހި ގޮތަށް ނާރާފަ އަރުވަން ނުވެސް އެގުނު ދެން ކޮންކަމެއް މިވެރިންނަށްވާނީ