ކުުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާ ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އިސްތިސްނާ ވާން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގަންނެވި ގޮތަށް މަޖިލީހުން ހުއްދަ ދިނުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ.

މި މަހުގެ 22ވަނަ ދުވަހު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ފިޒިކަލް ހަމަތަކަކީ، އެ ހަމަތަކަށް ފިނޭންސް މިނިސްޓްރީ އިން އަމަލުކުރުން ލާޒިމް ހަމަތަކެއް ކަމުގައި ވީނަމަވެސް، މިހާރު މުޅި ދުނިޔެއަށް އަދި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު، އެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ހަމަތަކަށް އަމަލު ކުރުމަކީ މިދަނޑިވަޅުގައި އިގްތިސާދީ ގޮތުން ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު އަމީރު ވަނީ އެ ސިޓީއާ އެކުގައި ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދީ އަދި މާލީ ލޮޅުމާއި އެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމަށް މަޖިލީހަށް ލިޔުމެއް ފޮނުވާފައެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ތިން ސިނާރިއޯ އެއް އެކުލަވާލައިފައެވެ. އޭގެތެރެއިން މިނިސްޓަރު އަމީރު ވިދާޅުވަނީ މިހާރު ކުރިމަތިވާނެ ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ސިނާރިއޯއަކީ ސިނާރިއޯ ތިނެއް ކަމަށެވެ.

ސިނާރިއޯ ތިނެއްގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 50 އިންސައްތަ ދަށްވެ، ބެޑްނައިޓްސް 39 އިންސައްތަ ދަށްވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ރިއަލް އިކޮނޮމީގެ އެހެން ސެކްޓަރތަކަށް ވެސް މީގެ އަސަރުކޮށް، އިގްތިސާދުގެ ޖުމުލަ ޑިމާންޑް ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެއާއެކު، ރާއްޖޭގެ އިގްތިސާދު 2020 ވަނަ އަހަރު 5.11 އިންސައްތައިން ދަށްވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ފަތުރުވެރިކަމަށް އަންނަ ބޮޑު ހީނަރުކަމާއެކު، ދައުލަތުގެ އާމްދަނީ 2020 ވަނަ އަހަރުގެ ބަޖެޓުގައި އަންދާޒާކުރި މިންވަރާ އަޅައި ބަލާއިރު 49 އިންސައްތަ ދަށްވާނެ ކަމަށް ސިނާރިއޯ ތިނެއްގައި ވަނީ ލަފާކޮށްފައެވެ. އެ ސިނާރިއޯގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 2.15 ބިލިއަން ރުފިޔާއެވެ. މި އަހަރު މިހާތަނަށް ލިބިފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އާމްދަނީ އަށް އަންނަ ހީނަރުކަމާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުން ލެވެލްއިން ފެށިގެން މަތީ ފަންތީގެ މުވައްޒަފުންގެ މުސާރަތައް 20 އިންސައްތަ ކުޑަކުރުމާއި، ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަ ކުރުމާއި، މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑުޖައްސާލުމާއި، އެހެނިހެން ރިކަރަންޓް ޚަރަދުތައް ވެސް ކުޑަކުރުން ހިމެނެއެވެ.

އަދި އިތުރު ހަރަދުތަކަށް ކޮމިޓްނުކުރުމުގެ ގޮތުން އިތުރު މުވައްޒަފުން ނުނެގުމާއި، މަޝްރޫއުތައް އެވޯޑްކުރުން ވެސް މަޑުޖައްސާލެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ލޯނު އަދާކުރުމަށް ކުރާ ހޭދަ ކުޑަކުރުމަށް ޑެޓް ރިލީފް އަދި މޮރެޓޯރިއަމް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރަށް، 35،000 ރުފިޔާއަށް ވުރެ ބޮޑު ކޮންމެ ހަރަދެއް ކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމަށް ދަންނަވާފައިވާނެ ކަމަށާއި އެ ދެންނެވުނު ފިޔަވަޅުތަކާއެކު، ދައުލަތުގެ ބަޖެޓު، 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ 9.37 ބިލިއަން ރުފިޔާއިން 1.30 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއަށްވުރެ ބޮޑަށް ހަރަދު ކުޑަކުރާނަމަ، ދައުލަތުން ފޯރުކޮށްދޭ މުހިންމު ހިދުމަތްތަކަށާއި ޕްރޮގްރާމްތަކަށް ބުރޫ އަރާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ދައުލަތުން މުވައްޒަފުން މަދުކުރަން ނުވަތަ މުވައްޒަފުންގެ މުސާރައިން އުނިކުރަން ޖެހިދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދުތައް އެކި ދިމަދިމާލުން ހިފެހެއްޓި ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ސިއްހަތަށާއި އިޖުތިމާއީ ރައްކާތެރިކަމަށާއި، ކާރިސާ މެނޭޖްކުރުމަށް ކުރާ ހަރަދު އިތުރުވެފައިވާ ކަމަށެވެ. އަދި ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި، އެކަމަށް އިތުރަށް ފައިސާ އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ. ހަމައެއާއެކު، އިގްތިސާދަށް އައި ބޮޑު ހީނަރުކަމާއި އެކު، ވިޔަފާރިތަކާއި ގޭބިސީތަކުން ވަނީ ދައުލަތުގެ އެހީއަށް ބޭނުންވެފައި ކަމަށް އަމީރު ވިދާޅުވިއެވެ. މިގޮތުން، މި ކާރިސާގެ ތެރޭގައި ކުރު މުއްދަތުގައި ވަޒީފާތައް ދެމެހެއްޓުމަކީ ދައުލަތުގެ މުހިއްމު މަގުސަދުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިގްތިސާދީ ރިލީފް ޕެކޭޖަށްވެސް ދައުލަތުން ހަރަދު އިތުރުކުރަން ޖެހިފައިވާ ކަމަށާއި އެ ހަރަދުތައް މި ވަގުތު ހަމަޖައްސަމުން ދަނީ 2020 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގެ ކޮންޓިންޖެންސީއިންނާއި ބަޖެޓުގެ ތެރެއިން ރީއެލޮކޭޓް ކޮށްގެން ކަމަށް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީ އާއި ހަރަދަށް ބަލައި ބަޖެޓުގެ ޑެފިސިޓަށާއި ޑެފިސިޓް ފައިނޭންސް ކުރުމަށް ފައިސާ ހޯދަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް
އިތުރުވެފައި ކަމަށެވެ. އެގޮތުން ސިނާރިއޯ ތިނެއްގައި، ބަޖެޓު ޑެފިސިޓް 13 ބިލިއަން ރުފިޔާއަށް އިތުރުވެ، ފައިނޭންސިން ހޯދަންޖެހޭ މިންވަރު 2.13 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ށަވިޔަނި

    ތީ މެމްބަރުންނަށް ކޮމިސަން ބަހަން ނަގާ އެއްޗަ ކަށް ވާނީ

    33
  2. ްއަލްޖައްބާރު

    ޙަގީގީ ވަގުންނާ މަކަރުވެރި ހީލަތްތެރިންނާ ޓެރަރިސްޓުންނައް ވެރިކަން ހަވާލުކުރީމަ ވާގޮތް މިހާރު މިފެންނަނީ. ޑޮލަރުގެ އަގުމަތިވަނީ، ރައްޔިތުންމަގުމަތިވަނީ
    ތިމީހުން ތިބަލަނީ ވެއްޓިގެންދާއިރު އަތުޖެހުނު އެއްޗެއް ހިފައިގެން ފިލަން. ދައުލަތު މުދަލުން ހާލާލް ވައްކަން ކުރާތަނަކައް ތިމަޖިލިސްވެ ނިމިއްޖެ.

    20
    1
  3. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    އެތައްބައިވަރު ލޯނުތަކެއް ނަގަނީ، ދުނިޔޭގެ ބޭންކުތަކުން މިލިޔަނުން ޑޮލަރުދެނީ، މިވެސް މަދުވެ ރިޒާވުވެސް މިދިރުވާލަނީ. އެމްޑީޕީ ޓުވީޓުކުރާމީހުން މިކަމާ ބުނާނެ އެއްޗެއް ނެތީހޭ ހަމަ؟

    21
  4. ޯބޯޖަލީލު

    ކިހާވަރަކުން ދާނެބާ ދަރަނި ދަރަނި ދަރަނި ދަރިންގެ ދަރިންނަށް ދަރަނިވެރިވާތީ އައިމީހުންދޯ ކީކޭ ބުނާނީ ކޮބައިބާ އީވާ ބުލޭންކް ޗެކެއްނުދެވޭނެ ހަޒާނާ ހުރިގޮތަށް އަމީރަށް އީވާޔަށް ވަރަށް ސަލާމް...

    19
    1
  5. މަރޭ

    އެންމެ ޓީވީ އިންޓަރވިއުއަކަށް 48 ގަޑިއިރުން 4.2 ބިލިއަން ރުފިޔާ ލިބުނީ؟ އަމީރު މޮޅު

    14
  6. އާޖު

    ކީކޭތަ ބުނާނި ! އެންމެ ފުރަތަމަވެސް ހީލަތްތެރި އޮޅުވާލުމުގެ ތެރެއިން ( ތިމާމެންނަށް ) ފައިދާ ލިބޭގޮތަށް ބަދަލު ދިނުމުގެ އިޤްތިޞާދީ ޕްލޭނެއް ހިފައިގެން ވެރިކަމަށްއައި މި މީހުންނަށް މިއަހަރުގެ ބިޔަ ބަޖެޓްގައި ( އެމީހުން ) ޞިއްޙީ ކަންތައްތަކަށް ކަނޑައަޅާފައިވާ 1.7 ބިލިޔަން ރުފިޔާވެސް ނުފުދޭކަމަށްބުނެ އިތުރަށް 1.6 ބިލިޔަން ރުފިޔާ ބޭނުންވާކަމަށްބުނެ ( ކައްވާލުމުގެ ) ހީލަތްތެރި އަދި މަކަރުވެރި އުކުޅެއް ރާވައިގެން ބޭރުގެ މާލީއިދާރާތަކުން 3.3 ބިލިޔަންރުފިޔާ ހޯދާނެކަމަށްބުނެ އެގެންދަނީ ނިއުސް ބްރީފިންތައް ބާއްވާ އަހަރެމެންނަށް މޮޅު މަޢުލޫމާތުތައް ދެމުން. އަނެއްބަޔަކު މިތިބީ ސަރުކާރަށް ތަޢުރީފުކޮށް އަތްޖަހަން " ކެޔޮކޭވަރެއް އެގޭނީ ބިތުފަންގެ ނެގުނީރުން " ރައްޔިތުންނޭ !

    17
  7. ފަރީޝާ

    މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރައްވާ 30،000 އަށް ވުރެ ބޮޑުނުވާގޮތެއްގެ މަތީން..

    މިރޭޓުން ޕޮލިޓިކަލް ކަލްޓުންގެ މުސާރަވެސް

    އަދި މަޖިލީހުގެ ފަރިއްކޮޅު ދިނުން ހުއްޓާލާ.. އެއީ ދައުލަތަށް ބޮޑު ބުރައެއް.. ކޮންމެ ގަޑިޔަކު
    15 ވައްތަރުގެ ރިހަ ހަދަން ޖެހޭ
    ފްރެޝް ފްރުޓު ހުންނަން ޖެހޭ މީ ލާހިކަވަރެް ނޫންނ.. އެއްހެން މަގާމުތަކަށް ވެސް ކާން ނުދޭ ކީއްވެ ވަކި މަޖިލީހުގެ ބޮޑުންނަށް ދައުލަތުން ކާންދޭންވީވެސް..

  8. ފިރުޝާން

    މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރައްވާ 30،000 އަށް ވުރެ ބޮޑުނުވާގޮތެއްގެ މަތީން..

    މިރޭޓުން ޕޮލިޓިކަލް ކަލްޓުންގެ މުސާރަވެސް

    އަދި މަޖިލީހުގެ ފަރިއްކޮޅު ދިނުން ހުއްޓާލާ.. އެއީ ދައުލަތަށް ބޮޑު ބުރައެއް.. ކޮންމެ ގަޑިޔަކު
    15 ވައްތަރުގެ ރިހަ ހަދަން ޖެހޭ
    ފްރެޝް ފްރުޓު ހުންނަން ޖެހޭ މީ ލާހިކަވަރެް ނޫންނ.. އެއްހެން މަގާމުތަކަށް ވެސް ކާން ނުދޭ ކީއްވެ ވަކި މަޖިލީހުގެ ބޮޑުންނަށް ދައުލަތުން ކާންދޭންވީވެސް..

  9. މަސީހު

    ސަރުކާރާ މަހުލިސް އެކުވެގެން މިކުޅެނީ ޑުރާމާ އެންމެފުރަތަމަވެސް އިންގުނު ތިކަންނިމޭނީ ހުށައެޅިގޮތައްކަން. ތީމިގަރުނުގަ ދެބޯގެރިދުއްވާގޮތް

  10. ކުއްޅަބެ

    ކިތަންމެ ވަރަކަށް މަޖިލީހުން ބަހުސްކުރިޔަސް ސަރުކާރުތާއިދު އޮތީމާ ތިޔަބޮޑު ދަރަނިވެސް ރައްޔިތުންގެ ބޮލުގައެޅުވީ މީވަސަރުކާރެއް

  11. ވސމވ

    ތިޔަ ބަޖެޓުން ހިފަހައްޓަން ބޭނުމިއްޔާ.. ކަރަންޓުވެސް ކޮންމެ ދުވަހަކު ވަކި ވަގުތުތަކަކައް ލިބޭގޮތައް ބަދަލު ކުރަންޖެހޭ.. އެހެން ނޫނީ ކިހިނެތް ހިފަހައްޓާނީ..

  12. މވމވމވ

    ހިތާމައިގެ ކޮޅެއްވެސް ނެތް. މި ކާރިސާ ދިމާވީވެސް ވަރުގަދަ ސަރުކާރެއް ނެތީސް. އަދި ރާއްޖޭގެ ކަރަޕްޝަނުން ގައުމު ސަލާމަތްނުވެ އިންފެސްޓު ވެފައި ވަނިކޮއް. ކަރަޕްޓު ހުރިހާ އެންމެން ދަންނަން ޖެހޭ ކަމަކީ ފައިސާ ނަގަ ނަގާ ތިބެވޭކައް ދައުލަތަކު މާގިނަ ފައިސާއެއް ނެތްކަން. ތިޔަ ފެންނަނީ އެކަމުގެ ހެކި. ފައިސާ ހުސްވުމަށްފަހު މިކަމުގެ ހިތިކަން އެންމެންވެސް އިހުސާސް ކުރާނެ. އެއީ ކަރަޕްޝަނުގެ ފައިސާ ނެގިމީހުންވެސް އިހުސާސްކުރަންޖެހޭނެ ކަންތައްތަކެއް. މިއީ ރާއްޖޭގެ ފާގަތި ކަމުގެ ނިމުމައްވެސް ވެދާނެ. ވީމާ ދީނަށާއި ގައުމައް ވަފާތެރިވެ ދައުލަތުގެ ފައިސާއައް ޚިޔާނާތްތެރި ނުވާތި.