މާލެ ފުރަބަންދުވުމާއި ވިދިގެން، މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ ގިނަ މައްސަލަތަކެއް ހުށަހެޅެމުން އަންނަ ކަމަށް، ފުލުހުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން، ފުލުހުން ހަމަޖައްސަވަމުން ގެންދަވާ އިންތިޒާމުތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރެއްވުމަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢިލް ނަވީން ވިދާޅުވީ، ޑެލިވަރީގެ ޚިދުމަތަށް އެދިލައްވާއިރު، އެއީ ރަނގަޅު ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދޭ ކަމަށާއި، ފައިސާ ޖަމާކުރާ އެކައުންޓް ނަމްބަރުވެސް އިތުރަށް ޔަޤީންކުރުމަށް އެދޭ ކަމަށެވެ.

"މި ލޮކްޑައުން ފެށުނުފަހުން، މަކަރާއި ޙީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފަ. މިގޮތުން ޑެލިވަރީކޮށްދޭނެ ކަމަށްބުނެ، ފައިސާ އަތުލުމަށްފަހު، އެ ތަކެތި ޑެލިވަރީނުކުރުމާއި، އަދި އޭގެ ފަހުން ފޯނު ނުނެގުމުގެ މައްސަލަވެސް ނޫނީ ފޯނު ނިއްވާލާފަ އޮތުމުގެ މައްސަލަތައްވެސް ހުށަހެޅެމުން އެބަ އާދޭ. އެހެންކަމުން، އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ކުރިން އެއީ ޞައްޙަ ފަރާތެއްތޯ ބެއްލެވުމަށް ހުރިޙާ ފަރާތްތަކަކަށްވެސް އަޅުގަނޑު އިލްތިމާސްކުރަން. އަދި ގޮތްނޭނގޭ އެކައުންޓްތަކަށް ފައިސާ ޖަމާނުކުރައްވާ، އެއީ ޞައްޙަ ބައެއްތޯ ބެއްލެވުމަށްފަހު ނޫނީ ފައިސާ ޖަމާނުކުރުމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދެން." ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން ނަވީން ވިދާޅުވީ، އެއްތަނުން އަނެއްތަނަށް ދިއުމަށް ދޫކޮށްފައި ހުރި ހުއްދަ ތަކަކީވެސް އެކަމަށް ހެދިފައިވާ ވަކި ޤަވާއިދުތަކެއްގެ ދަށުން ދޫކޮށްފައިވާ ހުއްދަ ތަކެއް ކަމަށާއި، އެ ހުއްދަތައް ބޭނުން ކުރުމުގައިވެސް އިތުރަށް ސަމާކުވުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލާނަން، ލޮކްޑައުން ޙާލަތަށް އައިސްފަ އޮތް އިރު، 17 ފަރާތެއްގެ ފާސް އަޅުގަނޑުމެންވާނީ މިހާރު ކެންސަލް ކުރެވިފަ. އެއީ ވެހިކަލް ޕާރމިޓް. ސަބަބަކީ، ހުއްދަ ދެވިފައިވާ ކެޓެގަރީ ނޫން ވެހިކަލް ދުއްވައިގެން ނުވަތަ ލައިސެންސް ނެތް ފަރާތެއް އެ ވެހިކަލް އޮޕަރޭޓް ކޮށްގެން ޕާރމިޓްތައް ކެންސަލް ކުރެވިފަ ހުންނާނީ." ނަވީން ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންނަށް މަރުގެ އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް، މިއަދުގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙުސްނާ

    ހީސާބައް ވުރެ މޮޔައީ، ދެން ހަމަ ނުދަންނަ ނަންބަރަކުން ގުޅާފަ ޑެލިވެރީ ކޮއްދެމޭ ބުންޔާކަސް ފައިސާ ދޭކަށެއް ނުޖެހޭ، ތަކެތި އައީމަ ދޭނަމޭވެސް ބުނެވިދާނުން..

  2. ނަބީހް

    ލޮލް... ތިޔަ ބަޔަކައް ޕްރީޕެއިޑަކުން ގުޅާފަ، ކޮވިޑް ވެކްސިން އުފައްދައިފީމޭ ޖަހަން ބޭނުން ނަމަ ނަން ނޯޓް ކޮއްފަ ފައިސާ ފޮނުވާށޭ ބުންޔަސް ފޮނުވާނެ..

  3. މުހާނިފް

    އެހާލަތައް ދިޔައީ ޑެލިވަރީ ކުރާމީހުން ނުކޮއްދޭތީ..
    އެވަރައް ތައްޔާރު ނުވެ، ކަމަކައް ކަމެއް ކޮއްލަން އުޅުނީމަ، ތިކަމުގެ ޒިންމާ ވާންޖެހޭނީ އިބޫ.

  4. އަލީރެޒާ ފިރޯޖާ

    ދިވެހިން ގަޅިވާނެ، ގިނަ މީހުން..
    ރުނބަޔައް ހަނދުލާ އަނދިރި ހިއްކާ ބަޔަކައް ތިޔަ ވަރުގެ ދެރަ އެއް ދިނުން އެއީ އެއްވެސް ކަމަކައް ނުވާނެ.