ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހއ. އިހަވަންދޫ އިން 23 މީހެއްގެ ސާމްޕަލް ނަގަން ނިންމައިފިއެވެ.

އިހަވަންދޫ ކައުންސިލް އިން މިހަން ހާމަކޮށްފައި ވާއިރު، އެރަށު ގިނަ ބައެއްގެ ސާމްޕަލް ނެގުމަށް ނިންމާފައި މިވަނީ، ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވި މީހުން އިހަވަންދޫގައި ތިބުމުން އެރަށުގެ ޓާސްކްފޯސް އިން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އެރަށު "ކާވިޔާ" ބޯޓުންނާއި ކުޅުދުއްފުށީ "ސީ ކުއީން" ބޯޓުން ދަތުރުކުރި މީހުންނެވެ. މި ދެ ބޯޓުގެ ތެރެއިން ކާވިޔާ ބޯޓަކީ ހއ. އުލިގަމުން ކޮވިޑް-19 އަށް ފައްސިވި މީހާ ދަތުރުކުރި ބޯޓެވެ.

އިހަވަންދޫ ގައި ބައެއް މީހުންގެ ސާމްޕަލް ނެގުމަށް ނިންމާފައިވާއިރު، އެރަށުގައި ވެސް ވަނީ ރައްކާތެރިކަމުގެ މުޙިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލެނބުމަށް ރަށު ކައުންސިލުން ވަނީ އެދިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 191 އަށް އަރާފައެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 78 ދިވެއްސަކާއި 113 ބިދޭސީ އެކެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވަނީ މާލެއިންނެވެ. މާލޭގެ އިތުރުން، ހއ. އުލިގަމާއި، ށ. ނަރުދޫންވެސް ވަނީ ކޮވިޑް-19 ޖެހިފައިވާ ދެ މީހަކު ފެނިފައެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން ދެން ރާއްޖެއިން މި ވައިރަސް ފެތުރިފައިވަނީ ރިސޯޓްތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގުއި19

    މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ ވަގުން ބުންޏެން ނޫން ތޯ މީއެހާ ބޮޑު ކަމެއް ނޫނޭ ބުނި މީހުން މިހާ ރު ހޮ ރަށްވަދެ ފިލާފަ

  2. ކޮއްކޮ

    ވަރަށް ރަނގަޅު ކަމެއް ތިއީ

  3. ޠިލަދުން

    ޠިޔަ މީހުން ނޫނިއްޔާ ނޫޅޭ ސާމްޕަލް ނަގާ ބައެއް.