އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހަތް ހެއްކެއް ހުށަހަޅައިފިއެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމާ މެދު ބަހުސްކުރުމަށް ބޭއްވި މިއަދުގެ ޝަރީއއަތުގައި ދައުލަތުން ޢަބްދުﷲ ސަޢީދުއާ ދެކޮޅަށް ހުށަހަޅާފައިވާ 7 (ހަތެއް) ހެކީގެ ތެރޭގައި ހިމެނެނީ، ދެ ސިއްރު ހެކިވެރިންނާއި، ފާޅުގައި ހެކިބަސްދޭ ދެ ހެކިވެރިންގެ އިތުރުން ސިއްރު ދެ ލިޔުމެއް އަދި ރައީސް އޮފީހުގެ ދެންނެވުމެކެވެ.

މި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ފުރަތަމަ ހެކިވެރިޔާ ހުށަހަޅާފައިވަނީ، 2018 ފެބުރުވަރީ 4 އަދި 5 ވަނަ ދުވަހުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ސިއްރު ހެކިވެރިޔާއަށް ގުޅައި، ޖެމްސް (ގަވަރމެންޓް އީލެޓަރ މެނޭޖްމަންޓް ސިސްޓަމް) ގެ ޚިދުމަތް ކަނޑާލުމަށާއި، އަލުން ގުޅައިދިނުމަށް އެދިފައިވާކަން ސާބިތު ކުރުމަށެވެ.

އަދި ސިއްރު ދެވަނަ ހެކިވެރިޔާ ހުށަހަޅާފައިވަނީ، ހަމަ އެ ދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ސިއްރު ދެވަނަ ހެކިވެރިޔާ އަށް ގުޅައި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތަކެއް ފޮނުވުމަށް ޖެމްސްގެ ޚިދުމަތް އަލުން ގުޅައިދިނުމަށާއި، އެ ލިޔުންތައް ފޮނުވާ ނިމުމުން ޖެމްސްގެ ޚިދުމަތް އަލުން ކަނޑާލުމަށް އެދިފައިވާކަން ސާބިތު ކުރުމަށެވެ.

މި މައްސަލައިގައި ދައުލަތުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ސްޕްރީމް ކޯޓަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް ހަލީލްގެ ނަން ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، އެ ދެ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޖެމްސްގެ ފަޔަރވޯލް ގަސްދުގައި އަޕް އެންޑް ޑައުން ކޮށްފައިވާކަން ސާބިތު ކުރުމަށެވެ. ހަތަރުވަނަ ހެކިވެރިޔާ ވެސް ހުށަހަޅާފައިވަނީ ޖެމްސްގެ ޚިދުމަތް ގަސްތުގައި ހުއްޓުވާފައިވާކަން ސާބިތުކުރުމަށެވެ.

މި މައްސަލަ ޢަބްދުﷲ ސަޢީދުގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ދެން ހުށަހަޅާފައިވާ 2 ސިއްރު ހެއްކަކީ ލިޔުންތަކެކެވެ. އޭގެ ތެރެއިން ފުރަތަމަ ސިއްރު ޑޮކިއުމަންޓަކީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ދައުލަތަށް ފޯރުކޮށްދީފައިވާ 2 ލިޔުމެކެވެ. މި ދެ ލިޔުމަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޖެމްސްގެ ޚިދުމަތް ގަސްދުގައި ކަނޑާފައިވާކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ދެ ލިޔުމެވެ.

ދައުލަތުން ސިއްރު ލިޔުމުގެ ގޮތުގައި ހުށަހަޅާ ދެވަނަ ސިއްރު ޑޮކިއުމަންޓުގެ ތެރޭގައި ހިމެނެނީ، މި މައްސަލައާއި ގުޅުންހުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސިޓީއަކާއި، އެންސީއައިޓީގެ ލިޔުމެކެވެ. ދައުލަތުން އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅި އެންމެ ފަހު ހެއްކަކީ ޖެމްސް (ގަވަރމެންޓް އީލެޓަރ މެނޭޖްމަންޓް ސިސްޓަމް) ގެ ބޭނުމާއި ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ޢާއްމުކޮށްފައިވާ ބަޔާނެކެވެ.

މި މައްސަލައިގައި ދިފާއީ ހެކި ހުށަހެޅުމަށް މިއަދުގެ އަޑުއެހުމުގައި ޝަރީއަތުން ދިފާއަށް ފުރުޞަތު އެރުވި ނަމަވެސް، ދިފާއުން ވިދާޅުވީ މުވައްކިލު ބަންދުގައި ހުރުމާއެކު ހެކި ހުށަހެޅޭނީ މުވައްކިލާ ބައްދަލު ކުރުމުގެ ފުރުޞަތު ލިބުމުންކަމަށެވެ. އެހެންކަމުން ޝަރީއަތުން ވިދާޅުވީ، 2018 މެއި 2 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހެކި ހުށަހެޅުމަށެވެ.

ނަމަވެސް ދިފާއުން ވިދާޅުވަމުން ގެންދެވީ އެއީ ބައްދަލުވުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށާއި އިތުރު މުއްދަތެއް ދެއްވުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ތާރީޙް ބަދަލު ނުކުރައްވާ ކަމަށާއި، އެ މުއްދަތުގައި ހެކި ލިޔުމުން އެ ކޯޓަށް ހުށަނޭޅިއްޖެނަމަ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާ ނިމުމުގެ ކުރީ ތާރީހެއް ހެކި ހުށަހެޅުމަށް އެންމެ ފަހު ވަގުތުގެ ގޮތުގައި އެ ސެކްޝަނުގެ އިދާރީ މޭޒުން ދެއްވާނެ ކަމަށެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ދައުލަތުން ހުށަހަޅާފައިވާ 3 ނުކުތާގެ އިތުރުން ދިފާއުން ހުށަހަޅާފައިވާ 11 ނުކުތާގެ މައްޗަށް ވަރަށް 3 ގަޑިއިރުގެ ދިގު ބަހުސްތަކެއް ކުރެވުނެވެ. ނަމަވެސް ދިފާއުން ހުށަހެޅި ކަންތައްތަކަށް ޝަރީއަތުން އެކަށީގެންވާ ޖަވާބެއް ދެއްވާފައި ނުވާތީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އިސްތިއުނާފު ކުރައްވަން ގަސްތު ކުރައްވާކަމަށް ދިފާއީ ވަކީލު ނޫރުއްސަލާމް މިއަދުގެ އަޑުއެހުމުގައި ވިދާޅުވިއެވެ.

ތިން ގަޑިއިރާއި ބަޔަށް ދެމިގެންދިޔަ މި ޝަރީއަތުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ، ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމެއްގައި އޮންނާނީ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުން ކަމަށާއި، އެއަށްފަހު އޮންނަ އަޑުއެހުމެއްގައި ދިފާއީ ހެކިންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރާ ދައުލަތް ހިންގުމަށް ހުރަސްއެޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ހެނދުނު ބާއްވާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހަވީރު 05:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކުރެވިފައިވެއެވެ. މީގެ އިތުރުން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަލިބަދާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޮ.

  2. ނަބީލާ

    މިވަރުންވެސް އެ ބުނަނީ ފްލޯކް ދަޢުވާއެކޭ!