މާލެ އާއި އަތޮޅު ތެރޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވަމުން އަންނަކަމަށާއި، އެކަމަށް ސަމަލުވެ ރައްކާތެރިވެ ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ދުވަސް ވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ފެތުރުމުގެ ފުރުސަތު ބޮޑު ދުވަސްވަރެއް ކަމަށްވާތީ ޑެންގީއަށް ރައްކާތެރިވުމަށް ދުރާލާ ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މަދިރި ހެފުމުން ރައްކާތެރިވެ، މަދިރި މަދު ކުރުމަށް މަސައްކަތް ކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މި ދުވަސްވަރަކީ ޑެންގީ ހުން ފެތުރޭ ދުވަސްވަރަކަށް ވެފައި، މަދިރި އާލާވާ ފަދަ ތަންތަން މަދު ކުރުމާއި، ޑެންގީ ބައްޔަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި، ޑެންގީ ބަލި ދެނެގަތުމާއި، ފަރުވާ ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.

އަދި ޑެންގީ ހުން އިތުރުވަމުންދާ މިންވަރު މޮނީޓާކޮށް ޑެންގީ ފެތުރޭ ރަށްރަށުގައި ޑެންގީ ކޮންޓްރޯލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ލަފާދީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ގެއާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ، ފެން ހުސްކޮށް ސާފުކުރުމާއި ކުނިއަޅަން ހާއްސަ ކުރެވިފައިވާ ތަންތަން ފިޔަވާ އެހެން ތަންތަނަށް ކުނި ނޭޅުމާއި ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ބޭނުން ކުރުން ފަދަ ކަންކަން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލާއި، ލޮލުގައި ރިއްސުން އަދު ހަމުގައި ކުދި ރަތް ބިހި ނެގުން ހިމެނެއެވެ. އެޗްޕީއޭ އިން ވަނީ ހުން ގަަދަވެގެން ތިން ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހުދީ

    މިހާރު އެއްވެސް ވަރަކަށް މާލެ ފޮގްނުކުރޭ. ވަރަށް ދެރަވޭ

  2. މަމިީ

    ސަމާލު ވީމަ ނުޖެހޭނެ އެންނު