ރިސޯޓުތަކުގައި ބަންދުވެފައި ތިބި ސްޓާފުން އަނބުރާ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"މީގެ ކުރިން ފުރަބަންދުގައި ތިބި ރިސޯޓުތަކުގައި ބަންދުވެފަ ތިބި ސްޓާފުންނަށް އަނބުރާ ރަށަށް ދިއުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން. ﷲ އިރާދަކުރެއްވިއްޔާމު، އެ ރިސޯޓުތަކުގެ މެނޭޖްމަންޓް ތަކާއި ގުޅިގެން، ރަށަށް ނުދެވި ތިބި ސްޓާފުންނަށް ރަށާއި ހަމައަށް ދެވުނުކަން ކަށަވަރުކުރަން ޚާއްޞަ އިންތިޒާމުތަކެއް އަޅުގަނޑުމެން ހަމަޖައްސަމުން ގެންދާނެ ވާހަކަ ދަންނަވަން." ޢަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ތިބި ބޭރު ޤައުމުތަކުގެ މީހުން ގެންދިއުމަށް އެ ޤައުމުތަކުން އަންނަ ފްލައިޓު ތަކުގައި، އެ ޤައުމުތަކުގައި ތިބި ދިވެހިންނަށް އާދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް، މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

"މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށުމާއި ގުޅިގެން، މަޑުޖެހިފައި އޮތް އޮތުމެއް އެއީ ރާއްޖެއިން ބޭރުގައި ތާށިވެފައި ތިބި ދިވެހިންނަށް ރާއްޖެއަށް އާދެވޭނެ ގޮތެއް ހަމަޖެއްސުން. މިހާރު ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު އެއް ފެސިލިޓީ ހަމަޖައްސަވައިދެއްވާފަ އެހެން ޤައުމުތަކުގެ މީހުން ބަލައި އަންނަ ފްލައިޓްތަކުގައި، އެ ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ކުރަން ޖެހޭ މަސައްކަތް. ޚާރިޖީ ވުޒާރާއާއި ގުޅިގެން އެކަން ކުރަމުން މި ދަނީ." ޢަލީ ވަޙީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ގައުމަށް ދާން ބޭނުންވި ނަމަވެސް ނުދެވިފައި ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިންނާއި އެހެނިހެން މީހުން އެމީހުންގެ ގައުމަށް ފޮނުވާލުމަށް ހާއްސަ ފްލައިޓުތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން، އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު ދެ ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބުދަ ދުވަހު އޮންނާނީ ރޮސިއާ އެއާލައިންގެ ފްލައިޓެއް ކަމަށާއި، އަދި ބުރާސްފަތި ދުވަހު އޮންނާނީ އެއާ ކައިރޯގެ ފްލައިޓެއް ކަމަށްވެސް އެ މިނިސްޓްރީ ވަނީ އަންގާފައެވެ. ނަމަވެސް މި ފްލައިޓުތައް ދަތުރުކުރާ މަންޒިލެއް އަދި މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ފުރައިގެން ދިއުމަށް ބޭނުންވާ އެތައް ބަޔަކު ރާއްޖޭގައި ތާށިވެފައި އެބަތިއްބެވެ.

މިހާތަނަށް އައިއިރު، މުޅި ރާއްޖެއިން ޖުމްލަ 214 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، 80 ދިވެހިންނާއި، 134 ބިދޭސީންނެވެ. އަދި މީގެ ތެރެއިން 18 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައިމީ

  ރިސޯޓުގަ 14 ދުވަސްވެ އަނބިދަރިން ކައިރިޔަށް ރަށަށް ދާން މާލެ އައިސް ލޮކްޑައުންގެ ސަބަބުން ރަށަށް ނުދެވިތިބި ރިސޯޓްމީހުންނަށް އޮތީ ކޮންގޮތެއްތޯ؟

  5
  1
 2. ކަލޯ

  ކޮންމެވެސް މީހަކު މަށަށް ބުނެދީބަލަ ފްލޯޓިން ހޮސްޕިޓަލް ހުރިތަން.

 3. އައްޑޫ ލެއި

  ރިސޯޓް ތަކުގަތިބި މީހުން އެކަނިތަ؟ ކޮބާ ރިސޯޓް ތަކުގަ ތިބެފަ ފުރަން އައިގޮތަށް މާލޭގަ ކަލޭމެން ތާށި ކޮށްފަ ތިބި މީހުން. ކޮބާ އެމީހުންގެ ހައްގު