ރާއްޖެ އިން އިތުރު 16 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 245 އަށް މިއަދު އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އެންމެ ފަހުން ބައްޔަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ތިން ދިވެހިން ކަމަށެވެ. އެމީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ފައްސިވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ ދުވަހު 73 މީހެއްގެ ގައިން ބަލި ފެނިފައިވެއެވެ.

ރާއްޖެ އިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 94 ދިވެހިންނާއި 151 ބިދޭސީންނެވެ. މި ބަލިން ރަނގަޅުވެފައި ވަނީ 17 މީހެކެވެ.

މި ބަލީގައި މިހާރު 226 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި އާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގައި ތިން މީހަކަށް ފަރުވާދެމުންދާ އިރު، ރާއްޖެ އިން ބަލި ޖެހުނު ޕާކިސްތާންގެ މީހަކަށް އެ ހޮސްޕިޓަލްގައި ވަނީ އޮކްސިޖަން ދޭން ފަށައިފައެވެ.

މި ބަލި ޖެހުނު ދެ މީހަކު މިވަގުތު ތިބީ ރާއްޖެ އިން ބޭރުގައެވެ. އެ ދެ މީހުންގެ މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކަރަންޓީން ފެސިލިޓީތަކުގައި 1،201 މީހުން އެބަތިއްބެވެ.

މިހާތަނަށް 6،860 ސާމްޕަލެއް ނަގާފައިވާ އިރު، 6،091 ސާމްޕަލެއް ވަނީ ނައްސިވެފައެވެ. އަދި ނަތީޖާ ނުލިބޭ 524 ސާމްޕަލެއް ހިމެނެއެވެ.

މާލެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެންމެ ފުރަތަމަ މާލެއިން ކޮވިޑް-19 ގެ ކޭސް އެއް ފެންމަތިވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން، މި ބަލި މުޖުތަމައުގެ ތެރޭގައި ވަނީ ފެތުރެން ފަށައިފައެވެ.

މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެމުންދާތީ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަޙައްދަށް އެލާޓް ލެވެލް ރަތަށް ޖައްސައި، އާންމުން ބޭރަށް ނިކުމެ ނޫޅެވޭގޮތަށް ވަނީ ފުރަބަންދުކޮށްފައެވެ. ބޭރަށް ނުކުންނަ މީހުންނާ މެދުގައި ހަރުކަށި ފިޔަވަޅު އަޅަން ފުލުހުން ވަނީ ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސިން

    އާންމު ރައްޔިތުންނަށް ރަށައްދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާ..... އާއިލާ މީހުން ކައިރިއަށް ދާން ބޭނުން.....

    38
    1
    • މާލެ. ހެޔޮއެދޭމީހާ..

      ހެޔޮ ނުވާނެ މިފަދަ ދަނޑި ވަޅެއްގައި އެއްރަށުން އަނެއްރަށަށް ދިއުމަކީ ވ ވ ވ ނުރައްކާކަމެއް.. އޭގެ ސަބަބުން ތިމާ އެއްމެ ލޯބިވާމީހާ މި ބަލީގެ ސިކާރައަކަށް ވުންވެސް ވަރަށްގާތް.. އަޅުގަނޑު މެންގެތެރެއިން މި ވައިރަސް ހުރީ ނުވަތަ ނެތީ ކާކުގެގައިގަ ކަމެއްވެސް ނޭގެ... ވީމަ އަޅުގަނޑު ކަމެއް ކުރުމުގެ ކުރިން ވ ވ ވިސްނާފަ ކުރުމަށް ވ ވ އާދޭހާއި އެކު ދަންނަވަން...

      6
      1
  2. ޘްރާ

    ފައްސި ނުވާނެ ގޮތަކަށް ނޫން ކަންތައް ކުރަމުން ގެންދަނީއެ... ލޮލަށް ފެނި އަތުން ހިފައިފަ މިކަން މި ޤަބޫލް ކުރީ...ވަރަށްވެސް ފަރުވާކުޑަ. މިވަރުން މިމީހުންނަށް ކޮމިއުނިޓީ ސްޕްރެޑެއް ނުހުއްޓުވޭނެ.ޔަގީން..އެންމެ ދުވަހަކުވެސް ބޭރަށް ނުނިކުންނަ ނިކަމެތިން ހަމަ މި ބަލީގެ މަޅީގައި ޖެހެމުން ދަނީމި

    15
  3. ޚިތާމަ

    ޢަދިވާނެ ގިނަ ☹️

    10
    1
    • މީ

      އިންޝާﷲ ރަނގަޅުވާނެ. ރަނގަޅު އުންމީދުކުރަންޖެހެނީ

  4. ޢިހްސާ

    އެޗް.ޕީއޭއިން ކިތަންމެ ވާހަކައެއް ދެއްކިޔަސް ، އަމަލުން އެކަމެއް ނުފެނޭ ، ބަލީގެ އަލާމާތް ހުންނާތީ މިކުރަނީ ޓެސްޓް ، އެކަމަކު ޓެސްޓްގެ ނަތީޖާ ލިބެންދެން އެމީހާ އުޅެންވީ އުޅޭނެގޮތަކަށް ، މިގޮތަކަށް މިކަމެއް ނުވާނެ ، އަދި ޕްޒިޓިވް ވީމަ ގެންދާނެ ތަނެއް ނޭނގިގެންވެސް 4 ގަޑިއިރު 5 ގަޑިއިރުވޭ އެބަ

  5. ބޭކާރު

    އިންޑިޔާގަ ބަލިފެތުރެމުން ދިޔަ އިރު އެގައުމަށް ގޮސް އައި އެއްވެސް މީހަކު ޗެކެއްނުކުރޭ ލަންކާ އިން އައި މީހުން ޗެކެއް ނުކުރޭ އިގިރޭސި ވިލާތުން އަޢި މީހުން ޗެކެއްނުކުރޭ. ނަމެއްގަ ސްކްރީން ދިޔައީ ވީމާ ރައްޔިތުން ހާލުގަޖެހުނީ ވީމާ ޒިންމާދާރު ސަރުކާރެއް މިގައުމަށް އަޢުމަކީ ބޭނުންޚަމެއް