ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބާވަތްތަކެއްގެ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފުކޮށްދެއްވައިފިއެވެ.

ކަސްޓަމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުމަށް އެދޭ މުދަލުގެ ތެރެއިން، ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް ސޫޓްސް، ސަޖަން ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި އެތަކެއްޗަށް ނެގޭ ޕްރޮސެސިންގ ފީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާފުކޮށްދެއްވާފައިވާ ކަމަށެވެ.

މި ތަކެތީގެ ޑިއުޓީ މާފުކޮށްފައި ވަނީ އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް ރައީސަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލު ކުރާނެ އުސޫލުގެ ދަށުން ކަމަށް ވެސް ކަަސްޓަމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިއުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުމަށް އެދޭ މުދަލުގެ ތެރެއިން، ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގި އާއި މާސްކާއި ފޭސް ޝީލްޑް، އަދި އަތް ދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާ ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީ ރައީސް ކުރިން ވަނީ މާފުކޮށްދެއްވައިފައެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެންނަމުންދާ އިރު، މިހާތަނަށް 228 މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. މި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިހްސާ

    ސުލޯ ސަރުކާރަށް އަދި ތިކަންވެސް ތިވީ

  2. އަލީ މުއާޒު

    ތިހުރިހާ ފައިދާއެއްވާނީ މެމްބަރ އަފީފަށް، އޭނަގެ ކުންފުނިން ހުރިހާ ވެންޓިލޭޓަރތަކާ އެހެނިހެން ސާމާނުގަންނަން ބިޑުކޮށަފަ އޮތީ ޑިއުޓީވެސް ހިމަނައިގެން ބޮޑު އަގުގަ.