ކުށުގެ ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބައިތިއްބަން އެދުމުން، ކްރިމިނަލް ކޯޓުން ނިންމި ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ހައިކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުށަހެޅި ގިނަ މައްސަލަތައް ނިމުނީ ކްރިމިނަލް ކޯޓުން ނިންމި ގޮތާއި ދެކޮޅަށްކަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ހާމަކުރައްވައިފިއެވެ.

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުރިހާ ފަނޑިޔާރުންނަކީ ކޮރަޕްޓް ފަނޑިޔާރުން ކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ރިމާންޑް މަޖިލިސް، ނުވަތަ މުއްދަތު މަޖިލީހުގައި ކަންކަން ހިނގާ ގޮތް އެންމެންނަށްވެސް އެނގޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމްގެ އެ ޓްވީޓުގައި ވަނީ ބަންދުގެ މުއްދަތާއި މެދު ނިންމި ގޮތް އިސްތިއުނާފްކުރަން ފާއިތުވި ތިން އަހަރު ހުށަހެޅި މައްސަލަތަކާއި ގުޅިގެން ހައިކޯޓުން ނިންމި ނިންމުންތަކުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވާފައެވެ.

https://twitter.com/HuShameem/status/1254970878791565312

އެ ތަފާސް ހިސާބުތަކުން ކްރިމިނަލް ކޯޓުގެ ވަކި ވަކި ފަނޑިޔާރުންގެ ތެރެއިން، އެ ފަނޑިޔާރުން ބަންދުގެ މުއްދަތާއި މެދު ނިންމި ގޮތް ހައިކޯޓުން ބަދަލު ކުރި މައްސަލަތައް އެނގެން އެބަހުއްޓެވެ.

އެކަމުގެ ތަފްސީލަށް ބަލާއިރު، ފަނޑިޔާރު އިބްރާހިމް އަލީ ބަންދާއި މެދު ނިންމެވި ގޮތް، ހައިކޯޓުން ބަދަލު ކުރެއްވި ވޭދަނަ (ކޭސް)ތަކުގެ އަދަދު 20 އަށް އަރައެވެ.

އަދި ފަނޑިޔާރު އާދަމް އަރީފް، ކުށްވެރިންގެ ބަންދައި މެދު ގޮތް ނިންމެވި 15 މައްސަލައިގެ ތެރެއިން، އެއް މައްސަލަ ދައުވާ ލިބޭ ފަރާތާއި އެއްކޮޅަށް ނިމުނު އިރު 14 މައްސަލަ ނިމުނީ ފަނޑިޔާރު ނިންމެވި ގޮތާއި ދެކޮޅަށެވެ.

ފަނޑިޔާރު ހަސަން ނަޖީބް ގޮތް ނިންމެވި މައްސަލަތަކުގެ ތެރެއިން 15 މައްސަލަ، ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް އާއި ފަނޑިޔާރު އިސްމާއިލް ގޮތް ނިންމެވި މައްސަލަތަކުގެ ތެރެއިން 7 މައްސަލަ ނިމުނީ އެ ފަނޑިޔާރުން ބަނދުގެ މުއްދަތައި މެދު ނިންމި ގޮތާއި ދެކޮޅަށެވެ.

މީގެ އިތުރުން ފަނޑިޔާރު އަލީ އާދަމް ގޮތް ނިންމެވި އެއް މައްސަލަ ދައުވާ ލިބުނު ފަރާތާއި އެއްކޮޅަށް ނިމުނު އިރު، 6 މައްސަލައިގައި ހައިކޯޓުން ނިންމާފައި ވަނީ ފަނޑިޔާރު އަލީ އާދަމް ނިންމެވިގޮތާއި ދެކޮޅަށެވެ.

ބަންދާއި މެދު ގޮތެއް ނިންމުމާއި ގުޅޭ މައްސަލަތަކުގެ ތެރެއިން، ފަނޑިޔާރު މުހައްމަދު ސަމީރު ގޮތް ނިންމެވި 7 މައްސަލައިގެ ތެރެއިން 2 މައްސަލައިގައި ހައިކޯޓުން ނިންމެވީ ބަންދުގެ މުއްދަތު އިތުރުކޮށް ނުދިނުމަށެވެ. އަދި 5 މައްސަލައެއްގައި ފަނޑިޔާރު ސަމީރު ނިންމެވި ނިންމެވުން ބަދަލުކުރައްވާ، ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްދެއްވާފައެވެ.

ބަންދާއި މެދު ކޯޓުތަކުން ނިންމި ގޮތާއި މެދު ހިތްހަމަ ނުޖެހިގެން ފާއިތުވި 3 އަހަރު ޕީޖީގެ އޮފީހުން ހައިކޯޓަށް ހުށަހެޅުއްވީ ޖުމްލަ 168 މައްސަލައެވެ.

އޭގެ ތެރެއިން 128 މައްސަލައަކީ ކްރިމިނަލް ކޯޓުން ކުށްވެރިންގެ ބަންދާއި މެދު ނިންމާފައިވާ ނިންމުމާއި މެދު ހިތްހަމަނުޖެހިގެން ޕީޖީއިން ހުށަހެޅި މައްސަލަތަކެވެ.

މި ތަފާސް ހިސާބުތަކުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ކްރިމިނަލް ކޯޓުގައި މިހާރު މަސައްކަތް ކުރައްވަނީ ފަނޑިޔާރު އިބްރާޙިމް އަލީ، ފަނޑިޔާރު ހަސަން ނަޖީބް، ފަނޑިޔާރު އަލީ އާދަމް، ފަނޑިޔާރު އިސްމާއިލް ރަޝީދު، އަދި މުހައްމަދު ސަމީރެވެ.

އެކި ކުށްތައް ކުރާ މީހުން ބަންދުގެ މުއްދަތު ޖަހަން ކޯޓުތަކަށް ގެންދިއުމުން، އެ ކުށްވެރިން ބަންދުގައި ނުބައިތިއްބާ ދޫކޮށްލާ މައްސަލައަކީ މައްސަލަތަކުގައި އިންސާފު ހޯދުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަން ފާހަގަކުރެވެއެވެ. އަދި އެ ކުށްވެރިން އަނބުރާ މުޖުތަމައުއަށް ދޫވުމުގައި ކަމާއި ބެހެ ފަރާތްތަކުގެ އިހުމާލާއި، ކޮރަޕްޝަން އޮތް ކަމަށް އާއްމުން ދަނީ ތުހުމަތުކުރަމުންނެވެ.

ހައި ކޯޓުގައި އެފަދަ މައްސަލަތައް އިސްތިއުނާފް ކުރި ނަމަވެސް ގިނަ ފަހަރަށް ހައި ކޯޓުން މައްސަލަ ނިމޭއިރު ބަންދުގެ މުއްދަތު އޮންނަނީ ހަމަވެފައެވެ.