ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށް ވަކީލަކު އައްޔަން ކުރުމަށް 2 ދުވަހުގެ ފުރުޞަތެއް ދީފިއެވެ.

ފާރިސް މައުމޫނަށް ވަކީލަކު އައްޔަން ކުރަން ދެ ދެވަހުގެ ފުރުޞަތެއް ދީފައިވަނީ މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު މެންދުރުފަހު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައެވެ.

ދައުލަތުން ފާރިސްގެ މައްޗަށް އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާ އާއި ގުޅޭ ލިޔެކިޔުންތައް ލިބުނުތޯ އާއި މައްސަލަ އާއިގެން ކުރިއަށް ދާން ބޭނުންވަނީ ކޮން ގޮތަކަށްތޯ މައްސަލަ ބައްލަވާ ގާޒީ ސުވާލު ދެއްނެވުމުން، ފާރިސް ވިދާޅުވީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅޭ ލިޔެކިޔުންތައް ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް މި މައްސަލަ އާއި ގުޅިގެން އިތުރަށް ކުރިއަށް ދާން ބޭނުންވަނީ ދިފާއީ ވަކީލަކާ އެކު ކަމަށެވެ.

ދިފާއީ ވަކީލަކު ހަމަޖެއްސުމަށް ކިހާ ދުވަހެއް ބޭނުންވާނެތޯ ގާޒީ ސުވާލު ދެއްނެވުމުން ފާރިސް ވަނީ 10 ދުވަސް ދެއްވުމަށް އެދިފައެވެ. ސަބަބެއް ކަމަށް ފާރިސް ވިދާޅުވީ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިއުމާއި، އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅޭ އިތުރު ލިޔެކިޔުންތައް މިހާރުވެސް ލިބެމުންދާތީ އެކަމަށް ތައްޔާރުވުމަށް ކަމަށެވެ.

ފާރިސް އެދުނުފަދައިން ދިފާއީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަސް ހަމަޖައްސަވައިދެވެން ނެތް ކަމަށް ވިދާޅުވެ ގާޒީ ވަނީ 2 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި ދެން އޮންނަ އަޑު އެހުމަކަށް ވަޑައިގަންނަވަން ވާނީ ދިފާއީ ވަކީލަކާއެކު ކަމަށްވެސް ވިދާޅުވެފައެވެ.

މިމައްސަލައާއި ގުޅިގެން ދިފާއީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަސް ދެވެން ނެތް ސަބަބެއް ކަމަށް ގާޒީ ވިދާޅުވީ ފާރިސް ހައްޔަރުކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ވަކީލުންގެ އެހީތެރިކަން ފާރިސް ހޯދަމުން އަންނާތީ އާއި އޭގެ އިތުރުން މި މައްސަލައާއި ގުޅިގެން ފާރިސްގެ ފަރާތުން ބައެއް ވަކީލުން މިހާރުވެސް މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ. އެހެން ނަމަވެސް ގާޒީ ވަނީ ވަކީލަކު އައްޔަން ކުރުމަށް ދެއްވި މުއްދަތުގައި ވަކީލަކު ހަމަޖެހެންދެން ފާރިސްއަށް ފޯނު ކޯލްތައް ހަމަޖައްސައިދިނުމަށް ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ކޯޓުން އަންގާނެ ކަމަށް ވިދާޅުވެފައެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އިބްތިދާއީ އަޑު އެހުމުގައި ފާރިސް ވިދާޅުވީ އޭނާ އަކީ ކުށްވެރިއެއް ނޫން ކަމަށާއި، އެއީ ގައިދީއެއްވެސް ނޫން ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ދައުލަތުން އުފުލާފައިވާ ދައުވާއަކާއި ގުޅިގެން ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ކަމަށާއި، އެހެން ކަމުން ބަންދުގައި ތިބޭ ގައިދީންނާ މެދު އަމަލު ކުރެވޭ އުސޫލުން އަމަލު ނުކުރުމަށް ފާރިސް ވަނީ އެދިފައެވެ.

ފާރިސް ވިދާޅުވީ ބަންދުގައި ތިބޭ މީހުންނާއި މެދު އަމަލު ކުރަން ޖެހޭ އުސޫލުތަކެއް އޮންނަ ކަމަށް ގަބޫލް ކުރިނަމަވެސް އެ އުސޫލުން ކަންތައް ކުރެވެމުން ނުދާ ކަމަށެވެ. އެގޮތުން ޖަލުތަކުގައި ބަންދުގައި ތިބޭ ފަރާތްތަކަށް ބަންދުކޮށްފައި ތިބޭ ގޮޅިން ނުކުމެ ގިނަ ވަގުތުތަކެއް ބަންޑްރީތެރޭ ހޭދަ ކުރެވޭ ކަމަށާއި އެހެން ނަމަވެސް އޭނާ ބަންދުކޮށްފައިވާ ގޮޅިން ބޭރަށް ނުކުމެ އުޅެލުމުގެ ކުޑަވެސް ފުރުސަތެއް ނުދޭ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސްގެ ޝަކުވާތަކަށްފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުލަތުގެ ވަކީލުންގެ ކައިރިން ފާރިސް އެބުނި ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުގެ ވާކީލާ ވިދާޅުވީ ފާރިސް ބަންދުކޮށްފައި ހުންނަނީ ޔުނިޓް 13 ގައި ކަމަށާއި، އެއީ ޔުނިޓަކީ ތަފާތު އުސޫލުތަކެއް އެކުލެވިފައިވާ ޔުނިޓެއް ކަމަށެވެ.

އަދި ބަންދުގައި ތިބޭ އެހެން މީހުންނަށް ދެވޭ އެއްވެސް ޚިދުމަތެއް ފާރިސްގެ ކިބައިން ނިގުޅައި ގަނެވިފައި ނުވާ ކަމަށާއި ޔުނިޓް 13 ގައި ބަންދުކުރެވޭ މީހުންނަށް ކަނޑައަޅާފައިވާ އުސޫލްތަކާއި ހަމަތަކުގެ މަތިން ފާރިސްއަށް ވެސް ކަންތައްތައް ފުރިހަމަ ކޮށްދެވިފައިވާ ކަމާއި އަދި އުސޫލުން ބޭރުން ފާރިސްއަށް އެއްވެސް ކަމެއް ނުކުރާކަމަށް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދައުލަތުގެ ވަކީލުންގެ ޓީމުން ވަނީ މިދިޔަ ދުވަސްތަކުގައި ވެސް ތިން ފަހަރެއްގެ މަތިން ލޯޔަރު ފޯނު ކޯލާއި 1 ފަހަރު އާއިލީ ކޯލް އަދި އިތުރު އެހެން ފޯނު ކޯލްއެއްވެސް ފާރިސްއަށް ހަމަޖައްސައި ދެއްވިކަން ފާހަގަ ކުރައްވާފައެވެ.

މިއަދުގެ އަޑު އެހުން ނިންމާލުމުގެ ކުރިން ފާރިސް ވަނީ ރާއްޖޭގެ ދުސްތޫރީ ހާލަތު ރޫޅިފައިވާ ވަގުތެއްގައި އޭނާގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތްވެސް އަދި އެހެން ޝަރީއަތްތައްވެސް އިންސާފުން ކުރިއަށް ގެންދެވިދާނެކަމާމެދު ސުވާލު އުފައްދާފައެވެ.

ގާާޒީ ހައިލަމް މިއަދުގެ އަޑު އެހުން ނިންމަވާލެއްވީ ރާއްޖޭގެ ކޯޓްތަކުގައި އިންސާފުން ޝަރީއަތްތައް ކުރިއަށް ނުގެންދެވޭ ސަބަބެއް ހާމަކުރެވެން ޖެހޭނެ ކަމަށާއި، ފާރިސްއާއި ދެކޮޅަށް އަދި އެހެން ފަރާތަކާއި ދެކޮޅަށް ވެސް ޝަރީއަތެއް ކުރިއަށް ގެންދާނީ އެކަމުގައި ހުންނަ އިޖުރާއަތްތައް ފުރިހަމަ ކުރެވި، އެކަށީގެންވާ ވަގުތުދެވި، އެއްވެސް ހައްގެއް ނުގެއްލޭ ގޮތަށް ހައްގުތަކުގެ ފުރުސަތު ދެވިގެން ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު