ށ. އަތޮޅު މިލަންދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން އެރަށުން ކޮވިޑް-19 އަށް މީހަކު ފައްސިވިކަން އަންގާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

މިއާއި އެކު މާލެ ފިޔަވާ ކޮވިޑް-19 އަށް މީހުން ފައްސިވި ރަށްތަކުގެ އަދަދު ހަތަރަކަށް އެރީއެވެ. މީގެ ކުރިން ހއ. އުލިގަމުން އެކަކު، އަދި ކ. ތުލުސްދޫން ދެ މީހަކާއި، ށ. ނަރުދޫން ހަތަރު މީހަކު ފައްސިވެފައި ވެއެވެ.

މިލަންދޫއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އަމާޒު ބޯޓުން ދަތުރު ކުރި ފިރިހެނެކެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން އެރަށުން ފަސް މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، މިހާތަނަށް ނަތީޖާ ލިބިފައި ވަނީ ދެ ސާމްޕަލެއްގެ އެވެ. އޭގެ ތެރެއިން އެކަކު ފައްސިވިއިރު، އެކަކުގެ ނަތީޖާ ވަނީ ނައްސިވެފައެވެ.

މާލެ އިން ފުރައިގެން އޭޕްރިލް 15 ވަނަ ދުވަހު ހއ.ގެ ބައެއް ރަށްތަކާއި ށ.އަތޮޅާއި ނ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، އެދެ އަތޮޅުގެ ބައެއް ރަށްތައް ވަނީ ކަރަންޓީންކޮށްފައެވެ. އަދި ކެޕްޓަންގެ އަނބިމީހާ އާއި އެ ދެމަފިރިންގެ ތިން ދަރިންގެ އިތުރުން، ބޯޓުގެ ވެރިފަރާތުގެ އާއިލާ ދެ މީހަކުވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެބޯޓުން 98 މީހަކު ދަތުރު ކުރިކަމަށާއި، 13 ރަށަކަށް ބޯޓުން މީހުން ފައިބާފައިވާ އެޗްޕީއޭ އިން މީގެ ކުރިން ވަނީ ހާމަކޮށްފައެެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ފައްސިވެފައި ވަނީ 245 މީހެކެވެ.