މިދިޔަ އަަހަރުގެ އޭޕްރީލް މަހާއި އަޅާ ބަލާއިރު މި އަހަރުގެ އޭޕްރީލް މަހު ނަފްސާނީ މައްސަލަތަކުގައި ބަލި މީހުން ބެލި އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އާރިފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އާރިފް ވިދާޅުވީ ކޮވިޑް-19 ފަދަ ކާރިސާއެއް ދިމާވާއިރު ނަފްސާނީ ގޮތުން އަސަރުކުރާކަން ރާއްޖޭގެ ރަށްރަށުންވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހު ނަފްސާނީ މައްސަލަތަކުގެ ތެރެއިން އައިޖީއެމްއެޗްގައި ބެލީ ގާތްގަނޑަށް 615 ވޭދަނަ [ކޭސް] ކަމަށާއި އެއަށް ވުރެ ދެގުނަ މިއަހަރުގެ ވޭދަނަތައް ގިނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ވަގުތަކީ އެންމެންނަށް އަޅާލާ އޯގާތެރިކަން ދައްކަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެންނަކީވެސް އިންސާނުންނަށްވީމަ އިންސާނުންނަކީ ވިސްނާ ފިކުރު ކުރެވޭ ކަންކަމާއި މެދު ވިސްނޭ ބައެއް ވީމަ، މިވާހަކަދައްކަނީ. އެހެންވީމަ އަޅުގަނޑުމެން އެންމެންނަށް ވެސް ތޮބީއީގޮތުން މީގެ އަސަރުތަކެއް ކުރާނެ. އަޅުގަނޑުމެން އެންމެންވެސް މިކަންކަމުގެ އަަސަރުތަކާއި ހެދި އެކި ގޮތްގޮތަށް އަޅުގަނޑުމެންނަށް ކަންކަން ވެސް ކުރެވޭ. އެއްބައި ފަހަރު ރަނގަޅު ނޫން ގޮތްގޮތަށް ވެސް އަމަލު ކުރެވޭ. އަނެއްބައި ފަހަރު ހަމަ ރަނގަޅު ގޮތްގޮތަށް ވެސް އަމަލުކުރަމުން ގެންދޭ،" ޑރ. އާރިފް ވިދާޅުވިއެވެ.

ނަފްސާނީ އަސަރުތައް ކުޑަކުރުމަށް ޕޮޒިޓިވް ޚަބަރުތައް ގެނައުން ވެސް މުހިންމުކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ކޮވިޑް-19 އާއި ގުޅިގެން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮވުމަށް ކުރެވިދާނެ ކަންކަން އެބަ ހުރިކަން ފާހަގަކުރައްވާ ޑރ. އާރިފް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް ދޭ އިރުޝާދަށް ބޯލަނބާ ކޮންޓްރޯލް ކުރެވޭ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ނިދުމާއި ކެއުން ފަދަ މަސައްކަތްތައް ކުރުމަށް ވަކި ގަޑިތަކެއް ކަނޑައެޅުމަށް ވެސް ޑޮކްޓަރ ވަނީ ނަސޭހަތް ދެއްވާފައެވެ.

ޕްރެސް ކޮންފަރެންސް އާއި މީސްމީޑިއާ މެދުވެރިކޮށް މައުލޫމާތު ހޯދާ އިރު މާބޮޑަށް އެކަމުގައި ޝާމިލްވުމަކީ ނަފްސާނީ ގޮތުން މީހާއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަމަށް އާރިފް ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް އެކުދިން ކުރިން އުޅެމުން ދިޔަ ތާވަލް ބަދަލުވުމުން ކުދިންނަށް ނަފްސާނީ އަސަރު ކުރާނެ ކަމަށާއި އެކަން ހައްލު ކުރަން ކުދިން ކަންކަމުގައި ބައިވެރިކޮށް، ކުދިން ދައްކާ ވާހަކަ އަޑު އެހުން މުހިއްމު ކަމަށް އެނާ ވިދާޅުވިއެވެ.