މިމަހުގެ 15 ވަނަ ދުވަހު، ނަރުދޫ "އަމާޒު" ބޯޓު މާލޭން ފުރީ، ނަގަންޖެހޭ ހުރިހާ ހުއްދަތައް ނަގައިގެން ކަމަށް، އެ ބޯޓުގެ ވެރިޔާ، ސަލީމް ބުނެފިއެވެ.

"އަމާޒު" ބޯޓުގެ ކެޕްޓަނާއި، އޭނާގެ އަންހެނުން، އަދި އެ ދެމަފިރިންގެ ތިން ދަރިންގެ އިތުރުން، އެ ބޯޓުގައި މަސައްކަތް ކުރާ އިތުރު ދެ މީހަކު، ކޮވިޑް-19 އަށް ފައްސިވުމާއި އެކު، މާލެއިން މި ބަލި ފެނުނު ދުވަހު، އެ ބޯޓު ފުރާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒު ވެފައެވެ.

މި ކަމާއި ގުޅިގެން، "ވަގުތު" އަށް ދިން އިންޓަރވިއުއެއްގައި ސަލީމް ބުނީ، ބޯޓު ފުރަން ހަމަޖެހިފައި އޮތް ދުވަހު، މާލެ ހިމެނޭ ސަހަރައްދު ފުރަބަންދުކުރަން އުޅޭ ވާހަކަތަކެއް އަޑު އިވުނު ކަމަށާއި އެހެންކަމުން، ބޯޓަށް ފުރައިގެން ދެވިދާނެތޯވެސް އެ ދުވަހުވެސް ސާފުކޮށްފައިވާނެ ކަމަށެވެ. އަދި ބޯޓު ފުރީ، އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާވެސް ދެއްކުމަށްފަހު، ހުއްދަ ލިބިގެން ކަމަށް ސަލީމް ބުންޏެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ އެ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރު ކަމަށް މާލެ ފުރަބަންދު ކުރަނީ. ނަމަވެސް ފަހުން އެނގުނު ގޮތުގަ އެ ދުވަހުގެ ހަވީރު 3:30 ން ފެށިގެން މާލެ ބަންދުކޮށްފި. އަޅުގަނޑުމެން ފުރީ އެ ދުވަހުގެ މެންދުރުފަހު 2:50 އެހާއިރު." ސަލީމް ބުންޏެވެ.

މީގެ އިތުރުން ސަލީމް ބުނީ، ބޯޓުގެ ކެޕްޓަންގެ ކިބައިންވެސް އަދި ބޯޓުގައި މަސައްކަތް ކުރާ އެހެންމީހެއްގެ ފަރާތުންވެސް އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށާއި، ބޯޓު ނަރުދުއަށް އައިސް، މުދާ ބޭލުމުގައިވެސް ކެޕްޓަނާއި ހުރިހާ ފަޅުވެރިންވެސް މަސައްކަތް ކުރިކަމަށެވެ.

"ވަރަށް ދެރަކޮށް ދިމާވި ކަމެއް މީ. އަދި އަޅުގަނޑުމެން އެންމެ ދެރަވަނީ މި ކަމުގަ ހަޤީޤަތް އޮޅޭގޮތަށް ބައެއް ބޭފުޅުން ވާހަކަ ދައްކާތީ. ބޯޓު ދިޔަ ރަށްތަކުގެ ތެރޭގައި އެބަ ކިޔާ، ނ އަތޮޅުގެ ބައެއް ރަށްތައްވެސް، އަދި ހއ ގެ ރަށްތައްވެސް. ނ އަތޮޅުން ހޮޅުދުއަށް އެކަނި ދިޔައީ، އަދި ށ އަތޮޅުން، ނަރުދޫ، ފުނަދޫ، މިލަންދޫ އަދި ފީވަށް. ހއ އަތޮޅުގެ އެއްވެސް ރަށަކަށް ބޯޓެއް ނުދޭ." ސަލީމް ބުންޏެވެ.

ހަމައެހެންމެ ސަލީމް ބުނީ، ބޯޓު ނަރުދުއަށް އައިތާ، ދެ ދުވަހެއް ފަހުން، ބޯޓުގެ ކައްޕި ވަރަށް ބޮޑަށް ހުންއައިސް އުޅޭކަމުގެ މަޢުލޫމާތު ލިބުނު ކަމަށާއި، ނަމަވެސް ސާމްޕަލް ނަގާފައިވަނީ އޭގެ ހައެއްކަ ދުވަސް ފަހުން ކަމަށެވެ.

ނަރުދޫ "އަމާޒު" ބޯޓުގެ ކައްޕި، ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެޗްޕީއޭއީން އިޢުލާންކުރީ، މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޑރ. އިބްރާޙިމް އަފްޒަލެވެ.

"އަމާޒު" ބޯޓުގެ މި ދަތުރާއި ގުޅިގެން، ނަރުދޫން އެކަނިވެސް 22 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. މީގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނެއެވެ. މިހާތަނަށް އައިއިރު، ނަތީޖާ ލިބިފައިވާ ސާމްޕަލް ތަކުގެ ތެރެއިން، ޖުމްލަ 7 މީހަކު މި ވަނީ ނަރުދޫން މި ބައްޔަށް ފައްސިވެފައެވެ. އަދި މި ބޯޓުން ދަތުރުކުރި މިލަންދޫ މީހަކުވެސް މިއަދު މި ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަޖާބެއްނުވާނެ

  ބޯޓް ތިބުނާ ރަށްތަކަށް ނުޖެއްސިއަސް އެރަަށްތަކުގެ މީހުން ދަތުރުކުރިއްޔާ އެރަށްތަކުގެ މީހުންދާނެދޯ އެރަށަށް އެހެންގޮތަކުންވެސް..

  7
  3
 2. އެމަންޖެ

  ސަރުކާރު މައްސަލަ ހުސްވެސް.

 3. ޢިދުރީސް

  މީގައަމިއްލަޒިމްމާ އިންނަން ވާނެ ކަމެ އް ވާއިރައްސަރުކާރޭކިޔާކުއްވެރިކުރަނީ