ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްަސިވެ، އެ ރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.

ނަރުދޫއިން ކުރިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ އަމާޒު ބޯޓުގެ ކައްޕިގެ އަނބިމީހާ އާއި އެ ދެމަފިރިންގެ ތިން ދަރިންގެ އިތުރުން، ބޯޓުގެ ވެރިފަރާތުގެ އާއިލާ ދެ މީހެކެވެ.

މިރޭ ދަރުބާރު ގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އަމާޒު ބޯޓު މެދުވެރިކޮށް ކޮވިޑް-19 ފެތުރުނު ފެތުރުމަށް ބަލާއިރު، ށ. ނަރުދޫން ކޮމިއުނިޓީ ޓްރާންސްމިޝަން އެއް ފެންނަ ކަމަށެވެ. އަދި ނަރުދޫން އަށް މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި އެއީ އެރަށުން ފުރަތަމަ ކޮވިޑް-19 އަށް ފައްސިވި ބޯޓު ކެޕްޓަންއާވެސް ލައިގެންނެވެ.

މީގެ އިތުރުން ށ. މިލަންދޫއިން އެކަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އެހެެންކަމުން އަމާޒު ބޯޓުގެ ކްލަސްޓާއަށް ބަލާނަމަ، ޖުމްލަ ނުވަމީހަކު ފައްްސިވެފައި ވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"މިހާތަނަށް މި ކްލަސްޓާއާއި ގުޅޭގޮތުން އަޅުގަނޑުމެން ހޯދި ހޯދުމުން 113 މީހުން ކޮންޓެކްޓްސްގެ ގޮތުގައި ފާހަގަކުރެވިފައިވޭ، އަދި މީގެ ތެރެއިން 35 މީހުންނަކީ ހައިރިސްކް ކޮންޓެކްޓްސް އަދި 11 މީހުން ސިންޓޮމެޓިކްސް، އެހެން ނަމަވެސް މި 11 މީހުންގެ ތެރެއިންވެސް 9 މީހުން ވަނީ ޕޮޒިޓީވް ވެފައި". ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރުދޫ "އަމާޒު" ބޯޓުގެ ކައްޕި، ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެޗްޕީއޭއީން އިޢުލާންކުރީ، މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޑރ. އިބްރާޙިމް އަފްޒަލެވެ.

98 މީހުންނާއި އެކު، ނ.ހޮޅުދުއާއި، ށ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރު ކުރި މި ބޯޓު، މާލެއިން ފުރާފައިވަނީ، މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

ރާއްޖެއިން މިހާތަަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 249 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާރިޔާ

    ސަރުކާރު ހުއްދަދީގެން ފުރައިގެން ދިޔައީ ސަރުކާރު ފެއިލް.

    10
    3
    • އިމާމް

      އެހެންވެދާނެ ކަލޯ ހަމަ