ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާ އިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެ، މި ބަލީގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

މިކަން ހާމަކޮށް އިންޑިއާގެ އިދާރާތަކުން ބުނެފައި ވަނީ، މިއީ މިހާތަނަށް އިންޑިއާގައި ކޮވިޑް-19 ފެތުރެން ފެށިފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބައްޔަށް ފައްސިވެ، މި ބަލީގައި މަރުވި ފަހަރު ކަމަށެވެ.

އިއްޔެ އިންޑިއާގައި ކޮވިޑް-19 ޖެހިގެން މީހުން މަރުވެފައި ވަނީ އެޤައުމުގެ މަހާރަޝްތްރާ، ގުޖުރާތް، މަދިޔަ ޕްރަދޭޝް، އުއްތަރ ޕްރަދޭޝް، މުމްބާއީ އަދި އަހްމަދު އާބާދުންނެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވި ސްޓޭޓަކީ މަހާރަޝްތްރާއެވެ. އެ ސްޓޭޓުން އެކަނިވެސް އިއްޔެ 31 މީހަކު މަރުވިއިރު، މިއީ އެ ސްޓޭޓުގައި ވެސް މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

މަހާރަޝްތްރާއިން އިއްޔެ އެކަނިވެސް 729 މީހަކު އަލަށް ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަދި ޓެމިލްނާޑޫ އިން 121 މީހަކަށް ބަލި ޖެހިފައިވާއިރު، ގުޖުރާތުން 226 އަދި ދިއްލީން 206 މީހަކު އިއްޔެ މި ބައްޔަށް ފައްސިވެފައި ވެއެވެ.

މި ސަރަޙައްދުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއިން މިހާތަނަށް ޖުމްލަ 31360 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އޭގެތެރެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 1008 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް އިންޑިއާގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 7747 މީހެކެވެ.

މި ބައްޔަށް އެންމެ މަދުން ޓެސްޓް ކުރާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށް ނޫސްތަކުން ބުނެއެވެ. ނަމަވެސް ބަލި ފެތުރެން ފެށުމާއި ގުޅިގެން އިންޑިއާގައި ދަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެޤައުމުން ފުރަބަންދުކޮށްފައި ވާއިރު، ނުރައްކާތެރި ގިނަ ސަރަޙައްދުތައް ކަނޑައަޅައި، އެ ސަރަޙައްދުތަކުގައި އާންމުން އެއްވެސް ވަރަކަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރަދީފްހުސެން

  ރަނގަޅައް ވިއްޔާތިވާނީ ބަލިން ރަނގަޅުވާނެ ކަމައް ގަދަބަސްބުނެ، ގެރީގެ ކުޑަކަމުދާ އެއްޗެހި ބުއި ގްރޫޕްގެ ބަޔަކައް. ހާދަ ދެރައޭ

  19
 2. އިންޑިއަން

  ރިކަވަރ (ބަލިން ފަސޭހަވާ) މީހުންގެ ރޭޓް އެންމެމަތީ އިންޑިއާގައި. ކުރިއަރާފައިވާ ގައުމުތަކަށްވުރެ އެތައް ގުނައެއް މަތި.

  2
  45
 3. Anonymous

  އިންޑިޔާ އިން މަ ރުވި މީހުންގެ އަދަދު 2000 އަށް ވު ރެން ގިނަ. ރެކޯޑް ގަ ނުޖަހާ ވަގައް އުޅުނީ މިހާ ދުވަހަށް!!