ރާއްޖޭގައި ކޮވިޑް-19 ފެތުރުން ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި، ރާއްޖެ ގެންނަން ނިންމި 200 ވެންޓިލޭޓަރު ހޯދަން ކުންފުނިތަކާ ހަވާލު ކުރީ އިތުބާރު ހިފޭ ބަޔަކަށް ވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރާ ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ރާއްޖެ އަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ކުންފުނިތަކުގެ ތެރޭގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ނާޑް ޕްރައިވެޓް ލިމިޓެޑާއި ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެކްސްކިއުޓާ ޖެނެރަލް ޓްރޭޑިން ހިމެނޭ ކަމަށެވެ. އޭގެތެރެއިން އެސްޓީއޯ އާއި މެޑްޓެކް އާއި ނާޑްއަކީ މިނިސްޓްރީ އަށް ވޭތުވެދިޔަ ތަނުގައި ސިއްހީ ވަސީލަތްތައް ސަޕްލައިކޮށް ދިން، އިތުބާރު ހިފޭ ކުންފުނިތަކެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން އިއްޔެ ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ބިޑްކުރުމަކާ ނުލައި، "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުން ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ހޯދަން ޖެހުނީ ވަރަށް އަވަހަށް އެ ތަކެތި ބޭނުންވުމާއި އެ ކުންފުނިތަކުން ފޮނުވިި ކޯޓޭޝަނާއި ސްޕެސިފިކޭޝަންސް ރަނގަޅުވުމުން ކަމަށެވެ.

މި އަންނަ މަހު ރާއްޖެ ގެނެވެން އަދި އޮތީ 38 ވެންޓިލޭޓަރު: އަމީން

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އިއްވި އަމީންގެ ޖަވާބުގައި ވަނީ ވެންޓިލޭޓަރުތައް ގެނައުން ލަސްވަނީ ބޮޑެތި ދަތިތަކެއް ދިމާވެގެން ކަމަށް އެ ކުންފުނިތަކުން ބުނާ ކަމަށެވެ. އޭގެ ތެރޭގައި، ގައުމުތައް ލޮކްޑައުން ވުމާއި ވެންޓިލޭޓަރު އުފައްދާ ކުންފުނިތަކަށް ވެސް ބޮޑެތި ދަތިތައް ކުރިމަތިވުން ހިމެނޭ ކަމަަށް އަމީން ވިދާޅުވިއެވެ.

އަދި ކުންފުނިތަކުން ވެންޓިލޭޓަރުތަކަށް އަގު ދައްކާފައިވާ ކަން މިނިސްޓްރީއަށް އެނގޭ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ފޮނުއްވި ސިޓީގައި ވެންޓިލޭޓަރުތައް ގެންނަ އަގާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނެތަސް، އެ އަގުތައް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަދި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވަނީ ވިދާޅުވެފައެވެ.

އަމީން ވިދާޅުވި ގޮތުގައި މެޑްޓެކްއާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު އަންނަ މަހުގެ އެކެއްގައި ރާއްޖެ ގެނެވޭނެ ކަން އެ ކުންފުނިން ވަނީ އަންގައިފައެވެ. އަދި އިތުރު 10 ވެންޓިލޭޓަރު މެއި މަހުގެ 15 ގައި ގެނެވޭނެ ކަމަށް ވެސް އަންގާފައިވާ ކަމަށާއި ބާކީ ހުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާ ކުރާނެ ވާހަކަ އަންގާފައިވާ ކަަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަދި ނާޑް ޕްރައިވެޓް ލިމިޓެޑުން ގެންނަން ނިންމި 20 ވެންޓިލޭޓަރު، އެ އުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައި އޮތުމުގެ ސަބަބުން އިތުރު ގޮތްތަކެއް ހޯދަމުންދާ ކަމަށް އަންގާފައި އޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަދި އެކްސްކިއުޓާ އާ ހަވާލުކޮށްފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު މެއި އެކެއްގައި ރާއްޖެ ގެނެވޭނެކަން އަންގާފައި އޮތް ކަމަށް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާދޭސް

    އިތުބާރުނުކޮށް ކޮންތާކަށްދާނީ ، ފައިސާދީފަވީ

  2. ާައަހުމަދު

    ރައީސް ޔާމީން ނަންވާނީ. މިހާރު މިހިރަ ރައީސް އަކީ އެއްވެސް ބާރެއް ހުރި ރައީސް ނޫންދޯ.؟ ޕާޓީތަކަށް ގައުމު ބާހާލީމަ ވާންވިގޮތް މިފެންނަނީ ރައްޔަތުން ހަނާވާނީ.