ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ނިރުބަވެރި ކަމުގެ (ޓެރަރިޒަމް) ދައުވާ ސާބިތުކުރުމަށް ދައުލަތުން 32 ހެއްކެއް ހުށަހަޅައިފިއެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ހެކި ހާމަކޮށްފައިވާއިރު، މި 32 ހެކީގެ ތެރޭގައި 16 ސިއްރު ހެކިވެރިން ހިމެނޭއިރު އަނެއް 16 ހެތްކަކީ ކިތާބީ ހެއްކެވެ.

ދައުލަތުން ހުށަހަޅާ ފުރަތަމަ ސިއްރު ހެކިވެރިޔާ ހުށަހަޅަނީ 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރެފައިވާ ހުކުމަކީ އުއްތަމަ ފަނޑިޔާރު ރިސްވަތު ހިއްޕަވައިގެން މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނެރެފައިވާ ޣައިރު ޤާނޫނީ އަމުރެއްކަން ސާބިތު ކުރުމަށެވެ.

ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާ 2، 3 އަދި 4 އަކީ، މި މައްސަލައާއި ގުޅުންހުރި ގިނަ ހެކި ގަރީނާތަކެއް ފުލުހުން ހޯދާފައިވާ ކަޅު ފޮށްޓާ ގުޅުންހުރި ކަންތައްތަކެއް ސާބިތު ކުރުމަށެވެ. އަދި ފަސް ވަނަ ސިއްރު ހެކިވެރިޔަކީ 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރެފައިވާ ހުކުމަކީ ރިސްވަތު ދީގެން އިއްވާފައިވާ ހުކުމެއްކަން ސާބިތު ކުރުމަށެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފް މެދުވެރިކޮށް، އިތުރު ފުލުހުންތަކެއް މެދުވެރިކޮށް ޤައުމުގެ މަސްލަހަތު ނަގާލައި، އަމާން އަމާންކަން ނަގާލައި ރައްޔިތުން ބިރުުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާކަން ސާބިތު ކުރުމަށް ސިއްރު ހެކީގެ ތެރެއިން 10 ހެކިވެރިން ދައުލަތުން ހުށަހަޅާފައިވާއިރު، 16 ވަނަ ސިއްރު ހެކިވެރިޔާ ހުށަހަޅާފައިވަނީ މި މައްސަލައާއި ގުޅުންހުރި އެހެން ފަރާތްތަކަކާ އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކާފައިވާކަން ސާބިތު ކުރުމަށެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ 32 ހެކީގެ ތެރެއިން ސިއްރު ހެކިން ފިޔަވާ ބާކީ ހުރި 16 ކިތާބީ ހެކީގެ ތެރޭގައި، މި މައްސަލައާއި ގުޅުންހުރި ތަނެއް ބަލާ ފާސްކުރުމުގެ ތެރޭގައި ފުލުހުން ހޯދާފައިވާ "ކަޅު ފޮށި" އިން ފެނިފައިވާ ލިޔެކިޔުންތަކާއި، ބައެއް ހެކީގެ ތަހްލީލު ރިޕޯޓުތަކުގެ އިތުރުން "ޑިޖިޓަލް ފޮޓޯ" ވެސް ހިމެނެއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ، އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވައިގެން، އިތުރު ބަޔަކާ ގުޅިގެން، ދައުލަތުގެ އެހެނިހެން މުއައްސަސާތަކެއްގެ ހިންގުމަށް ހުރަސްއެޅޭގޮތަށް މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިއްޕަވައިގެން، ކޮރަޕްޝަނުގެ ފައިސާގައި ހިއްޕަވައި، އެ ފައިސާގެ މުޤާބިލުގައި 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ޣައިރު ޤާނޫނީ ހުކުމެއް ނެރެފައިވާތީއާއި، އެ ހުކުމް ނެރުމުގެ ކުރިއަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފް މެދުވެރިކޮށް، އެ ހުކުމް ކުރުމުން ޖިނާއީ ކުއްވެރިންތަކެއްް ދޫކޮށްލުމަށް ހުކުމް ކުރުމުގެ ކުރިން ތައްޔާރުވުމަށް މަސައްކަތް ކޮށްފައިވާކަމަށް ބުނެއެވެ.

އެ ދައުވާއެއް ސާބިތުވެއްޖެނަމަ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެކަމަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވާއިރު، ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާއަށް ޢަބްދުﷲ ސަޢީދު ވަނީ އިންކާރު ކޮށްފައެވެ.

މި ދައުވާއަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އިންކާރު ކުރުމުން ދައުލަތުން ހެކި ހުށަހަޅާފައިވާއިރު، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ގާޒީ ހައިލަމް ވަނީ ނިންމަވާފައެވެ.

ދިފާއީ ހެކި ހުށަހެޅުމަށް ޢަބްދުﷲ ސަޢީދަށް މިއަދުގެ ޝަރީއަތުގައި ފުރުޞަތު އެރުވިއެވެ. ނަމަވެސް އެމަނިކުފާނުގެ ވަކީލުން ވިދާޅުވީ، މުވައްކިލު ބަންދުގައި ހުރުމުން، މުވައްކިލާ ބައްދަލު ކުރުމަށްފަހު ހެކި ހުށަހެޅުމުގެ ފުރުޞަތަކަށް އެދިވަޑައިގެންފައެވެ.

މައްސަލަ ބައްލަވާ ގާޒީ ހައިލަމް ނިންމެވީ، 2018 މެއި 6 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހެކި ހުށަހެޅުމުގެ ދެއްވުމަށެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) އަމަލެއް ކުރަން އުޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު، މައްސަލައިގެ ސީޣާގައި ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ހިމަނާފައިވުމުން، އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވިދާޅުވަމުން ދިޔައީ، ޤާނޫނުލް އުޤޫބާތުގެ 610 ވަނަ މާއްދާގައި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުން ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވީ ނަމަވެސް ދައުވާ އުފުލާފައިވަނީ އެ ޤާނޫނުގެ ދަށުން ނޫން ކަމަށެވެ.

މި ވާހަކަތަކުގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ ޖިނާއީ ޓެރަރިޒަމް މަނާކުުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގައި ދައުލަތަށް ނުރަނގަޅު ނުފޫޒެއް ފޮރުވުން ކުށެއްގެ ގޮތުގައި ބުނެފައިވާ ކަމަށާއި، ސީޣާގައި އެހެންވެސް ބުނެފައިވާނެކަމަށެވެ. ދިފާއުން އިތުރަށް ސުވާލު އުފައްދާފައިވަނީ ޤާނޫނުލް އުޤޫބާތުގެ 510 ވަނަ މާއްދާގައި ރިޝްވަތުގެ އަމަލުތައް ކުށެއްގެ ގޮތުގައި ބަޔާން ކޮށްފައިވީ ނަމަވެސް ދައުވާ އުފުލާފައިވަނީ އެ ޤާނޫނުގެ ދަށުންވެސް ނޫންކަމަށް ބުނެއެވެ.

މީގެ އިތުރުން ދައުވާގެ ސީޣާގައި "ޤާނޫނާއި ގަވާއިދާ ހިލާފަށް" ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރެފައިވާ ހުކުމެއްގެ ވާހަކަ ދައުވާގައި ބުނެފައިވުމުން މިހާރު ސްޕްރީމް ކޯޓުގައި ތިއްބެވި 3 ފަނޑިޔާރުންނަށް ތުހުމަތެއް އަމާޒުވާ ކަމަށްބުނެވެސް ދިފާއުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. މީގެ އިތުރުންވެސް 3 ފެބުުރުވަރީގައި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމެއްވެސް ދިފާއުން ފެންމަތި ކުރިއެވެ. އެ ނިންމުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމް އެކުލެވިފައިވާގޮތުން މަތީ ކޯޓުގެ ނިންމުމަކާމެދު ދަށު ކޯޓުގައި ބަހުސް ކުރެވޭނެކަމަށް ނުދެކޭތީ އެފަދަ މައްސަލައެއް ކްރިމިނަލް ކޯޓަށް ނުބެލޭނެކަމަށެވެ. ނަމަވެސް ދައުލަތުން މި ނިންމުމާ ގުޅޭގޮތުން ބުނެފައިވަނީ އެ ނިންމުމަކީ ސްޓޭޓް އޮފް އެމަޖެންސީ އިއުލާނުކޮށް މި ކަންކަމުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް ތަހްގީގު ކުރުމުގެ ކުރީގެ އަމުރެއް ކަމަށެވެ.

ގާޒީވެސް ވިދާޅުވީ އެހެންކަމުން މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެލޭނެ ކަމަށެވެ. ދިފާއުން ގިނަ ކަންތައްތަކެއް ފާހަގަ ކުރެއްވިއިރު، ގާޒީ ވިދާޅުވެފައިވަނީ ދައުވާގެ ސީޣާގައި މައްސަލައެއް ވާނަމަވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ނިރުބަވެރި ކަމުގެ (ޓެރަރިޒަމް) ދައުވާ ސާބިތުކުރުމަށް ދައުލަތުން 32 ހެއްކެއް ހުށަހެޅިއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން މިއަދު ވަނީ ހަތް ހެއްކެއް ހުށަހަޅާފައެވެ. މީގެ އިތުރުން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ.