ށ. ނަރުދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭ ކަން "ވަގުތު" އަށް އެނގިއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ ރަށުން ކޮވިޑް-19 އަަށް ފައްސިވި 8 މީހުންގެ ތެރެއިން، މާބަނޑު މީހާއަކީ އެރަށުން އެންމެ ފަހުން ފައްސިވި މީހާ އެވެ.

ނަރުދޫން މި ބައްޔަށް، ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ކައްޕިގެ އަންހެނުންނާއި، އެ ދެމަފިރިންގެ ތިން ދަރިންނާއި، "އަމާޒު" ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހުންގެ އިތުރުން، ކައްޕި އާއި އެއްގެއެއްގައި ދިރިއުޅެމުން އަންނަ މާބަނޑު އަންހެނެކެވެ. މި އަންހެން މީހާ އަކީ އައްޑު އަތޮޅު ހިތަދޫ އަންހެނެއް ކަމަށްވެސް "ވަގުތު" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ނަރުދޫން މި ބަލި ޖެހިފައިވާ 8 މީހަކު ދެނެގަނެވިފައިވާ އިރު، ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އިތުރަށް ރަށު ތެރޭގައި މި ބަލި ފެތުރިދާނެތީ އުފެދޭ ކަންބޮޑުވުމެވެ. ބަލި ޖެހުނުކަން އެނގުނުތާ މިހާ ގިނަ އިރުތަކެއް ވެފައިވާއިރުވެސް އަދިވެސް އެމީހުން ތިބީ އެމީހުން ދިރިއުޅެމުން އައި ގެތަކުގައެވެ. އެ ގޭގޭގައި ބަލި ޖެހުނުކަން ނޭނގޭ އެތައް ބަޔަކު މިހާރުވެސް ދިރިއުޅެމުންދެއެވެ. ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކު ގަޔަށް އަރާ ބައްޔެއް ކަމުން، ބަލި ޖެހިފައި ތިބި މީހުން ދިރިއުޅޭ ގޭގޭގައި ދެން ތިބި މީހުންނަށްވެސް މި ބަލި ޖެހުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

ށ.ނަރުދޫ "އަމާޒު" ބޯޓުގެ ކެޕްޓަން، ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާކަން، އެޗްޕީއޭއިން އިޢުލާން ކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ކަމާއި ގުޅިގެން، ކައްޕި އާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދެނެގަތުމަށް އެޗްޕީއޭއިން ކުރި މަސައްކަތުގެ ތެރެއިން، ނަރުދޫން އެކަނިވެސް ވަނީ 22 މީހެއްގެ ސާމްޕަލް ނަގާފައެވެ.

"އަމާޒު" ބޯޓުގެ މި ދަތުރާއި ގުޅިގެން، މިލަންދޫން މީހަކަށްވެސް މި ބަލި ވަނީ ޖެހިފައެވެ. މިއީވެސް އެ ދަތުރުގައި އެ ބޯޓުން އައި މީހެކެވެ.

ޖުމްލަ 98 މީހުންނާއި އެކު ދަތުރުކުރި މި ބޯޓުން، 13 ރަށަކަށް މީހުން ފައިބާފައިވާ ކަމަށް، އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭއިން މިހާތަނަށް އާއްމުކޮށްފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު، ރާއްޖެއިން ޖުމްލަ 256 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ، 104 ދިވެހިންނާއި، 152 ބިދޭސީންނެވެ. މީގެ ތެރެއިން 18 މީހަކު މި ބަލިން ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު