މާލެ އިން ފުރައިގެން ހއ.ގެ ބައެއް ރަށްތަކާއި ށ.އަތޮޅާއި ނ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކްލަސްޓާގެ ތެރެއަށް ރ. އިނގުރައިދޫ ވަދެފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފިއެވެ.

އެންއީއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ފުރަތަމަ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން މަސައްކަތުން ރ. އުނގޫފާރު ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު، ފަހުން އަފްޒަލް ވިދާޅުވީ ރ. އުނގޫފާރު ކަމަށް ދެންނެވުނީ މައުލޫމާތުގައި އެޅި އޮރުމަކުން ކަމަށެވެ.

އޭގެ ފަހުގައި، އަފްޒަލް ވިދާޅުވީ އަމާޒު ބޯޓު ކްލަސްޓާއާ ގުޅިފައި ވަނީ އުނގޫފާރު ނޫން ކަމަށާއި އެ ކްލަސްޓާގެ ތެރެއަށް އިނގުރައިދޫ ވަދެފައިވާ ކަމަށެވެ. އަދި އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވިއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އިނގުރައިދޫން ފާހަގަ ކުރެވިފައި ވަނީ އަމާޒު ބޯޓް ކްލަސްޓާ އިން ފައްސިވި މީހަކާއި ބައްދަލުވި މީހެކެވެ. އެ ރަށު ޓާސްކް ފޯހުން ބުނެފައި ވަނީ ފައްސިވި މީހާއާ ބައްދަލުވި މީހާގެ ސާމްޕަލް އަދި މިހާތަނަށް ނަގާފައި ނުވާ ކަމަށެވެ.

މާލެ އިން ފުރައިގެން ހއ.ގެ ބައެއް ރަށްތަކާއި ށ.އަތޮޅާއި ނ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަނާއި އިތުރު ބަޔަކު ފައްސިވެފައިވާތީ އެއީ ބޮޑު ކްލަސްޓާއަކަށް ވެގެން ހިނގައިދާނެ ކަމަށް އަފްޒަލް ކުރިން ވަނީ ވިދާޅުވެފައެވެ.

އަފްޒަލް ވިދާޅުވީ އެބޯޓުން 98 މީހަކު ދަތުރު ކުރި އިރު، 13 ރަށަކަށް ބޯޓުން މީހުން ފޭބި ކަަމަށެވެ.

އެޑިޓަރުގެ ނޯޓު:

އިނގުރައިދޫން މީހަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް ބުނެ، ހަބަރު ގެނެސް ދެވުނީ މައުލޫމާތުގައި އެރި އޮޅުމަކުންނެވެ. އަދި އެ ރަށުން މީހަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް ބުނެ، ހަބަރު ގެނެސް ދެވުމާ ގުޅިގެން ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ.

ކިޔުންތެރިންގެ ހިޔާލު