ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުފެދި ބާރުގަދަވަމުންދާކަން ދޭހަވާފަދަ ގޮތަކަށް މީސް މީޑިއާޔާގައި މައުލޫމާތު ދައުވަމުން ދިޔަ ނަމަވެސް ދައުރުވަމުންދާ ފޮޓޯ އާއި މައުލޫމާތަކީ މިދިޔަ އަހަރު ނޮވެމްބަރުގައި ރާއްޖޭގެ އުތުރުން ދަތުރު ކުރި ކޮޅިގަނޑަކާއި ގުޅޭ ޚަބަރެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިދުވަސްވަރު މިފަދަ އެއްވެސް ކަމެއް މިސަރަހައްދުގައި ނެތްކަން އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

"ރާއްޖެ ސަރަހައްދަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރަޔަކީ ދެމޫސުން ބެދުމާއި ހުޅަނގު މޫސުމުގެ ވިއްސާރަ ފެށުމުގެ ގޮތުން ކުރަމުންދާ ވިއްސާރައެކެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވެއެވެ." މޫސުމާއި ބެހޭ ގައުމީ އިދާރާގެ ބަޔާނުގައި ވެއެވެ.

މޫސުމާއި ބެހޭ މައުލޫމާތަކީ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ކަމެއް ކަމުން މައުލޫމާތު ފެތުރުމުގައި ވީހާވެސް ސަމާލުވެލެއްވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އެދެއެވެ.

މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު މޫސުމާއި ބެހޭ ގައުމީ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާސްޓަރ

    ތިހާވަރަކަށް ސަމާލުވެވޭނީ. ދުވާލަކު ދެ ދަޅައަށް އެލާޓް ނެރެ ނެރެ ތިޔަ އެލާޓް ތަކަށް ރައްޔިތުން ދޭ ސަމާލުކަން ވެސް ގެއްލިއްޖެ މިހާރު.