ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މާލެ ސަރަޙައްދުގައި އާންމުންގެ ރެންޑަމް ސާމްޕަލްތައް ނަގަމުން ދަނިކޮށް، އޭގެތެރެއިން މީހެއްގެ ސާމްޕަލް މި ވައިރަސް އަށް ފައްސިވެއްޖެ އެވެ.

މިކަން ހާމަކޮށް މިރޭ ދަރުބާރުގޭގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، މިހާތަނަށް ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެކެއްގެ ސާމްޕަލް ފައްސިވެފައިވާ ކަމަށާއި، ކުރިޔަށް އޮތްތަނުގައި މިގޮތަށް ނަގާ ސާމްޕަލްތައް ވައިރަސް އަށް ފައްސިވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ނަމަވެސް ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ފައްސިވެފައިވާ ސާމްޕަލްއާއި ގުޅޭ ވޭދަނަ (ކޭސް) ގެ އިތުރު މަޢުލޫމާތެއް ޑރ. އަފްޒަލް ހާމައެއް ނުކުރައްވައެވެ.

ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައި ވަނީ، މިހާރު ނުހޯދި ހުރި ކްލަސްޓާތައް ދެނެގަތުމުގެ ބޭނުމުގައެވެ. އެގޮތުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އިދާރާތަކުން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮށްފައި ވެއެވެ.

މާލެ ސަރަޙައްދުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުން ދާއިރު، މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެއިންނެވެ. އަދި މިހާރު މާލޭގައި ވައިރަސް ފެތުރެމުން ދަނީ މުޖުތަމަޢު ތެރެއިންކަން ވަނީ ޔަޤީންކުރެވިފައެވެ. އެހެންކަމުން މިހާރު މި ބަލިމަޑުކަމުގައި ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައިވާއިރު، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 278 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެތެރެއިން 125 މީހުންނަކީ ދިވެހިންނެވެ. މި ބަލީގައި ދިވެހިންގެ އިތުރުން ރާއްޖެއިން ދެން އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ????

  މާލޭގައި ފެތުރޭތީ ކަލޭމެން ރަށްރަށަށް މީހުން ތިފޮނުވަނީ ނެތް ތަންތަނުގަވެސް ، ތިބަލި ފަތުރާކަށްނު!!

  24
  5
 2. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

  ރެންޑަމް ސާމްޕަލް ނަގަން ތިޔަ އުޅުއްވުނީ ސަރުކާރު ނޭވާހޮޅިއަށް އެޅުނީމަ ނޫންތޯއެވެ؟ ފިނިހަކަ ދުވެލީގައި އެއްވެސް ޕްލޭނެއްނެތި ސަރުކާރެއް ހިންގަންވީމާ ސަރުކާރެއް ފެއިލްވާނެ ވަރު ވިސްނަވާށެވެ! ވިއެޓްނާމަކީ 70 މިލިޔަން މީހުންގެ އާބީދެއް އޮތް ޤައުމަކަށްވާއިރު، އެޤައުމުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ހަމައެކަނި މިވައިރަހުގައި ނިޔާވެފައިވަނީ އެންމެ މީހެއްކަމާއި ވައިރަސް ޖެހިފައިވަނީ ޖުމްލަ 230 މީހުންނަށްކަން ދިވެހިރައްޔިތުންނަށް އެނގެއެވެ. އެންމެ 5 ލައްކައެއްހާ މީހުން 190 އެތައް ރަށެއްގައި ދިރިއުޅެމުންދާއިރު މުޅި ޤައުމަށް މިވައިރަސް އެތެރެކޮށް 300 އާއި ގާތްކުރާ ވަރަށް މިވައިރަސް މިޤައުމުގައި ތިބި މީހުންނަށް ޖެއްސިމީހެއް މިކަމުގެ ޒިންމާ އުފުލާކަށް ނުޖެހޭ ހެއްޔެވެ؟ ސަލާމަތީ ބާރުތަކުގެ ތެރެއަށްވެސް މިވައިރަސްގެ ނުރައްކާ ބޮޑުވެފަިވާއިރު، އަވަސް ފިޔަވަޅު އަޅުއްވައި ވައިރަސް މިޤައުމަށް އެތެރެކުރި ފަރާތަކާއި މެދު ޤާނޫނޫގެ ޙުކޫމަތު ޤާއިމް ކޮށްދެއްވަން މަސައްކަތްޕުޅު ނުކުރައްވާ ތިޔަތިއްބަވަނީ ތިޔަބޭފުޅުން މާތްﷲ ގަންދީ ކުރެއްވި ހުވަޔާއި އެއްގޮތަށްތޯއެވެ؟

 3. ބުރޯ

  އިންޑިޔާ އަށްކުރެވޭނެ އެއްވެސްކަމެއް ނެއް...ޗިއަނާގެ އެހީއަށް އެދިބަލަ.ރާއްޖޭގެ ހުރިހާ މީހުން ޓެސްޓް ކުރަން.އިންޑިއާއަށްވެސް ޓެއްސްޓް ކިޓްތަށް ވެސް ފޮނުވަނީ ޗައިނާއިން ޗައިނާގެ ހުންނާނެ ކެޕޭސިޓީީ.މަޖިލިސްގަ އުޅޭ ބުއްޅަބެޔަށް ވ.ސަލާމް