ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަސް މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުން މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވާ ޑރ. މޫސާ ހުސައިން ވިދާޅުވީ، މި ބަލި ޖެހިގެން އައިސީޔޫގައި ފަރުވާދެމުންދާ ފަސް މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން ދަނީ އޮކްސިޖެން ގުޅައިގެން ކަމަށެވެ.

ނަމަވެސް މިއިން އެއްވެސް މީހަކު އަދި ވެންޓިލޭޓަރަކަށް ނުގުޅާ ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން ހާލުބޮޑު މީހަކު މިރޭވެސް އައިސީޔޫއަށް ބަދަލުކޮށްފައި ވެއެވެ. އޭނާއަކީ އުމުރުން 70 އަހަރުގެ މީހެކެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސައިން ވިދާޅުވީ، އައިސީޔޫގައި ފަރުވާދެމުންދާ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިން ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިިވި މީހުންގެ ތެރެއިން މީހަކު މިރޭ ވަނީ ނިޔާވެފައެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ. ނަމަވެސް ކުރިން ނަގާފައިވާ ސާމްޕަލްއަކުން އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައިވާއިރު، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 280 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެތެރެއިން 125 ދިވެހިން ހިމެނެއެވެ. މި ބަލީގައި ދިވެހިންގެ އިތުރުން ރާއްޖެއިން ދެން އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާލެއިންނެވެ. އަދި މިހާރު މާލޭގައި ވައިރަސް ފެތުރެމުން ދަނީ މުޖުތަމަޢު ތެރެއިންކަން ވަނީ ޔަޤީންކުރެވިފައެވެ. އެހެންކަމުން މިހާރު މި ބަލިމަޑުކަމުގައި ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ނާޤާބިލް ސަރުކާރުގެ ވެރިން އަވަހަށް އިސްތިއުފާ ދެއްވާށެވެ! ދިވެހިރައްޔިތުން މިހާރު ތިޔަބައިމީހުންނަށް ބޮލެއް ނުލަނބައެވެ. ޤަޞްދުގައި ދިވެހިރާއްޖެއަށް ކޮރޯނާ ވައިރަސް އެތެރެކުރީ ތިޔަ ޣައްދާރުވި ސަރުކާރުގެ ވެރިން ބޯޑަރު ބަންދުނުކޮށް އަމިއްލައަށް މޮޅުވާންވެގެން އެތައް ބޮޑުންނެއް ބޭރުޤައުމުތަކުން ގެނަސް ދޫކޮށްލީމައެވެ. ދެން މިހާރު ތިޔައޮތީ ނޭވާހޮޅިއަށް އެޅިފައެވެ. ކިތަންމެ ވަރަކަށް ރައްޔިތުން ގުނބޯ ހައްދަން މީސްމީހުންގެ ގާތުގައި މިކަމުން އަރައިގަނެވޭނޭ ބުންޏަސް ޤަބޫލުކުރާނެ ދިވެއްސެއްނެތެވެ. ޕޮޒިޓިވްވާ ޢަދަދުތައް އެދަނީ ގަޑިއަކަށްވުރެން ގަޑިއެއް އިތުރުވަމުން މިހާރު 300 އާއި ކައިރި ކުރަނީއެވެ.