ކޮވިޑް-19 އާއި ގުޅިގެން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލަސްވެގެން މަރުވާ މީހުންގެ އަދަދު ގިނަ ނުވާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެ އެވެ.

ޑރ. އަލީ ލަތީފް މިގޮތަށް ވިދާޅުވެފައި ވަނީ، މިރޭ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރިޔަށްގެންދާ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ، ކޮވިޑް-19 ގެ އަލާމާތެއް ފެންނަ ފަރާތްތައް ބަލާނީ ބަލި ޖެހިފައިވެދާނެ މީހުން ކަމަށާއި، ނަމަވެސް ޓެސްޓުތަކުގެ ނަތީޖާ މުހިންމު ވަނީ އެކަން ޔަޤީންވެ އައިސޮލޭޝަނަށް އެފަދަ ފަރާތްތައް ފޮނުވުމަށް ކަމަށެވެ. އަދި މި ބައްޔަށް ފައްސި ނުވީނަމަވެސް، މި ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެ ފުރާނައަށް ނުރައްކާ ހާލަތަކަށް ގޮސްދާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

"ކޮވިޑް-19 ގެ ޕޭޝަންޓަކާއި ދިވާމެފައި ހުންނަ ބޭފުޅަކު އެއީ ހައިރިސްކް ކޮންޓެކްޓެއް ކަމަށްވާނަމަ، ހައިރިސްކް ސިމްޓަމް އައިސްޕި ކަމަށްވާނަމަ، ޓެސްޓެއް ހެދިޔަސް ނެހެދިޔަސް ޕޮޒިޓިވް ވިޔަސް ނުވިޔަސް އަޅުގަނޑުމެން ބަލަން ޖެހޭނީ އެ ވެދާނެ ކަމަށް ކޮވިޑް-19 އަށް" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފް ވިދާޅުވީ، މި ދުވަސްވަރު ގިނައިން ރެންޑަމް ސާމްޕަލް ނަގަމުންދާ ނަމަ ޓެސްޓު ކުރުމުގެ ކަންކަމަށް ދަތިތަކެއް އައިސްދާނެ ކަމަށާއި، ރެންޑަމް ސާމްޕަލްތައް ނަގަމުންދިޔައީ މިމަހުގެ ކުރީކޮޅު ކަމަށެވެ.

މާލެ ސަރަޙައްދުގައި ރެންޑަމް ސާމްޕަލް ނަގާފައި ވަނީ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައެވެ. މިގޮތުން ނެގި ސާމްޕަލްތަކުގެ ތެރެއިން އެކެއްގެ ސާމްޕަލް ކޮވިޑް-19 އަށް ފައްސިވެފައިވާކަން ރޭ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިރޭ ޑރ. އަލީ އިތުރަށް ވިދާޅުވެފައި ވަނީ، މި ބަލި ރާއްޖޭގައި ފެށުނުއިރު ކަންކަން ކުރަމުންދާ ގޮތާއި މިހާރު އަމަލުކުރާ ގޮތާއި ތަފާތުވެފައިވާ ކަމަށާއި، އެގޮތަށް ތަފާތު އަންނަނީ ރާއްޖޭގައި ބަލީގެ ހާލަތަށް ބަދަލު އަންނަ މިންވަރަކުން ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިހާތަނަށް ޖުމްލަ 7876 މީހެއްގެ ސާމަޕަލް ނަގާފައި ވެއެވެ. އޭގެތެރެއިން 280 މީހެއްގެ ސާމްޕަލް ފައްސިވެފައިވާއިރު، ނަތީޖާ ނުލިބޭ 800 އަށްވުރެ ގިނަ ސާމްޕަލް އެބަހުއްޓެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 1289 މީހަކު ތިބި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އައިސޮލޭޝަންގައި 286 މީހުން ތިބި ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައިވާއިރު، މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 280 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެތެރެއިން 125 ދިވެހިން ހިމެނެއެވެ. މި ބަލީގައި ދިވެހިންގެ އިތުރުން ރާއްޖެއިން ދެން އެންމެ ގިނައިން ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަރިކަތީބު

    ދެންތިހަދާ ޓެސްޓު ތައް ހުއްޓާލަންވީނު، ހާލުދެރަވެގެން ހޮސްޕިޓަލްގަ އެޑްމިޓިކުރީމަ ޓެސްޓް ހަދީނީ.

    19
    2
  2. ޢަބްދުލްޤާދިރު މުބާރިކް ޖީލާނީ

    ޑރ. ޢަލީ ލަޠީފް އަށް ވަރަށް ގިނައިން ވެދުމާއި ނުހަނު އިޙްތިރާމާއެކު ދަންނަވަމެވެ. ފެތޭ އޮޑިއެއްގެ ރިޔާ ދަށު ވެވަޑައިގަންނަވަނީތޯއެވެ؟ ދެން ޓެސްޓް ކިޓްގެ ވާހަކައާއި ނަތީޖާގެ ވާހަކަފުޅު ދެއްކެވުން ހުއްޓަވާލައްވާށެވެ! ކިތަންމެ ވަރަކަށް ދެން ތިޔަބޭފުޅުން މަސައްކަތް ކުރެއްވިޔަސް ސަރުކާރުގައި ދިވެހިރައްޔިތުން ސަލާމަތް ކުރާނެ ކެޕޭސިޓީ ނެތްކަމަށް ޑރ. ޝީނާ މޫސާ އެއޮތީ ނޫސްވެރިންގެ ބައްދަލުވުމުގައި މާކުރިންވެސް ވިދާޅުވެފައި ދެއްތޯއެވެ؟ ދެން މިހާރު ތިޔަބޭފުޅުންނަށް ރައްޔިތުންގެ ފުރާނަތައް ސަލާމަތް ކުރުމަށްޓަކައި ކުރެއްވޭނެ ކަމެއްނެތްކަމަށް ރައްޔިތުން ޤަބޫލުކޮށްފިއެވެ. ތިޔަބޭފުޅުން ބޯޑަރު ބަންދުކުރަން ގޮވާލީމާ އިޖާބަ ނުދިން ބީތާވެފައި އޮތް ސަރުކާރެއް ނޫންތޯއެވެ؟ ބަރަވެލި ދުވެލީގައި އޮތް މިސަރުކާރު ދިފާޢުކުރައްވައި ޕްރޮމޯޓް ކުރައްވަން ކިތަންމެ މިންނަތެއް ކުރެއްވިޔަސް ދިވެހިރައްޔިތުން މިތިބީ ސަރުކާރުދެކެ ފޫހިވެ އިސްތިއުފާދޭނެ އިރަކަށް ބަލަބަލައެވެ.