މިއަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ވަޅިން ހަމަލާ ދީފައިވަނީ ބަދަލު ހިފުމުގެގޮތުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިރޭ ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ރިޔާޒް ވިދާޅުވީ، ތިން ފަތުރުވެރިޔަކަށް ހުޅުމާލޭގައި ދިން އެ ހަމަލާއަކީ، ދީނީ ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ބަޔަކު ހިންގާފައިވާ ކަމެއް ކަމަށެވެ.

ރިޔާޒް ވިދާޅުވީ، މި އަމަލަކީމިދިޔަ އަހަރު ފަހުކޮޅު ރ. މަޑުއްވަރީގައި ފުލުހުން، ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ބަދަލުހިފުމެއްކަން އެނގިފައިވާ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވިދާޅުވެފައި ވަނީ، މި މައްސަލައިގެ ތަހުޤީޤު ނިމި ދަޢުވާ ކުރުމަށް މިހާރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް އަށް މީހަކު ގެންގޮސްފައި ވެއެވެ. މީގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ މަހުއެވެ. އަދި މިދިޔަ މާރިޗު މަހުގެ ދެވަނަ ދުވަހުވެސް މި މައްސަލަ އާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައި ވެއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި އަމަލީގޮތުން ހަމަލާ ދިނުމުގައި ބައިވެރިވި ހަތަރު މީހަކު ހިމެނޭ ކަމަށް މިރޭ ރިޔާޒް ވިދާޅުވިއެވެ. އަދި އެމީހުން ހަމަލާދިނުމަށް ބޭނުންކުރި ސައިކަލުތައް ހޯދައި، އެ ސައިކަލުތަކުގައި ބަދަލުކޮށްފައި ހުރި ނަމްބަރު ބޯޑުތައްވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހު ހުޅުމާލޭގައި ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ޗައިނާގެ ދެމީހަކާއި އޮސްޓްރޭލިއާ މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

    މިހިނގާ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ވަޅިން ހަމަލާ ދީފައިވަނީ ބަދަލު ހިފުމުގެގޮތުން ކަމަށް ފުލުހުން ވިދާޅުވިދާޅުވާއިރު، ޤައުމުގެ ވެރިން މިޤައުމުގެ ބޯޑަރު ބަންދުނުކޮށް ނުރައްކާތެރި ވައިރަސް އެތެރެކުރުމަށްފަހު، މިބަލާވެރި ވައިރަސްގެ ނުރައްކަލުގައި ދިވެހިރައްޔިތުން މަރުވެ ބިންފުރެމުންދާ މިފަދަ ނާޒުކީ ދަނޑިވަޅުގައި ރައްޔިތުންގެ ވިސްނާއި ފިކުރާއި ކުޅެލައި ފެތެމުންދާ ސަރުކާރުގެ ކިބުރުވެރިކަމާއި ބޮޑާކަމާއި ތަކައްބަރުކަން ދެއްކުމަށްޓަކައި ސަރުކާރު ޕްރޮމޯޓް ކުރަން ތިޔަބޭކަލުން ފަތުރާ ތިޔަ ޕްރޮޕެގެންޑާތަކަކީ ތިޔަބޭކަލުންގެ ޢިއްޒަތާއި ޤަދަރު ރައްޔިތުންގެ ކުރިމަތީގައި ކުޑަވެގެންދާ ކަމެކެވެ. އެހެނީ، ތަޙްޤީޤު މަރްޙަލާ ބަރަވެލި ދުވެލީގައި ކުރިޔަށް ދިޔުމަކުން ޤާނޫނުގެ ދިގުއަތް ޤާތިލުންނާއި ވާޞިލުވުމަށް އޮންނަނީ ހުރަހަކަށްވެފައި ކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. ދިވެހިރައްޔިތުންގެ އާދޭހަކީ މިވައިރަސް ރާއްޖެއަށް އެތެރެކުރަން ބޯޑަރު ބަންދު ނުކުރި ފަރާތެއްގެ މައްޗަށް ޖިނާއީ ތަޙްޤީޤު ހިންގަވާ ޤާނޫނުގެ ޙުކޫމަތު ތިޔަބޭކަލުން ހަލިއަވަސްކަމާއެކު ޤާއިމްކޮށްދެއްވުމެވެ. ވަލްޙަމްދުލިﷲ. ވަރަށް ބޮޑަށްޝުކުރިއްޔާ ތިޔަބޭކަލުންނަށް!