އދ. މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި އަލިފާން ރޯކޮށްލީ އެ ރަށަށް ޑިންގީއެއްގައި އެރި ބަޔަކު ކަމަށާއި މި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ރޭ ބުނެފިއެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު ރޯކޮށްލާފައިވަނީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އަމިއްލަ މީހެއްގެ އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްގެ 2 ލޯންޗާއި ދެ ޑިންގީއެއްގައެވެ. މި ހާދިސާގައި ހުރިހާ އުޅަނދުތަކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން، އެ އަމަލު ހިންގާފައި ވަނީ އެރޭ ފަތިހުގެ ވަގުތެއްގައި ޑިންގީއެއްގައި ރަށަށް ކައިރި ކުރި ބައެއް ކަން އެނގިފައިވާ ކަމަށެވެ. އަދި ލޯންޗުގައި ރޯކޮށްލުމަށްޓަކައި އެމީހުން ރަށުގެ ތޮށިގަނޑު މައްޗަށް އެރުމަށް ފަހު، ފުޅިއަކަށް އަލިފާން ރޯވާ ފަދަ އެއްޗެއް އަޅައި އޭގައި ރޯކޮށްލައިގެން ލޯންޗުތަކާއި ޑިންގީތަކަށް އުކާފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"މިހާތަނަށް ކުރި މަސައްކަތުން ލޯންޗުގައި ނުޖެހި، މޫދުގެ ތެރެއަށް ވެއްޓިފައި އޮތް ފުޅިއެއް ވަނީ ހޯދިފައި،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ތަހުގީގުގައި ހޯދަން ޖެހޭ ބައެއް ކަންކަން ހުރުމުން ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ވެސް ހޯދަމުންދާ ކަމަށެވެ. އަދި މިހާތަނަށް ލިބިފައި ހުރި ވީޑިއޯ ފޫޓޭޖްތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

"މި މައްސަލަ އާއި ލ. އަތޮޅުގައި ފުލުހުންގެ ލޯންޗެއް ރޯކޮށްލުމުގައި އަމަލުކޮށްފައިވާ ގޮތާއި އަދި މި ނޫން ވެސް ފަހަކަށް އައިސް ރާއްޖޭގައި ހިންގާފައި ހުރި ބައެއް އަލިފާނުގެ ހާދިސާތަކާ އެއްގޮތް ކަންތައްތަކެއް ހިންގާފައި ހުރި ކަން ފާހަގަކޮށްލެވޭ،" ރިޔާޒް ވިދާޅުވިއެވެ.

މަހިބަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަނދައިގެން ދިޔަ ލޯންޗުތައް ނަގައި ފަޅުތެރެއަށް އެޅިފައި ހުރި ކެމިކަލާއި ފައިބާގެ މެޓީރިއަލްސްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. އަދި ފަޅު ތެރޭގައި ހުރި އެއްޗެހި ނަގައި، ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި މީހަކު ހައްޔަރު ނުކުރި ނަމަވެސް، ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެގޮތުން ފަސް މީހެއްގެ ގެ ބަލައި ފާސްކޮށް، ބައެއް ޑިޖިޓަލް ހެކި ހޯދާފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

މަހިބަދޫ ފަޅުގައި އަޅާފައި އޮތް ފަސް ލޯންޗާއި ދެ ޑިންގީގައި އަލިފާން ރޯކުރުމުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައި ވިޔަސް އެކަން މިހާތަނަށް ތަހުގީގަށް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަކީ އެފަދަ ޖަމާއަތްތަކާ ގުޅުން ބާއްވާ މީހުން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހަކުރުޑީލަރު

  ފުޅާދާއިރާއެއްގައި ހަކުރު ޑީލްކުރަމުންދާ ޑީލަރުންކޮބާ..؟؟؟

  5
  1
  • ނަންނުބުނި

   މަޖިލީހުގެ ރައީސަކަށް ހުންނާނެ އެކަމުގެ ބޮޑު ގޮލާ

 2. އެސޮރު

  ހަކުރު ވިއްކާ މީިހުން އަތެއްނުވާނެ
  އަޑީގަ ތިބޭނީ ސިއާސީ ބޮޑުން