ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ނުވަތަ އައިސޮލޭޝަން ކުރަން ޖެހޭ މީހުން ބޭތިއްބުމަށް ރާއްޖޭގެ އުތުރާއި ދެކުނުން ދެ ރިސޯޓެއް ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުތުރާއި ދެކުނުން ހަމަޖެއްސި ދެ ރިސޯޓު ރެއާއި މިއަދު އެކްޓިވޭޓް ކުރަން ފަށާނެ ކަމަށެވެ. އަދި އެންމެން ގުޅިގެން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އުތުރުން ކަރަންޓީން/އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ހަމަޖެއްސީ ދޮނަކުޅީގައި ހިންގަމުން އަންނަ ހައިޑްވޭ ރިސޯޓެވެ. އަދި ދެކުނުން ކަރަންޓީން/އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ހަމަޖެއްސީ ހެރެތެރެއެވެ. ދެ ރިސޯޓުގެ ތެރެއިން ހައިޑްވޭއަކީ 100 ކޮޓަރީގެ ރިސޯޓެކެވެ. އަދި ހެރެތެރެއަކީ 270 ކޮޓަރީގެ އެނދެކެވެ.

މި ރިސޯޓުތަކުގެ ތެރެއިން ދޮނަކުޅީގައި ބަލި ޖެހުނު ބައެއް މީހުން ވަނީ ބައިތިއްބަން ފަށައިފައެވެ. އޭގެ ތެރޭގައި ށ. ނަރުދޫން ފައްސިވި މީހުން ހިމެނެއެވެ.

އަތޮޅުތަކުން މި ބަލި މިހާތަނަށް ފެނިފައި ވަނީ ނަރުދޫގެ އިތުރުން ހއ. އުލިގަމާއި ށ. މިލަންދޫ އަދި ކ. ތުލުސްދޫންނެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުން އަންނަނީ ފަރުކޮޅުފުއްޓާއި އއ. ވެލިދޫ ރިސޯޓާއި ބަންޑޮސް އައިލެންޑް ރިސޯޓުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަދި މީހުން ކަރަންޓީން ކުރުމަށް ގިނަ ރިސޯޓުތަކެއް މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 280 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މި ބަލި ޖެހިގެން ދިވެއްސަކު ރޭ ވަނީ ނިޔާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހީހީހަލާކުވާނެ

    މެދުރާއްޖެތެރެ ކޮބާތޯ؟ދޫކޮށްލެއްވީތޯ؟ ވަގުތު ޖެހުމުން ތައްޔާރަށް އޮންނަ ސަރުކާރު

    10
    1
  2. ޖުޑީ

    މަށަކީ ކޮވިޑާ ގުޅިގެންނޭ ކިޔާފަ އެންމެ ފަހު ގެސްޓް މީހާ ފުރި ދުވަހުނޫން އަނެއް ދުވަހު އެއްމަހު ނޯޓިސްދީފަ ހައިޑަވޭއިން ކަނޑާލި މުވައްޒަފެއް. މިޔަދު ހައިޑަވޭއިން ދައުލަތަށް ދައްކަންޖެހޭ ކުލި މާފުކޮށްދީފަ ކަރަންޓީނަށް ގެންދާ ކޮންމެ ބޮލަކަށް މަދުވެގެން ދުވާލަކަށް -/750 ރުފިޔާ ރައީތުންގެ ލާރިން ދިނުމަކީ އިންސާފުތޯ؟ މީތޯ ސަރުކާރު މިނިސްޓަރުން އަޑަށް ބާރުލާފަ އެފަދަ ފަރާތްކަށް އަޅާނަމޭ ބުނި ފިޔަވަޅަކީ؟

    13
    1
  3. މޫސުން

    ކުރިއަށް އޮތީ ހުޅަނ ގު މޫސުން! ތިހިސާބު ދުރު ރަށްރަށު ގައި މީހުން ބޭތިއްބުމުން ބެލެހެއްޓޭނެތޯ؟! ހުޅަނ ގު މޫސުމު ގައި ރާއްޖޭ ގަ ދަތުރު ކުރުމަކީ ނުރަށްކާ އަދި އުނދަ ގޫ ކަމެއް! ތި ރަށްރަށައް ކާބޯތަކެތި، ބޭސް އަދި ބޭސްވެރިން މިހާރުއްސުރެން ކަށަވަރު ކަމާ އެކީ ފޯރު ކޮށް ދެވޭނެކަން ޔަ ގީން ކުރެވެން އެބަ ޖެހޭ! ﷲ ގެ އިރާދަ ފުޅުން މި ކަމުން ސަލާމަތް ވެވޭނީ ކުރިއަށް ވިސްނައި ބުރަ މަސައްކަތް ކޮއް ގެން!

  4. އައްޑޫ ލެއި

    ކުރިން ވެސް ތިގޮތަށް ތިކަން ކުރެވެން އޮށް ދޯ ރިސޯޓްގަ25ދުވަހު ކަރަންޓީނުގަ ހުރެފަ ރަށަށް ދާން މާލެއައީމަ އަނެއްކާ އިތުރު 14ދުވަސް. މިހާރު އަނެއްކާ އިތުރު 14ދުވަހައް ހެރެތެރަށް ފޮނުވަން. ކުރިން ވެސް ތިހެން ތިކަން ކުރިނަމަ މިހާރު އަހަރުމެން ތިބޭނީ މައިންް ބަފައިންނާއި އާއިލާ ކާރީ.

  5. ދިވެހިން

    ތިތަންތަނުގެ ޒަމާންދަނީ

  6. ވަގުތީ ދުނިޔެ

    ޢަލީ ވަޙީދޫ. ދެން އިސްތިއުފާ ދެއްވާ! ކޮބާތޯ؟ ކޮބާތޯ؟ ވެންޓިލޭޓަރުތައް ކޮބާތޯ؟ ކޮބާތޯ؟ ފްލޯޓިންގ ހޮސްޕިޓަލް! ކޮބާތޯ ކޮބާތޯ؟ އެންމެ ނުރައްކާތެރި ޙާލަތަށްވެސް ތައްޔާރޭ ވިދާޅުވި ބަސްފުޅު! ކޮބާތޯ؟ ކޮބާތޯ؟ ދައުލަތުގެ ޚަޒާނާ! ކޮބާތޯ؟ ކޮބާތޯ؟ ރާއްޖެ އެތެރެވާން ހުއްދަ ނުދިން ދެމަފިރިން އެންމެ ފަހުން ސިލޯނަށް ފުރުވާލާފައި ފައިވްސްޓަރ ރިސޯޓެއްގައި ބޭތިއްބީމު. ކޮބާތޯ؟ ކޮބާތޯ؟ ބޫމް ބޫމް.