ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓަށް އަރާ ފޭބުމުގެ ހުއްދަ ހެލެތް ޕްރޮޓެޝަން އެޖެންސީ (އެޗްޕީއޭ) އިންދީފިއެވެ.

ކުރެއްދޫ ރިސޯޓުން ކޮވިޑް-19 އަށް ފައްސިވީ 2 ފަތުރުވެރިންނާއި 3 މުވައްޒަފުންނެވެ. އޭގެ ތެރޭގައި ކުރެއްދޫގެ ޑޮކްޓަރު ހިމެނެއެވެ.

އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮރިކުރައްވާ ފޮނުވި ސިޓީގައި ބުނެފައި ވަނީ، ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށަށް ދަތުރު ކުރުން ހުއްޓާލުމަށް އެންގި އެންގުމުގެ 5 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަކޮށްފައިވާ ކަަމަށާއި، އެހެންކަމުން މިއަދުން ފެށިގެން އެ ރިސޯޓުން މީހުން އަރާ ފޭބޭނެ ކަމަށެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށްފައި އޮންނަތާ 54 ދުވަސް ފަހުން އެ ހުއްދަ ލިބުނުއިރު، އެރަށު އެންމެން ވަނީ ކޮވިޑް-19 އަށް ޓެސްޓު ހަދާފައެވެ.

ސަރުކާރުން ވިދާޅުވިގޮތުގައި، ރަށުގެ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނިންމާފައި ވަނީ އެރަށުގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޭ ބެލުމަށެވެ. އެގޮތުން އެރަށުގެ 649 ސާމްޕަލެއް ވަނީ ނަގާފައެވެ.

ކުރެއްދޫގައި މަސައްކަތްކުރާ މުވައްޒަފުން އެ ރިސޯޓުން ނުފުރި ތިބޭތާ ދެ މަސް ފަހުން އެ ހުއްދަ ލިބުނުއިރު، އެ މީހުން ކޮންމެ ދުވަހަކުވެސް ދަނީ އެކަމުގެ ޝަކުވާތައް ކުރަމުންނެވެ.

އެރަށުން ކޮވިޑް-19 ޖެހުނު އެންމެންވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 396 މީހެކެވެ. އޭގެ ތެރެެއިން އެކަކު ވަނީ ރޭގެ ވަގުތެއްގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސީ

    ހުމަންރައިޓްސް ކޮމިސަނުން އެބަޖެހޭމިކަންބަލަން މީހަމަސީދާ ވަކިމީހަކައްޖެްްސުމައް ކުރިކަމެއް.