ހިޔާ މަޝްރޫއުގެ 12 ކެޓަގަރީގެ ފްލެޓުތަކަށް ކުރިމަތިލުމަށް ފޯމު ދޫކުރުން މި މަސް ތެރޭގައި ފަށާނެކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިގޮތަށް ވިދާޅުވީ، މިރޭ ކުރެއްވި ޓުވީޓެއްގައެވެ. މުއިއްޒު ވިދާޅުވީ، މި ފްލެޓުތަކަށް ފޯމު ދޫކުރުން އޮންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. ފޯމު ދޫކުރުމަށް އެ މާލަން ހާއްސަކޮށް ތައްޔާރު ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެެވެ،

މިކަމާ ގުޅޭ މައުލޫމާތު، އެ ދުވަހު ބާއްވާ ޕްރެސް ކޮންފަރެންސްގައި ހާމަކުރައްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްޤީ ކުރަމުންދާ 7000 ފްލެޓް ދިނުމަށް ނިންމާފައިވާ 11 ދާއިރާއަކީ:

- ސިވިލް ސާވިސް: 1،000

- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ ރައްޔިތުންނަށް: 1،000

- މާލޭގެ ރަށްވެހިންނަށް: 1،000

- ޑޮކްޓަރުންނާއި ނަރުހުންނަށް: 475

- ޓީޗަރުންނަށް: 625

- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044

- ފުލުހުންނާއި ސިފައިންނަށް: 600

- އެކަނިވެރި މައިންނާއި ބަފައިންނަށް: 400

- ނުކުޅެދޭ އާއިލާތަކަށް: 200

- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300

މިނިސްޓަރ މީގެ ކުރިން ވަނީ، 7،000 ފްލެޓް ލިބޭ މީހުން ކަނޑައަޅައި އަންނަ އޮގަސްޓު މަހުގެ ކުރިން ލިޔުން ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ.