ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދު ފުރަބަންދު ކުރުމުގެ ސަބަބުން މާލެ އަށް ނާދެވިފައި ތިބި ފަރާތްތަކުގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފުރަބަންދާއި ގުޅިގެން މާލެއަށް ނާދެވިފައި ތިބި މީހުން، އަންނަ މޭއި މަހުގެ ތިން ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، އެ ކައުންސިލާއި މަޢުލޫމާތު ޙިއްސާކުރުމަށް އެދޭ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ، އެފަދަ ފަރާތްތަކަށް އެ ކައުންސިލްގެ ނަންބަރު 9955788 އަށް މެސެޖު މެދުވެރިކޮށް މަޢުލޫމާތު ޙިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން ފޮނުވާ މެސެޖުގައި ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި، އަތޮޅާއި ރަށް ހިމެނޭގޮތަށް ދާއިމީ އެޑްރެސް އަދި މޯބައިލް ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނުމަށް ކައުންސިލުން އެދިފައި ވެއެވެ.

މީގެ އިތުރުން މާލެއިން ފުރި ތާރީޚާއި، މާލެއަށް ދަތުރުކުރަން ބޭނުންވާ ސަބަބު މި މެސެޖުގައި ހިމެނުމަށް ސިޓީ ކައުންސިލުން އެދެއެވެ.

ފުރަބަންދާއި ގުޅިގެން މާލެއަށް އެނބުރި ނާދެވިފައި ތިބި ފަރާތްތަކުން މަޢުލޫމާތު ޙިއްސާކުރުމަށް މާލޭ ސިޓީ ކައުންސިލުން އެދިފައި ވާއިރު، ރާއްޖޭގެ އެކި ރަށްރަށަސް އެކި ބޭނުންތަކުގައި ގޮސް ތިބި މީހުންގެ ތެރެއިން ރަށަށް ނުދެވިފައި ތިބި ފަރާތްތަކުން މަޢުލޫމާތު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ހޯދާފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތަށް ހުރިހާ ރަށެއް ވެސް ވަނީ ފުރަބަންދުކޮށްފައެވެ.

މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން ދާތީ އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، އިއުލާނު ކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިއްޔެ ވަނީ އިތުރު 14 ދުވަހަށް އިތުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ފުރަތަމަ ކަލޭމެން ބަލަންވީ މާލެ ލޮކްޑައުންކުރިފަހުން މާލެއިން ރައްރަށައް ނުދެވިތިބިމީހުންގެތެރެއިން ކަލޭމެން ހިތްއެދޭ ކިތައްމީހުންބާއޭ ފޮނުވުނީ

    އެވެސް ކަރަންޓީނަކާނުލާ!އައްޑޫއަށް މިފޮނުވާމީހުން ކަރަންޓީނުނުކުރީ އެތަނައްވެސް ބަލިޖައްސަންތޯއޭ!ރިޒޯޓުގަ 14ދުވަސް ކަރަންޓީންވެގެންތިބެފަ ރަށައް އަންނަން މާލެދިޔަދުހު މާލެ ލޮކްޑައުންކުރީ!ދެން މާލެތެރޭތިބެފަ ކުއްލިއަކައް ރަށައްފޮނުވީމަ ވަނީކިހިނެއްތޯމިކަންކަންބަލާބަލަ

    9
    1
  2. ނަގުލު ފިއްތި

    ނާދެވިފަ ތިބި މީހުންނަށް ވުރެ ކުރިން އަހަރުމެން މިތަނުން ނުދެވިގެން އުޅޭ މީހުން ފޮނުވަބަލަ. ކޮންއިރަކު ބާ އައްޑޫއަށް ނިސްބަށްވާ މީހުން ކެނެރީފަށް ބަދަލު ކުރަނީ.

    13
  3. ޖަގަހަ ހަސަނު

    ގޭމުޖެއްސުމުގެ ނަމުގާ ކުރާކަމެއް މަޖިލިސް މެންބަރު ގަވައިދާ ހިލާފަށް މާލެ އެރުމުން އެކަންފޮރުވުމުގެ ނަމުގައި ހިންގާ ބޮޑުޖަރީމާ އެއް މީގެކުރިންވެސް ރައްޔަތުން ތިބީ އެއްބަޔަކު މާލެއިން ރަށަށްނުދެވި އަނެއްބަޔަކު ރަށުންމާލެ ނާދެވިފަ .

    10
    2