އިތުރު 5000 ޓެސްޓު ކިޓާއި 500 ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ސެޓް އަދި 15 ވެންޓިލޭޓާރު ރާއްޖެއަށް ގެނެސްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްެދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، މި ތަކެތި ގެެނެސްފައި ވަނީ ތައިލެންޑުންނާއި ސިންގަޕޫރަށް ގޮސް މިރޭ ރާއްޖެ އައި ކާގޯ ބޯޓުން ކަމަށެވެ.

މީގައި 500 ޓެސްޓު ކިޓާއި، 5000 މާސްކާއި، 500 ޕީޕީއީ އަދި 15 އޮޓޯ ބައިޕާޕް ނޮން އިންވޭސިވް ވެންޓިލޭޓާސް ހިމެނޭ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ތަކެތި ރާއްޖެ ގެނެސްފައިވާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 8008 މީހެއްގެ ސާމްޕަލް ނަގާފައެވެ.

ރާއްޖެެއިން އެންމެ ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާރިޗް މަހުގެ ކުރީކޮޅުއެވެ. އަދި އޭގެ ފަހުން މަދު މަދުން ކޭސްތައް ފެންނަމުން އައިސް އޭޕްރިލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19ގެ މީހަކު ފައްސިިވި ފަހުން މާލެ އިން ފެންނަ ވޭދަނަ (ކޭސް)ތައް ދަނީ އިތުރުވަމުންނެވެ.

މިއަދުވެސް 119 މީހަކު ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 396 އަށް އަރާފައެވެ. މީގެ ތެރެއިން އެކަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.