ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދެއްގައި އޮތް އިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 100 އަށް ވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި ކްލިއާކޮށްދިނުމަށް ކަމަށެވެ. އަދި މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ތެރޭގައި ހެވީ ވެހިކަލް އޮޕަރޭޓް ކުރާ މީހުންނާއި ބަސް ޑްރައިވަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވއިެވެ. އެ މަސައްކަތްތަކުގައި އެމްޕީއެލް މުވައްޒަފުން އުޅެމުންދާ އިރު، އެންމެ ބޮޑު ބޭނުމަކީ އެމީހުން ބައްޔަށް ހުށަހެޅޭ މިންވަރު މަދު ކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެންމެ ބޮޑު އެއްކަމަކީ މުވައްޒަފުން ބައްޔަށް ހުށަހެޅޭނެ މިންވަރު ވީހާވެސް ބޮޑަކަށް މަދުކުރުން. މިސާލަކަށް ބޯޓުން މުދާ ބާލައިގެން ގެނެސްފައި ގުދަނުގައި ޖައްސާފައި، ދެން ލޮރީއަށް ބަރުކުރަން ފަށާ ހިސާބުން، އެހިސާބުން އަޅުގަނޑުމެންގެ މުވައްޒަފުންނާއި މަޖޫރީންނާއި ވީހާވެސް ދުރުން މަސައްކަތް ކުރުން" ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްގެ މަސައްކަތްތައް ރާވާފައި ވަނީ މުވައްޒަފުން ކޮވިޑް-19 އަށް ހުށަހެޅޭނެ މިންވަރު ވީހާވެސް މަދުކުރެވޭނެ ގޮތަކަށް ވިސްނައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތުގައި އެމްޕީއެލްގެ މަސައްކަތަށް ބުރޫ އަރާފައިވާ ކަމަށާއި އެމްޕީއެލްގެ ޚިދުމަތް ދެމުން އައި އެތައް ބަޔަކު މިހާރު ވެސް ގޭގައި ފުރަބަންދުވެފައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މިއަދު ވިދާޅުވި ގޮތުގައި، އެމްޕީއެލްގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެމްޕީއެލްގެ މުވައްޒަފެއް ކޮވިޑް-19 އަށް ފައްސިވިކަން އެނގިފައި ވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިން ކަމަށާއިއެ މުވައްޒަފު އެންމެ ފަހުން އެމްޕީއެލްގައި މަސައްކަތްކޮށްފައި ވަނީ މިދިޔަ އޭޕްރިލް 18 ވަނަ ދުވަހު ކަމަށް ޝާހިދު ވިދާޅުވިއެވެ.