ތަމްރީންތަކެއް ފުރިހަމަ ކުރުމަށް ފަހު، އިންޑޮނޭޝިއާ އިން ރާއްޖެ އައި ދިވެހި ފަޔަ ފައިޓަރުންނަށް ޝަރަފްގެ ކުރުނީހެއް ރޭ ދީފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ގައުމުތަކުގައި ތިބި މީހުންގެ ތެރެއިން ރާއްޖެ ނާދެވި، ތާށިވެފައި ތިބޭ ދިވެހިން ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދިވެހި ސަރުކާރުގެ އެހީއާ އެކު، ރޭގެ ވަގުތެއްގައި އިންޑޮނޭޝިއާގައި ތިބި 18 ދިވެއްސަކު ރާއްޖެ ވަނީ ގެނެސްފައެވެ.

އެމީހުންނަކީ ތަމްރީންތަކެއް ފުރިހަމަ ކުރުމަށް އިންޑޮނޭޝިއާ އަށް ދިޔަ ބައެކެވެ. އެކަމަކު، އިންޑޮނޭޝިއާގެ ބޯޑަރުތައް ބަންދުކޮށް، ބައިނަލްއަގުވާމީ ފްލައިޓުތައް ދަތުރު ކުރުން މެދުކަނޑާލީ ދިވެހިން އެ ގައުމުގައި ތިއްބައެވެ. އެހެންވެ، އެމީހުން ރާއްޖެ އައުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ.

މޯލްޑިވްސް އެއާޕޯޓު ފަޔަ އެންޑް ރެސްކިއު އިން ކުރި ޓުވީޓެއްގައި ވެސް ބުނީ އިންޑޮނޭޝިއާގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ، ދިވެހިން ތަމްރީންތައް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ ނާދެވި ތާށިވި ކަމަށް އެ ޓުވީޓުގައި ބުންޏެވެ.

އެ މީހުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ޝަރަފުގެ ކުރުނީހެއް ދީފައި ވާނެ ކަމަށް ވެސް އެ ޓުވީޓުގައި ބުންޏެވެ. އެ ޓުވީޓުގައި ވަނީ ދިވެހިން ރާއްޖެ ގެނައުމުގައި މެލޭޝިއާގައި ހުންނަ ހައި ކޮމިޝަނުން ކުރި މަސައްކަތް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުންދާތީ، ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ބަންދުކޮށްފައިވުމުގެ ސަބަބުން، ރާއްޖެ ނާދެވި ގިނަ ދިވެހިންތަކެއް އެކި ގައުމުތަކުގައި ވަނީ ތާށިވެފައެވެ. އެގޮތުން، ރާއްޖެ ނާދެވިފައި ތިބި ބައެއް ދިވެހިން މީގެކުރިން ރާއްޖެ ގެނެސްދީފައިވެއެވެ.

އޭގެތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާ އާއި ނޭޕާލާއި ބަންގްލަދޭޝް އާއި ރަޝިއާ ފަދަ ގައުމުތަކުގައި ތިބި ދިވެހިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަންމު

    އެއީ އެމްއޭސީއެލްގެ ފަޔަރަށް އަލަށް ވަން ކުދިން ޓްރެއިނިންގ ނިންމާލާފަ އެއައީ.މިދަނޑިވަޅުގައި އެމްއޭސީއެލްގެ ފަޔަރުގެ މުވައްޒަފުން ކުރަމުންދަނީ ވަރަށް މުހިންމު އެހާމެ ނުރައްކާތެރި ހިދުމަތެއް ގައުމަށް.ނަމަވެސް އެމްއޭސީއެލްއިން އެކަން އިސްތިހާރު ނުކުރާތީ ނޭނގެނީ.

    17
    2