ފުވައްމުލަކު ލިންކް ރޯޑުގައި ގިނަ ބަޔަކު ފިނި ބުރު ޖަހަން ނުކުންނާތީ އެ މަގު ވަކި ވަގުތެއްގައި ބަންދު ކުރަން ނިންމައިފިއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައި ގިނަ ރަށްތަކުގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ޒަރޫރީ ބޭނުމެއް ނެތި، މީހުން މަގުމަތީގައި އުޅުން މަނާކޮށްފައިވާ އިރު، އިޖުތިމާއީ ގައިދުރު ކަން ފަރިތަ ކުރުމުގެ މަސައްކަތް ހުރިހާ ރަށެއްގައި ހެން ދަނީ ކުރަމުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން އެ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 4 ން ފެށިގެން މެންދަމު 12 އާ ހަމައަށް އެ ސިޓީގެ ލިންކް ރޯޑް (ނައިބު ތުއްތު މަގު) ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި އެ ވަގުތުތަކުގައި އެ މަގު ބޭނުން ކުރެވޭނީ ފުލުހުން ހުއްދަ ދޭ ފަރާތްތަކަށް އެކަނި ކަމަށް ވެސް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިއުލާންގައިވެއެވެ.

މީގެ އިތުރުން، ޒަރޫރީ ބޭނުންތަކުގަައި ފިޔަވައި އެހެން ކަންކަމުގައި ގެއިން ބޭރަށް ނުކުތުން ވެސް މަނާވާނެ ކަމަށާއި ޒަރޫރީ ބޭނުމެއްގައި ބޭރަށް ދާ ނަމަ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު އިއުލާންގައި ވަނީ ބުނެފައެވެ.

އަދި މި އެންގުންތަކާ ހިލާފުވާ މީހުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް ސިޓީ ކައުންސިލުން ވަނީ ދީފައެވެ.

ފުވައްމުލަކު ލިންކް ރޯޑަކީ އެ ސިޓީގެ ބަނދަރުން ފެށިގެން ރަށުގެ އުތުރުކޮޅާ ހަމައަށް ރަނގަޅު ފެންވަރެއްގައި ހަދާފައިވާ ރަށެކެވެ. އެ މަގު ވަކި ގަޑިތަކެއްގައި ބަންދު ކުރަން ނިންމިޔަސް، ފުވައްމުލަކުގެ އެހެން މަގުތައް ބަންދު ކުރަން ސިޓީ ކައުންސިލުން އެދި ނިންމާފައެއް ނުވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި އުނދަގޫތައް އިންތިހާ އަށް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެކަމަކު، މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެހެންވެ، ފުވައްމުލަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން މިކަމަށް އެއްބާރުލުން ދިނުމަށް ކައުންސިލުން އެދެއެވެ.

ރާއްޖެ އިން މިހާތަނަށް 491 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބައްޔަށް ޝައްކު ކުރެވޭ ބައެއް މީހުންގެ ޓެސްޓްތައް ފުވައްމުލަކުގައި ވަނީ ހަދައިފައެވެ. ނަމަވެސް، މިހާތަނަށް ބައްޔަށް ޓެސްޓް ކުރި އެންމެން ވެސް ނައްސި (ނެގެޓިވް) ވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަންސާރު

    ސާބަހޭ މަގުމަތީ ޕާޓޭއިން ހުއްޓުވާ...

  2. ޕުޗުސް ޕުޗުސް

    އޭރުވެސް ބުނިން. އަދި އެއްފަހަރު ބުނެލާނަން. މިގޮތައް ނިކުމެ އުޅޭ މޮޔަ މީހުންނާ ހެދި ބޮޑެތި ގައުމުތައްވެސް ފުނޑިގެން އެދަނީ. ސަރުކާރާ މިގައުމު އަޑިން ހިންގާ މީހުންނާ ރިސޯޓު ބޮޑުންނާ ހެދި ކޮރޯނާ ރާއްޖެއާ ހިސާބަށް އައީ. މިއީ ހަގީގަތް. ނަމަވެސް ދެން މިކަން ހުއްޓުވުން އޮތީ ރައްޔިތުން އަތްމަތީ. ހެޔޮ ނުވާނެ ދިވެހި ދަރިންނޭ. ގޭގަ އޮވޭ.

  3. ދިވެހިން

    މަގުމަތީގަ އުޅުމުގެ ހައްގުވެސް ހިފެހެއްޓީދޯ؟ އަނބީމީހާގާތު ރޭކުރުންވެސް ހުއްޓުވާތި!

    1
    13